ޚަބަރު

ރައީސް ޔާމީންގެ މަައްޗަށް ޝަރީއަތް ހިންގަނީ ތަހުގީގު ކުރި މައްސަލައާ ގުޅިގެނެއް ނޫން: ވަކީލުން

ފަތޯނާ ފާއިޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ޝަރީއަތް ހިންގަނީ ތަހުގީގު ކުރި މައްސަލައާ ގުޅިގެން ނޫން ކަަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑަައިގަންނަވާ އަބްދުﷲ ޝިޔާޒު ވިދާޅުވެއްޖެއެެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ދެ ފަރާތުގެ ހުލާސާ ބަޔާން އިއްވުމެވެ. ފަސްގަޑިއިރަށް ދެމިގެން ދިޔަ ޝަރީއަތުގެ މަޖިލީހުގައި ނިންމާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ރައީސް ޔާމީންއަށް ހުކުމް ކުރުމަށެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ފަރާތުން ހުށަހެޅި ހުލާސާ ބަޔާނުގައި، ދައުވާއިން ބަރީއަ ވުމަށް ދިފާއުގައި ގިނަ ކަންތައްތަކެއް ވަނީ ހުށަހަޅައިފައެވެ. އަދި ޕީޖީގެ ޕްރޮސިކިއުޓާގެ ފަރާތުން ހުށަހެޅުއްވި ހުލާސާ ބަޔާނުގައިވެސް އެ ފަރާތުން ހުށަހެޅި ހެކިތަކަށް ބިނާކޮށް، ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ގިނަ ނުކުތާތަކެއް ވަނީ ހިމަނައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.

ދައުލަތުން ތުހުމަތު ކުރަނީ އެއީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ އަގުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއްމިލިއަން ޑޮލަރު ކަމަށެވެ.

ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވުމަށްފަހު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާ އަކީ ދައުލަތުން އެމަނިކުފާނުގެ މަައްޗަށް ކޮންމެވެސް ދައުވާއެއް ކުރުމުގެ ނިޔަތުގައި ކުރި ދައުވާއެއްކަން ކަމުގައެވެ.

"މި މައްސަލައަކީ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ކުރާ ތުހުމަތަކަށް ކުރާ ދައުވާއެއް" ވަކީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުން ހިންގި ތަހުގީގުގައި ރައީސް ޔާމީންއާ ސުވާލު ކުރީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން މައްސަލައެއްގައި ކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރީ މަނީ ލޯންޑަރ ކުރި ކަމުގެ ތުހުމަތުގައި ކަމަށެެވެ. އަދި ވިދާޅުވީ ރައީސް ޔާމީންއަށް އެނގިހުރެ، މަނީ ލޯންޑަރ ކުރެވުނުކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ އަކީ ބާތިލު ދައުވާއެއް ކަމަށް ޝިޔާޒް ވިދާޅުވިއެވެ.