ޚަބަރު

ނޮވެމްބަރު 5 ގައި ރައީސް ޔާމީނަށް ހުކުމް ކުރަނީ

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ހުކުމް އިއްވުން އަންނަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެ މައްސަލައިގައި ދެފަރާތުގެ ހުލާސާބަޔާން އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިސް ވަނީ ފަސް ގަޑިއިރަށް ދެމިގެން ގޮސްފައެވެ. ޝަރީއަތުގެ މަޖިލީހަށް ދެފަރާތުގެ ހުލާސާ ބަޔާން އިއްވަވައި ނިންމެވުމުން ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިތަމް ވިދާޅުވީ ދެން އޮންނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށާއި، އެކަމަށްޓަކައި ބާއްވާ ޝަރީއަތުގެ މަޖިލިސް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ 1:00ގައި ކަމަށެވެ.

މިއަދުގެ ޝަރިއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ފަރާތުން ހުށަހެޅި ހުލާސާ ބަޔާނުގައި ދައުވާއިން ބަރީއަ ވުމަށް ދިފާއުގައި ގިނަ ކަންތައްތަކެއް ވަނީ ހުށަަހަޅައިފައެވެ. އަދި ޕީޖީގެ ޕްރޮސިކިއުޓާގެ ފަރާތުން ހުށަހެޅުއްވި ހުލާސާ ބަޔާނުގައިވެސް އެ ފަރާތުން ހުށަހެޅި ހެކިތަކަށް ބިނާކޮށް، ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ގިނަ ނުކުތާތަކެއް ވަނީ ހިމަނައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.

ދައުލަތުން ތުހުމަތު ކުރަނީ އެއީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ އަގުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއްމިލިއަން ޑޮލަރު ކަމަށެވެ.