ކޮލަމް

ކެޔޮނިރު ކޮލަމް: އިންކަމް ޓެކްސް ނަގަން ފަށާ ސީލިންގ ފަސްދޮޅަސް ހާހަށް ބަދަލު ކުރުން!

މުހައްމަދު ބުޝްރީ

1

ރާއްޖޭގައި ވިއްކާ މުދަލުންނާއި ހިދުމަތްތަކުން ނަގާ ޓެކްސް، ނުވަތަ ޖީ.އެސް.ޓީ ނަގަން ދިވެހި ރާއްޖޭގައި ފެށީ މީގެ އަށް އަހަރު ކުރީން، ދެހާސް އެގާރަ ވަނަ އަހަރުގެ 2 ވަނަ ދުވަހު އެވެ. އެއީ ވިއްކާ ކޮންމެ މުދަލެއްގެ ނުވަތަ ވިއްކާ ކޮންމެ ހިދުމަތެއްގެ އަގުގެ 6 އިން ސައްތައިގެ ޓެކްސް އެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވިއްކާ މުދަލާއި ހިދުމަތްތަކުން ނަގާ ޖީ.އެސް.ޓީ އަށް ކިޔަނީ ޓީ.ޖީ.އެސް.ޓީ ނުވަތަ ޓޫރިޒަމް ޖީ.އެސް.ޓީ އެވެ. ޓީ.ޖީ.އެސް.ޓީ ނަގަނީ ޓޫރިޒަމް ދާއިރާގައި ވިއްކާ މުދަލާއި ވިއްކާ ހިދުމަތްތަކުގެ އަގުގެ 12 އިން ސައްތަ އެވެ. މީރާގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހަމައެކަނި ޖީ.އެސް.ޓީ އާއި ޓީ.ޖީ.އެސް.ޓީ އިން 2018 ވަނަ އަހަރު ދައުލަތަށް ގާތްގަނަޑަކަށް ނުވަ ބިލިއަން (ނުވަ ހާސް މިލިއަން) ދިވެހި ރުފިޔާ ލިބިފައި ވެއެވެ. މިއަދާދާ އަޅައި ބަލާއިރު، އަންނަ އަހަރު ނަގަން ފަށާނެކަމަށް ބުނާ އިންކަމް ޓެކްސް އިން ފުރަތަމަ އަހަރު ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ އަކީ އެންމެ 600 މިލިއަން ރުފިޔާ އެވެ.

މީގެން ދޭހަކޮށްދެނީ އިންކަމް ޓެކްސްގެ ނިޒާމަށް ބޭނުންވާ ފުރިހަމަ ތަފާސް ހިސާބު ސަރުކާރަށް އަދި ހޯދިފައި ނުވާކަމެވެ. އަދި ބޮޑެތި އާމްދަނީ ލިބޭ ފަރުދުންނާއި، ބޮޑެތި ކުންފުނި ތަކާއި، މަހުޖަނުން އަތުން ނަގަން ކަނޑައަޅާފައިވާ އިންކަމް ޓެކްސް، ނިސްބަތުން ކުޑަ ކަމެވެ. ރާއްޖޭން އިންކަމް ޓެކްސް ނަގަން ފަށާއިރު އެންމެ މަތީ ޕަސެންޓަކަށް 15 ޕަސެންޓް ކަނޑައަޅާފައި އޮތް އިރު، މިސާލަކަށް ސްރީ ލަންކާގައި އެންމެ މަތީ އަދަދަކީ 28 ޕަސެންޓެވެ، އަދި އިންޑިއާގައި އެންމެ މަތީ ޕަސެންޓަކީ 35 ޕަސެންޓެވެ. އިންކަމް ޓެކްސް އަކީ ވަށާޖެހޭ ޓެކްސެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނީ މަހުޖަނުންނާއި ބޮޑެތި ކުންފުނި ތަކުން ނަގާ އިންކަމް ޓެކްސް ނުވަތަ ކޯޕަރޭޓް ޓެކްސްގެ ޕަސެންޓް ބޮޑުކޮށް، އާއްމު ފަރުދުންނާއި ކުދި ވިޔަފާރިތަކުން އިންކަމް ޓެކްސް ނަގާ ޕަސެންޓް ދަށް ކޮށްގެންނެވެ.

ހަމައެފަދައިން، އިންކަމް ޓެކްސް ދައްކަން ފަށަން ޖެހޭ ސީލިންގަކީ މަހެއްގެ އާމްދަނީ ސާޅީސް ހާސް ރުފިޔާ އަށް އެރުމުން ކަމަށް އޮތް އޮތުން ވެސް މުރާޖާ ކުރަން ޖެހެއެވެ. ތަންތަނުގެ ކުލި އެހާ ބޮޑުވެފައި، ދިރި އުޅުމުގެ ހަރަދުތައް އެހާ ބޮޑުވެފައި ވާއިރު، މަހެއްގެ މައްޗަށް ސާޅީސް ހާސް ރުފިޔާ ލިބޭ މީހާގެ އާއިލީ ހަރަދުތައް ނިންމާލާ އިރު އިންކަމް ޓެކްސްއަށް ދައްކާނެ ފައިސާއެއް ނޯވެދާނެއެވެ. އެހެން ކަމުން އިންކަމް ޓެކްސް ނަގަން ފަށާ ސީލިންގް، ސާޅީސް ހާހުން ފަސްދޮޅަސް ހާހަށް ބޮޑު ކުރުމަކީ އިންކަމް ޓެކްސްގެ ނިޒާމަކީ ވަށާޖެހޭ ޓެކްސްގެ ނިޒާމަކަށް ހެދުމަށް މަގުފަހިވާނެ ބަދަލަކަށް ވާނެއެވެ. ވަކީން ހާއްސަކޮށް، އިންކަމް ޓެކްސް ފުރަތަމަ ނަގަން ފަށާއިރު މިގޮތަށް ފަސްދޮޅަސް ހާހުން ފަށާފައި ފަހުން އެ ސީލިންގ ސާޅިސް ހާހަށް ތިރިކުރަން ޖެހުނަސް، ފުރަތަމަ މަތީ ސީލިންގަކުން ފެށުމަކީ ރައްޔިތުންނަށް ލިބޭނެ ލުޔަކަށް ވާނެއެވެ.

އިންކަމް ޓެކްސް އަކީ ދިވެހީންނާއި ބިދޭސީންނާ ތަފާތު ކުރުމެއް ނެތި، ރާއްޖޭގައި އާމްދަނީ ހޯދާ އެންމެން އަތުން ނަގަން ހަމަޖެހިފައިވާ ޓެކްސް އަކަށް ވާއިރު، ސަރުކާރުން ހަދާފައިވާ ދިރާސާއިން މި ޓެކްސް ދައްކަން ޖެހޭ ކަމަށް މިވަގުތަށް ލަފާ ކޮށްފައިވާ މީހުންގެ އަދަދަކީ އެންމެ ހަ ހާހެވެ. މާނައަކީ ރާއްޖޭގައި ތިބި ދިވެހީންނާއި ބިދޭސީން އެއްކޮށް ލުމުން، އިންކަމް ޓެކްސް ދައްކަން ޖެހޭ، މަހަކު ސާޅިސް ހާސް ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ ތިބީ އެންމެ ހަހާސް މީހުންނެވެ! މިއީ ހައިރާންވާ ވަރުގެ ކުޑަ އަދަދެކެވެ. ނަމަވެސް އިންކަމް ޓެކްސް ނަގަން ފަށައި، ސަރުކާރުގެ ތަފާސް ހިސާބުތައް އަޕްޑޭޓް ވުމުން އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ ޖުމްލަ އަދަދު 6000 އިން ބާރަ ހާހަށް ޑަބަލްވެ، އިންކަމް ޓެކްސް އިން ދައުލަތަށް އަހަރަކު ލިބޭ އާމްދަނީ 600 މިލިއަން ރުފިޔާއިން ދެބިލިއަން ރުފިޔާއަށް އިތުރު ވުމަކީ ކައިރި ކަމެކެވެ.

ކޮންމެ ގޮތެއް ވިއަސް މި ޓެކްސް އަލަށް ތައާރަފު ކުރާ އިރު ރައްޔިތުންނަށް ވީހާވެސް ލުއި ގޮތަކަށް ތައާރަފު ކުރުމަށް ޓަކައި، ޓެކްސް ނަގަން ފަށާ ސީލިންގ ފަސް ދޮޅަސް ހާހަށް ބަދަލު ކޮށް، މަހުޖަނުންނާއި ބޮޑެތި ކުންފުނިތަކުން އިންކަމް ޓެކްސް ނަގާ ޕަސެންޓް ބޮޑު ކުރުމަކީ މި ނިޒާމްގެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ހޯދައި ދިނުމަށް މުހިއްމު ކަމެއް ކަމުގައި ޤަބޫލު ކުރެވެއެވެ.