އެޓަރނީ ޖެނެރަލް

މަދަނީ އިޖުރާއަތުގެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އާންމުންގެ ހިޔާލަށާއި ކަމާބެހޭ ފަރާތްތަކުގެ ހިޔާލަށް ހުޅުވާލައި، މިއަދު އާންމުކުރި މަދަނީ އިޖުރާއަތުގެ ބިލުގެ ދެލިކޮޕީ އެކުލަވާލާފައިވަނީ، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެހީއާއެކު އޭޖީ އޮފީހުން އައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވާސިޓީގެ ލޯ ސްކޫލްގައި ސީނިއާ ލެކްޗަރާއެއްގެ މަގާމުގައި ހުންނެވި މިސްޓާ އިމެނުއަލް ގުއިންޝާޑު ކަމަށެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި، ބިލު އެކުލަވާލުމުގައި ވިސްނާފައި ވާނީ، މަދަނީ ދައުވާތަކާ ބެހޭ އުސޫލުތަކާއި، ޝަރީއަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ޝަރީއަތަށް ހުށަހަޅާ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގެ އުސޫލުތަކަށް ކަމަށެވެ.

އަދި ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ހުކުމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، ހުކުމް ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި، އިސްތިއުނާފުކުރުމާ ގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާ ގުޅޭ އާންމު އުސޫލުތައް، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ދިވެހިރާއްޖޭގައި އަމަލުކުރަމު އަންނަ އުސޫލުތަކަށްވެސް ރިއާޔަތްކުރުމާއެކު ހިމެނުމަށް ކަމަށް އޭޖީ އޮފީހުން ބުނެފައި ވެއެވެ.

އޭޖީ އޮފީހުން ވަނީ މަދަނީ އިޖުރާއަތުގެ ބިލަށް ހިޔާލު ހުށަހަޅަން އެދޭ ފަރާތްތަކަށް، މިމަހު ފަނަރައިގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައެވެ.