މަގުމަތީގެ އެކްސިޑެންޓް

ޕިކަޕެއް ފުރޮޅާލައި ފަސް މީހަކަށް އަނިޔާވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

އައްޑޫ ސިޓީ ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅާލައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު އެކެއް ޖަހާކަންހާއިރު ހިނގި މި އެކްސިޑެންޓުގައި ޕިކަޕް ތެރޭގައި ތިބި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޕިކަޕްގެ ފަހަތުގައި ތިބި ތިން މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

''ވަން'' އަށް މައުލޫމާތު ދެއްވަމުން އައްޑޫ ހޮސްޕިޓަލުގެ މެނޭޖަރު ޝަރަފުއްސާދާތު ވިދާޅުވީ، ޕިކަޕެއް ފުރޮޅާލައިގެން އަނިޔާ ލިބުނު ފަސް މީހަކު މިއަދު މެންދުރު 1:45 ހާއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

އެ ފަސް މީހުންނަށް ވެސް ފަރުވާ ދެމުން އަންނަ ކަމަށާއި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތެރެއިން އެކެއްގެ ބޮލަށް އަނިޔާ ލިބިފައިވާތީ އެމްއާރުއައި ހަދަން ޑޮކްޓަރު ލަފާ ދިނުމުން އޭނާ މާލެ ފޮނުވާލަން ޖެހޭ ކަމަށް ޝަރަފު ވިދާޅުވިއެވެ.

ޕިކަޕު ފުރޮޅާލައިގެން އަނިޔާވުމުން ފަރުވާ ދެނީ ފަސް ބިދޭސީންނަށެވެ.