އިބްރާހީމް ރިފްއަތު

ސަރުކާރުގެ ވައުދު ފުއްދުމަށް ނަޒާހަތްތެރި މަޖިލީހަކުން ފުރުސަތު ފަހިކޮށްދޭނެ: ރިފްއަތު

ޝަހީދާ އަބްދުﷲ ސައީދު

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލުތަކަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި ސިޔާސަތުތައް ތަންފީޒުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތެއް ކަމަށެވެ.

އެހެންކަމުން ނަޒާހަތްތެރި މަޖިލީހަކުން ސަރުކާރަށް އެފުރުސަތު ފަހިކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދުމަށް ބޭނުންވާ ބައެއް މުހިންމު ބިލުތައް މިހާރު ވެސް ފާސްކޮށްފައެވެ. އަދި އޭގެ އިތުރުންވެސް ގިނަ ބިލުތަކެއްގެ މަސައްކަތް މިހާރުވެސް މަޖިލީހާއި ކޮމެޓީ މަރުހަލާގައިވެސް ކުރިއަށް ދެއެވެ.

އެޓާނީ ޖެނެރަލް މި މޭރުމުން ޓުވީޓު ކުރެއްވި އިރު، ސަރުކާރުން ބިލުތައް ހުށަހަޅާ އިރު އެޔާ އެއްގޮތް ނުވަތަ ޑުޕްލިކޭޓު ވާ ފަދަ ބިލުތައް އެމްޑީޕީން ދަނީ މަޖިލީހަށް ހުށަހަޅަމުންނެވެ. އަދި ދެ ފަރާތުން ވާދަޔަށް މަސައްކަތް ކުރާ ފަދަ ރޫހެއް ވަނީ އުފެދިފަ އެވެ.