ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގައި، ހުލާސާ ބަޔާން ހުށަހެޅުމަށް މިއަދު ބާއްވާ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ފަރާތުން ދިފާއު ވުމަށް ފާހަގަކުރަންޖެހޭ ކަންކަން ފާހަގަކޮށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ވަކީލުން ކުލާސާ ބަޔާން އިއްވާނެ އެވެ. އެ ބަޔާނުގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުުގެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ޗެލެންޖްކޮށް ހިމަނާފައިވާ ދިފާއީ ނުކުތާތައްވެސް ފާހަގަ ކުރާނެ އެވެ.
ހަމަ އެއާއެކު ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުއްވި ހެކިންގެ ހެކިބަހުން ސާބިތުވާ ކަންތައްތަކާއި، ފުލުހުންގެ ފަރާތުން ލިބިފައިވާ ހެކިތަކަށް ބިނާކޮށް ޕީޖީ ގެ ފަރާތުން ފާހަގަ ކުރާ ކަންތައްތައް އެފަރާތުން ހުށަހަޅާ ހުލާސާ ބަޔާނުގައި ނިމަނާނެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުލާސާ ބަޔާން އިއްވުން ފިޔަވައި އެހެން އެއްވެސް ވާހަކައެއް ދައްކައި ސުވާލެއް ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއްނުދޭނެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް އެފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން، މައްސަލައިގެ ހުކުމް އިއްވާނެ ދުވަހެއް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިތަމް އިއުލާން ކުރައްވާނެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.