ކޮލަމް

ކެޔޮނިރު ކޮލަމް: މަންޒިލެއް ނެތި މަގުތަކުގައި ސައިކަލުތަކުން "ސާރފް ކުރުން" ހުއްޓުވޭނީ ކިހިނެއް؟

މުހައްމަދު ބުޝްރީ

1

ރާއްޖޭގެ ޓްރެފިކްގެ ހާލަތު ދިރާސާ ކުރުމަށް އައި ބޭރުގެ ކޮންސަލްޓެންޓަކު ބުނެފައިވާ ގޮތުގައި ރާއްޖޭގެ މަގުތަކުގައި ސައިކަލް ދުއްވާހާ ނުރައްކާތެރިކޮށް، އަދި ފަރުވާކުޑަކޮށް ދުއްވާ އެހެން އެއްވެސް ގައުމެއް ނެތެވެ. ހާއްސަކޮށް ދިވެހި ޒުވާނުންގެ ގިނަބަޔަކަށް ހީވާ ގޮތުގައި ސައިލެންސަރުން ވީހާވެސް ބާރު އަޑެއް ކިއުމަކީ ސައިކަލް ދުއްވާ މީހާގެ ޝަހުސިއްޔަތު ދައްކައިދޭ ކަމެކެވެ. ސިނަމާލެ ބްރިޖް އެޅުމުގެ ކުރިން މާލޭ މީހުން ޖޯކު ޖަހަނީ އައްޑޫ ސިޓީގެ ލިންކް ރޯޑުގައި އެކްސިޑެންޓް ހިގާ އަދަދު ގިނަކަމުންނެވެ! ނަމަވެސް ސިނަމާލެ ބްރިޖް ހުޅުވުމާ އެކި އައްޑޫގެ ލިންކް ރޯޑާ ސިނަމާލެ ބްރިޖް ދަނީ އެކްސިޑެންޓްގެ އަދަދުން ވާދަ ކުރަމުންނެވެ.

ގިނަ ޒުވާނުން ހީކުރާގޮތުގައި ސައިކަލުގެ ބުރަކި ޖައްސާގޮތަކުން ޓަޔަރު ބިމުގައި ގޭނިގެން ދާއަޑު ގޮއްވާލުމަކީ މުޖުތަމުގައި ތިމާގެ މަގާމު މަތިކޮށްދޭ ކަމެކެވެ. އަދި ވަކިން ހާއްސަކޮށް ރާޅާ އަޅުވާގޮތަށް، ދެއަތަށް ކިރެމުން، މަގުހުރަހަށް، ސައިކަލް ދުއްވުމަކީ އިންނާނެ ރަނގަޅު އަނބިން ލިބޭ ކަމެއް ކަމަށްވެސް ހީވާ ކަހަލައެވެ!

މަގުމަތީގެ އަދަބުތަކަކީ ދިވެހިންނާ ވަރަށް ބީރައްޓެހި އެއްޗެކެވެ. ކިރިޔާވެސް މަގު ބްލޮކް ވާއިރަށް ފަހަތުގައި ތިބި ހުރިހާ ވެހިކަލްތަކުގެ ޑްރައިވަރުން ބަރުގޮނު އަޅަން ފަށާނެއެވެ. ފަހަތުން އަންނަ އެއްޗަކަށް އޯވަރޓޭކް ކުރުމުގެ ފުރުސަތު، ވެގެން ވިއްޔާ ނުދޭނެއެވެ. ތުއްތު ކުއްޖަކު ޕްރޭމަކަށް ލައިގެން މަޔަކު، މަގުހުރަސް ނުވެފައި ހުއްޓަސް، މަޑުކޮށްލާފަ އެމައިމީހާއަށް ހުރަސްކުރުމުގެ ފުރުސަތެއް ނުދޭނެއެވެ!

ހާއްސަކޮށް އުމުރުން ދުވަސްވީ މީހަކު މަގުމައްޗަށް ނިކުމެއްޖެނަމަ ބައެއް ޒުވާނުންގެ ސައިކަލްގެ ސްޕީޑް ބާރުވެފައި، ސައިކަލްގެ މިސްރާބު އެމުސްކުޅި މީހާއާ ދިމާއަށް ދާހެން ހީވާނެއެވެ. ބައެއް ދިވެހިންގެ ނަޒަރުގައި މަގުމަތީގެ ނާތަހްޒީބުކަން އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އަވައްޓެރި އިންޑިއާ އާއި ސްރީލަންކާ ހިމެނެއެވެ. ނަމަވެސް ލަންކާގައި ވެސް ފަހަތުން އަންނަ ވެހިކަލަށް އަތުން އިޝާރާތްކޮށްލާފައި އޯވަރޓޭކް ކުރުމުގެ ފުރުސަތު ދެއެވެ. ރާއްޖޭގެ ޑްރައިވަރުންހާ މަގުމަތީގެ އަދަބު ކުޑަ ބަޔަކު މުޅި ދުނިޔޭގައިވެސް ނޫޅޭނެކަން ޔަގީނެވެ!

ވާނީވެސް އެހެންނޫންތޯއެވެ. ރާއްޖެ ނޫނިއްޔާ އެއްވެސް މަންޒިލެއް، މަގްސަދެއްނެތި ކޮޅުކޮޅަށް ސައިކަލްދުއްވާ ޤައުމެއް އޮންނާނެ ހެނެއް ހިއެއްނުވެއެވެ. ރާއްޖެއަކީ މުނިފޫހިފިލުވާނެ މާބޮޑު ފުރުސަތުތަކެއް ނެތް ތަނަކަށް ވުމުން ސައިކަލް ދުއްވާ ގިނަ ބަޔަކު ފޫހިވުމުން ކުރާކަމަކީ ރަށް ވަށާ ސައިކަލުގައި ބުރުޖެހުމެވެ. މާލެ ވިއަސް އަދި އައްޑު ސިޓީ ވިއަސް މިކަން އޮތީ މިހެންނެވެ.

ވިސްނާލައްވާށެވެ. ރާއްޖޭގެ ހުރިހާ ރަށްރަށުގައި މިގޮތަށް އެއްވެސް މަގްސަދެއް ނެތި ސައިކަލް ދުއްވާ ދުއްވުން ހުއްޓިއްޖެ ނަމަ މަހަކު ކިތައް ލައްކަ ލީޓަރުގެ ޕެޓްރޯލް ސަލާމަތް ވާނެތޯއެވެ؟ މިކަމުގެ ސަބަބުން ކިތައް ލައްކަ ޑޮލަރު ބޭކާރު ނުވެ ސަލާމަތްވާނެތޯއެވެ؟ މިކަމުގެ ސަބަބުން، ރާއްޖެ ކާރބަން ނިއުޓްރަލް ތަނަކަށް ހެދުމަށް ކިހާ ބޮޑު ކުރިއެރުމެއް ލިބޭނެތޯއެވެ؟ ހަމައެއާއެކު މިފަދަ ބޭކާރު ސައިކަލް ބުރު ޖެހުން ހުއްޓިއްޖެ ނަމަ މަގުތައް މިހާރަށް ވުރެން އަމާން ވެފައި، އެތައް ފުރާނައެއް ވެސް ސަލާމަތް ވާނެއެވެ.

ސުވާލަކީ މިފަދަ މަންޒިލެއް، މަގްސަދެއް ނެތި ރާއްޖޭގެ މަގުތަކުގައި ސައިކަލްތަކުން "ސާރފް ކުރުން" ނުވަތަ ދުއްވުން ހުއްޓުވޭނީ ކިހިނެއްތޯއެވެ؟ މި ސުވާލުގެ ޖަވާބު ވަރަށް ފަސޭހައެވެ. ބޭނުންވަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ ހެޔޮ ނިޔަތެކެވެ. މަގުމަތީގައި އެއްޗިހި ދުއްވުމުގެ ޤާނޫނަށް ވަރަށް ކުޑަ އިސްލާހެއް ގެނެސްގެން މިދެންނެވި ބޮޑެތި ފައިދާތައް ހޯދިދާނެއެވެ.

އެއީ ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ މަގުތަކެއްގައިވެސް ސައިކަލް ދުއްވޭނީ ހެލްމެޓް އަޅައިގެން ކަމަށް ޤާނޫނާއި ޤަވާއިދުން ލާޒިމުކުރުމެވެ. މިއީ ރާއްޖޭގައި މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުވެސް ތަޖުރިބާ ކުރި ކަމެކެވެ. ނަމަވެސް ސިޔާސީ ސަބަބުތަކާ ހުރެ ހެލްމެޓް އެޅުން ބާތިލްވީއެވެ. ފާޑުފާޑަށް ހެއަރސްޓައިލް ކޮށްގެން ތިމާގެ މަހު މުސާރައާއި ނުބައްދަލުވަރުގެ އަގުބޮޑު ސައިކަލްތަކުގައި މަގުތައް ފަތަހަކުރަމުން ދުއްވާ ދުއްވުންވެސް ހެލްމެޓްގެ ސަބަބުން މަދުވެގެންދާނެކަން ޔަގީނެވެ. މިއީ ސިއްހީ ގޮތުން ބެއްޔަސް، އިގްތިސާދީ ގޮތުން ބެއްޔަސް، އަދި އިޖްތިމާއީ ގޮތުން ބެއްޔަސް ކުރަން ވަރަށް ރަނގަޅު ކަމެއްކަން ޔަގީނެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަގުތުގެ ބޮޑުބައެއް ހޭދަވަނީ ސިޔާސީ ކޯޅުމާއި، މެންބަރުންގެ ފަރުދީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ސަޅިބައިސާ ކެނޑުމުގައެވެ. މަޖިލީހުގެ ތަޅުމަކީ މަސް މާރުކޭޓަށް ވުރެ ހުތުރު ބަހުރުވައިން ވާހަކަދައްކާ ތަނަކަށް ވަނީ ވެފައެވެ. ހެލްމެޓް އެޅުމުގެ ޤާނޫނެއް ހެދުން ފަދަ ރައްޔިތުންނަށް ފައިދާހުރި ކަމަކާމެދު ވިސްނާނެ ވަގުތެއް މިދެންނެވި އިއްޒަތްތެރި މެންބަރުންނަކަށް ނުވެއެވެ. ބޭރު ގައުމުތަކުގެ ފަތުރުވެރިން މުނިފޫހިފިލުވުމަށްޓަކައި ދާން އެންމެ ރަނގަޅުތަނަކީ ރާއްޖޭގެ ރައްޔިތުންގެ މަޖުލީހެވެ. ޒުލަށްދިއުމަށް ވުރެ ވަކި ދެރައެއް ނުވާނެއެވެ!

މަތީގައި ދެންނެވުނުފަދަ، ރައްޔިތުންނަށް ފައިދާ ހުރި ޤާނޫނުތައް ހެދޭނީ ރައްޔިތުންނަށް ހެޔޮއެދޭ، އިލްމީ، އިހްލާސްތެރި މެންބަރުންތަކެއް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އައިސްގެންނެވެ. 2019 ވަނަ އަހަރު އޮންނަ އާއްމު އިންތިހާބުގައި ދިވެހިރައްޔިތުން ޖެހެނީ އެފަދަ ތައުލީމީ، ގާބިލް، އިހްލާސްތެރި މެންބަރުންތަކެއް ހޮވާށެވެ. އެހެންނޫންނަމަ މި ޤައުމު ދުވަހަކުވެސް ހަމައަކަށް ނޭޅޭނެއެވެ.

ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން ޖެހޭގޮތަށް ޤާނޫނު އިސްލާހުކުރުމުގައި އިސްނާގާނީ ކޮން ޕާޓީއަކުންބާއެވެ. މިއީ ހަގީގަތުގައި ރައްޔިތުންނަށް އިހްލާސްތެރީ ކޮންބައެއްތޯ ބަލަން ރަނގަޅު މިންގަނޑެކެވެ. މިކަމުގައި އިސްނަގާ ބަޔަކަށް ހަމަގައިމުވެސް އަޅުގަނޑު ތާއިދު ކުރާނަމެވެ!