ޚަބަރު

ސަރުކާރު މަގާމުތަކުގައިތިބި އެމްޑީއެން ގެ މެންބަރުން ވަކިކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ސަރުކާރު މަގާމުތަކުގައި ތިބި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ މެންބަރުން ސަރުކާރުގެ މަގާމުތަކުން ވަކި ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ބަހުސް ކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، ހާޒިރުވެ ވަޑައިގެން ތިއްބެވި 50 މެންބަރުންގެ ތެރެއިން މައްސަލަ ބަލައިގަންނަން ވޯޓު ދެއްވި އެންމެ 11 މެންބަރުންނެވެ. އެ ކުއްލި މައްސަލަ ތަޅުމުން ބޭރު ކޮށްލީ 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި މައްސަލަ ބަލައި ގަތުމަށް ބޭނުންވަނީ 24 ވޯޓެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެންބަރު އަހުމަދު ޝިޔާމުއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމު ވިދާޅުވީ، ޕްލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިންދަ މޯލްޑިވްސްގެ ނަމުގައި އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމް ދީމުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ތައުހީނުވާފަދަ ވާހަކަތައް ހިމަނާފައިވާކަމަށް ސަރުކާރުން ގަބޫލުކޮށްފައިވާ ކަމަށެވެ.

އަދި އެޖަމްއިއްޔާ ހިންގުމުގައި ހަރަކާތްތެރިވަމުންދާ ގިނަ ބަޔަކު މި ސަރުކާރުގެ ތަފާތު މަގާމުތަކަށް އައްޔަންކޮށްފައި ތިބުމުން އިސްލާމްދީނަށް ފުރައްސާރަ ކުރާނެކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ހާއްސަ ގޮތެއްގައި ސަރުކާރުގެ ތަންފީޒީ މަގާމުތަކައް އެ ޖަމްއިއްޔާގައި މަސައްކަތް ކުރައްވާފައިވާ މީހުން އައްޔަން ކޮށްފައިވާތީ އެމީހުންގެ މަގާމުގެ ނުފޫޒުގެ ބޭނުން ކޮށްގެން ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރާނެ ކަމަށް ތުހުމަތު ކުރެވޭތީ އެފަދަ ބަޔަކު ދައުލަތުގެ އިސްމަގާމުތަކުގައި ތިބުމަކީ ރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރަ ންކުރާ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓް އެކުލަވައިލި މީހުންނާއި 2015 ވަނަ އަހަރުން ފެށިގެން އެ ޖަމްއިއްޔާގައި އިސްކޮށް މަސައްކަތްކޮށްފައިވާ މީހުން، އެ މީހުން އައްޔަންކޮށްފައިވާ މަގާމުތަކުން ވަކިކޮށް އެމީހުންގެ މައްސަލަ ތަހުގީގުކޮށް އެމީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށްވެސް ސިޔާމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނުއަަސާސީގެ 115 ވަނަ މާއްދާގެ (ހ) އިން ރައީސުލް ޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް ފަސްޖެހިވަޑައިގެންފައިވާ ކަމަށެވެ.

"އެމީހުންގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރާނެ ކަމަށް ތުހުމަތު ކުރެވޭތީ އާއި އެފަދަ ބަޔަކު ދައުލަތުގެ އިސް މަގާމުތަކުގައި ތިބުމަކީ ރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކުރަން ކުރާ މަސއްކަތްތަކަށް ހުރަސްއެޅި، އިސްލާމީ ވަހުދަތާއި ދިވެހި ރާއްޖޭެގެ އެއްބައިވަންތަކަން ގެއްލި ގައުމުގައި ހިލާފްތައް އުފެދި ބާތިލް ފިކުރުތައް ރާއްޖޭގައި ފެތުރުމަށް މަގުފަހިވެ އަދި ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންކަމަކަށްވާތީ ޕްލިމިނަރީ އެސެސްމެންޓް އޮން ރެޑީކަލައިޒޭޝަން އިންދަ މޯލްޑިވްސްގެ ރިޕޯޓް އެކުލަވާ ލުމުގައި އުޅުނު މީހުންނާއި 2015 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގައި އިސްކޮށް މަސައްކަތްކޮށްފައިވާ މީހުން، އެ މީހުން އައްޔަންކޮށްފައިވާ މަގާމުތަކުން ވަކިކޮށް އެމީހުންގެ މައްސަލަ ތަހުގީގުކޮށް އެމީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލުމަށް ހުށަހެޅި ގަރާރެއް،" ޝިޔާމު ވިދާޅުވިއެވެ.