ޚަބަރު

ހުއްދަ ނުދިނަސް ރެލީ ބާއްވާނަން، ފިއްކަނޑައިގެންދާވަރުގެ މަންޒަރެއް ދައްކާނަން: އިދިކޮޅު

ފަތޯނާ ފާއިޒު

2

އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައިި ޖަލްސާ ބާއްވަން ހުއްދަ ދީފައިނުވާ ކަމަށާއި، ހުއްދަ ނުދިނަސް ޖަލްސާ ބާއްވައި "ފިއްކަނޑުވާލާނެ" ކަމަށް އިދިކޮޅުން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ "އަންނަނީ" ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވަން ނިންމި އެއްވުން ބޭއްވުމުގެ ހުއްދަ ސަރުކާރުން އަދި ދީފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، ހުއްދަ ނުދިން ނަަމަވެސް އެއްވުން ބޭއްވޭ ތަންތަން ހުންނަ ކަމަށާއި ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާ އޮންނާނެ ވަގުތަކާއި ތަނެއް ސަޕޯޓަރުންނަށް އަންގާނެ ކަމަށެެވެ.

"ރެލީ ނުބާއްވާނެ ކަމަށް ހީކޮށް ހުއްދަ ނުދީ ތިއްބަވާނެ ކަމެއް ނެތް އެއްގޮތަކަށް ވެސް. އަޅުގަނޑުމެންގެ ރެލީ ހަމަ ކަނޑައެޅިގެން ތާރީހުގައި އޮންނާނެ," އަދުރޭ ވިދާޅުވިއެވެ.

އަދި ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އެއްވުން ބާއްވަނީ ވަކި ސިޔާސީ ފިކުރެއްގެ މީހުންނަށް ނޫން ކަމަށާއި ސަރުކާރާމެދު ހިތްހަމަނުޖެހުން އޮތް ކޮންމެ މީހަކު ވެސް ރެލީގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރަށް ފާޑު ވިދާޅުވެ އަދުރޭ އިތުރަށް ވިދާޅުވީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު އެމްއެމްޕީއާރްސީގެ ހިޔާނާތަށްވުރެ ބޮޑުވެފައިވާއިރު، 30 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ބަޖެޓެއް ހުސްވިއިރު، ރައްޔިތުންގެ ހެވާ ލާބަޔަށް އެ ބަޖެޓުން ކުރެވުނު ކަމެއް ނެތް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބުު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަނީ ރާއްޖޭގެ ދީނީ ވަހުދަތު ހިމާޔަތް ކުރުމަށް ކަމަށާއި އެއްވުން ބޭއްވުމުގެ ފުރުސަތު ދީފިނަމަ، ސަރުކާރު ފިއްކަނޑުވާލާ ފަދަ މަންޒަރެއް ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"މިނިވަންކަމާއެކު އަޅުގަނޑުމެންގެ ޝުއޫރު ފާޅުކޮށްލަން ފުރުސަތު މިފަހަރު ދެއްވައިފިއްޔާ، އަޅުގަނޑުމެން ބަލާނަން ސަރުކާރު ފިއްކަނޑައިގެންދާވަރުގެ މަންޒަރެއް ދައްކައި ލެވޭތޯ،" ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅުން ބާއްވަން އުޅޭ ރެލީ ބާއްވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށާއި އެ ރެލީއަކީ ފުރިހަމަ ރެލީއަކަށް ވާނެ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުން އަތޮޅުތަކަށް ކުރަމުން އަންނަ ދަތުރުތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެ ދަތުރުތަކުގެ ސަަބަބުން ދެ ޕާޓީއަށް މެމްބަރުން ވެސް އިތުރު ވަމުންއަންނަ ކަމަށެވެ.