ޚަބަރު

އެއްވުމަށް ހުރަސްއަޅައި، މީޑިއާގެ މިނިވަންކަން ނިގުޅައިގަތް ކަމަށްބުނެ އިދިކޮޅުން އެކަން ކުށްވެރިކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

1

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން މިއަދު ކްރިމިނަލް ކޯޓް ސަރަހައްދުގައި ބޭއްވި އެއްވުމަށް ހުރަސްއަޅައި، މީޑިއާގެ މިނިވަންކަން ނަގާލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެކަން ކުށްވެރިކޮށްފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަދު ބޭއްވި އެއްވުމަކީ ރައީސް ޔާމީންގެ ޝަރީއަތް ނިމެން ކައިރިވެފައިވަނިކޮށް، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް، އެސަރަހައްދަށް އެއްވި ސަޕޯޓަރުން ބޭއްވި ސުލްހަވެރި އެއްވުމެއް ކަމަށެވެ.

ނަމަވެސް އެއްވުމުގެ ތެރެއިން ކޮންގްރެސް ޕާޓީގެ ކައުންސިލް މެންބަރަކު ވަރަށް އަނިޔާވެރި ގޮތަކަށް ހައްޔަރުކުރި ކަމަށާއި އެ މެމްބަރު ދޫކޮށްލުމަށް ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، އެއްވުން ކަވަރު ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ޗެނަލް13ގެ މީޑިއާ ކުރޫއަކަށް މިނިވަންކަމާއެކު ކަވަރޭޖު ގެނެސްދިނުމަށް ފުލުހުން ހުރަސްއެޅި ކަމަށެވެ. އެގޮތުން އެ ޓީވީ ޗެނަލްގެ މުވައްޒަަފުން ބޭނުންކުރި މައިކާއި ކެމެރާފަދަ އާލާތްތައް އަނިޔާވެރި ގޮތަކަށް އަތުލަން މަސައްކަތްކޮށް، މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅަން ފުލުހުން މަސައްކަތް ކުރި ކަމަށް ބުނެފައިވެއެވެ.

އެކަން ކުށްވެރިކޮށް ބަޔާނުގައިބުނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ދަށުން މިއަދު ބޭއްވި ސުލްހަވެރިއެއްވުމަށް ހުރަސްއަޅައި މީޑިއާގެ މިނިވަންކަން ނިގުޅައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެފަރާތްތަކަށް ލިބެންޖެހޭ އެފަދަ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.