ޚަބަރު

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ރާއްޖެ ތެރެއަށް، އެ ރައްޔިތުން ނިކަމެތިކޮށެއް ނުލެވޭނެ: ޔައުގޫބު

އިބްރާހިމް ޒަކީ

8

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ރާއްޖެ ތެރޭގެ މެންބަރުންނަށް ކަމަށާއި، އެއްވެސް ގޮތަކުން ރާއްޖެ ތެރޭގެ ރައްޔިތުން ނިކަމެތިކޮށް ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމިއްލަ ރަށު ބަހުން ވާހަކަ ދައްކަވަމުން މެންބަރު ޔައުގޫބު މިހެން ވިދާޅުވީ، ރާއްޖެތެރޭގެ ރައްޔިތުން ނިކަމެތިވާގޮތަށް މަޖިލިސް މެންބަރަކު ވާހަކަ ދައްކަވާފައިވާތީ ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވަމުންނެވެ.

އެ މެންބަރުގެ ނަން ވިދާޅުނުވެ ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ، ރާއްޖެތެރެ އާއި މާލޭ މީހުން ތަފާތުކޮށް ރާއްޖެ ތެރޭ މީހުންނަށް ވަރަށް ނިކަމެތިކޮށް މެންބަރަކު ވާހަކަ ދައްކާފައިވާތީ ރާއްޖެ ތެރޭމީހުންނަކީ ކޮބައިކަން ބުނެދޭންޖެހޭ ކަމަށެވެ.

ޔައުގޫބު މި މޭރުމުން ވާހަ ދައްކަވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކައަށް ނިސްބަތް ކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ގޮވާލައި ހުށަހަޅާ ފައިވާ ގަރާރަށް ވާހަކަ ދައްކަމުން ބޮންޑޭ ވިދާޅުވީ، ރާއްޖެ ތެރޭ މީހުން މާލެ އައިސް މާލޭ މީހުންގެ ބިންތައް ދަމައިގެންފައިވާ ކަމަށެވެ. އަދި މާލޭ މީހުންގެ ބައިންބަފައިން ވެލިފުނި ޖަހައިގެން މާލެ ހިއްކުމުން ގޯތި ދީފައިވަނީވެސް ރާއްޖެ ތެރޭގެ މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ބޭންކުތަކުންވެސް މަލޭ މީހަކަށް ދީފައިވާ ލޯނެއް ނޯންނެ ކަމަށާއި ލޯނު ދީފައިވަނީވެސް ރާއްޖެ ތެރޭ މީހުންނަށް ކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލެއިިން ބިން ދޭންޖެހޭނީ މާލޭ މީހުންނަށް ކަމަށެވެ. އަދި ހުޅުމާލެއިިން މާލޭ މީހުންނަށް ބިން އަތުލާނެ ކަމަށްވެސް އޭނަ ވިދާޅުވިއެވެ.

މިކަމާގުޅިގެން ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ، އެމްބަރަކު އެފަދަ ގޮތަކަށް ވާހަކަ ދެއްކެވުމަށް ރިޔާސަތުން ފުރުސަތު ދެއްވުމުން ހިތާމަކުރާ ކަމަށާއި އެވާހަކައަށް ފުރުސަތު ދީގެންނުވާނެ ކަމަށެވެ.

އަދި ރާއްޖެ ތެރޭ މީހަކަށްވީތީ ފަހުރުވެރި ވާ ކަމަށާއި، ރާއްޖެތެރޭ މީހުންނަކީ މާލެ މީހުންނަށްވުރެ ވަކި ނިކަމެތި ބައެއްނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީވެސް ރާއްޖެ ތެރޭގެ މީހުންނަށް ކަމަށާއި، ރާއްޖެތެރޭގެ 72 މެންބަރުން މަޖިލީހުގައި ތިއްބެވީރު މާލޭގެ ތިއްބެވީ އެންމެ 15 މެންބަރުން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާތައް މާލޭގައި ބޭއްވުމަކީ މައްސަލައެއް ކަމަށް ނުބަލައި ރުހި އެއްބަސް ވެގެން މެންބަރުން ތިއްބަވަނީ މާލޭ މީހުންނާ ރާއްޖެ ތެރޭ މީހުންނާ ތަފާތު ކުރުން ނުބޭއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއްވެސް ބަޔަކު ދެރަކޮށް، ނިކަމެތި ކުރާކަށް ބޭނުމެންނޫން ކަމަށާއި ބޭނުންވަނީ މާލޭ މީހުންނަށްވެސް އެހީތެރިވެގެން އެއްވެސް ބަޔަކު ބާކީ ނުކޮށް ކުރިއަށްދާން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ، ހުޅުމާލެ އަކީ ރާއްޖޭގެ އެއްމެންގެ ތަނެއް ކމަށާއި، އެތައް ހަދައި ތަރައްގީކުރަމުން ގެންދަނީ ހުރިހާ ރައްޔިތުންގެ ފައިސާއިން ކަމަށެވެ.

އެހެންކަމުން އެތަނުން ގޯއްޗާއި ފުލެޓް ދޭނީ ވަކި ބަޔަކަށްނޫން ކަމަށާއި، އެ ފުރުސަތު އެންމެންނަށް އޮންނަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ބޮންޑޭގެ ވާހަކައާ ގުޅިގެން، ވާހަކަ ދައްކަން ޖެހުނީ ރާއްޖެ ތެރޭމީހުންގެ ބޮލުގައި އެހާބޮޑެތި ބަދުނާމުތަކެއް އެޅުވުމުން އެތައް ބައެއް ކުރި ޝަކުވާ ތަކަކާ ގުޅިގެން ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.