ވިޔަފާރި

މަންޓާ އެއާގެ ފުރަތަމަ ސީޕްލޭން ރާއްޖެ ގެެނެސްފި

ފަތޯނާ ފާއިޒު

މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް ފެށުމަށް ގެންނަ 10 ސީޕްލޭންގެ ތެރެއިން ފުރަތަަމަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފިއެެވެ.

މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ސީޕްލޭން އޮޕަރޭޝަންތައް ފެށުމަށްޓަކައި މިއަދު ގެނައި އުުޅަނދަކީ ޑީއެޗްސީ-ސިކްސް ޓްވިން އޮޓާ އެކެވެ. މަންޓާއިން ބުނީ އެ އެއާލައިނުން މިމަހު ގެންނަ ދެވަނަ ސީޕްލޭން މާދަމާ ރާއްޖެ ގެންނާނެ ކަމަށެވެ.

އެކުންފުނީގެ އަމާޒަކީ ރާއްޖޭގައި ދެމުން އަންނަ ސީޕްލޭންގެ ހިދުމަތްތައް އާ ހަރުފަތަކަށް ގެންދިއުން ކަމަށް މަންޓާއިން ބުނެއެވެ. އެގޮތުން އެ އެއާލައިނުން ބޭނުންކުރާ ސީޕްލޭންތަކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީތައް ހިމެނޭނެ ކަމަށާއި ކުރޫ މެންބަރުންނަށް ވެސް ފަސޭހަކަމާއެކު ބަލާލެވޭނެ މޫސުމީ ރާޑަރުތައް ވެސް ފްލައިޓުގައި ހަރުކޮށްފައި ހުންނާނެ ކަމަށް މަންޓާއިން ބުނެއެވެ.

"..އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ދިނުން. ނެވިގޭޝަން ސިސްޓަމްތަކަށް ބަރޯސާވުމުގެ ބަދަލުގައި ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ހިދުމަތެއް ދެވޭނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް ގަބޫލު ކުރަން" މަންޓާގެ ސީއޯއޯ މިސްޓާ އެޑްވާޑް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަންޓާ އެއާގެ ސީޕްލޭންތަކުގައި އެންމެ ފަހުގެ ސޮފްޓްވެއާތައް ބޭނުން ކުރަން ނިންމީ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

މަންޓާ އެއާގެ ފުރަތަމަ ސީ ޕްލޭން ގެނައުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގައި ވައިގެ ދަތުރުފަތުރު ތަޖުރިބާކުރާ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުން ކަމަށެވެ.

މަންޓާ އެއާއަކީ ރާއްޖޭގައި ޑޮމެސްޓިކް ހިދުމަތްދޭ އެއާލައިނެކެވެ. އެ އެއާލައިންގެ ހިދުމަތް ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.