ޚަބަރު

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ފުލުހުން ދެމީހަކު ހޯދަނީ

އިބްރާހިމް ޒަކީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ބޭނުންވާ ދެމީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ހޯދަމުންދަނީ އަންހެނަކާއި ފިރިހެއް ކަމަށެވެ.

ކޯޓު އަމުރާ ގުޅިގެން ހޯދަމުންދަނީ، ކ.މާލެ ދަފްތަރު ނަންބަރު 6630 އައިމިނަތު ލަތީފާ 47 އަހަރު، އާއި ކ.މާލެ މއ. ބިންމާވިލާ، އިސްމާއިލް ވަހީދު 49 އަހަރު، ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެމީހުން ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެމީހުން ހޯދަމުން ދަނީ ބަންދުގައި ބަހައްޓައިގެން މިމަހު 14 ވަނަ ދުވަހުގެ 10:30 އަށް ހޯޓަށް ހާޒިރުކުރަން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެމީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.