ޚަބަރު

ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް މިއަހަރު ފަށާނަން: ތަރިކަ ރައްކާކުރުމާ ބެހޭ މަރުކަޒު

ޝަހީދާ އަބްދުﷲ ސައީދު

އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ސަގާފީ ތަރިކަ ރައްކާކުރުމާ ބެހޭ މަރުކަޒުން ބުނެފިއެވެ.

ހުކުރު މިސްކިތުގެ މަރާމާތާ ގުޅޭ ގޮތުން މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ސަގާފީ ތަރިކަ ރައްކާކުރުމާ ބެހޭ މަރުކަޒުގެ އެސިސްޓެންޓް ކިއުޓާ ރިސާޗު އޮފިސަރު އިސްމާއީލް އަޝްރަފު ވިދާޅުވީ، މިދިޔަ މަހުގެ 13 ގައި މިސްކިތް ބަންދުކުރީ މިސްކިތުގެ ވަކަރުތަކުގައި ކަތުރުފަނި އެޅުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ އަލުން މަރާމާތު ކުރުމަށް ކަމަށެވެ.

އެގޮތުން އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން މިސްކިތުގެ އާބާތުރަ ފިލުވުމުގެ ޕްރޮޖެކްޓް މިއަހަރު ތެރޭގައި ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މި ޕްރޮޖެކްޓްގެ މަސައްކަތް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކަމަށާއި ޕްރޮޖެކްޓެއް މަސައްކަތްނިމި، މިސްކިތް ބޭނުންކުރަން ފެށޭނެ ވަކި ތާރީހެއް ދަންނަވަން އަދި ނޭނގޭ ކަމަށެވެ.

''މިސްކިތާއި މިސްކިތުގައި ހުރި ލަކުޑިތަކާއި އަދި ވަށައިގެންވާ ސަރަހައްދު އެބަޖެހޭ ބަލައި ދިރާސާކޮށް ހޯދަންޖެހޭ ހޯދުންތައް ހޯދަން. ވަކިވަކި ތަންތަންކޮޅުން ބަލައި ހެދިޔަސް އޭގެ އަސްލާ ހަމައަށް އަޅުގަނޑުމެންނަކަށް ވާސިލެއްނުވެވޭ އަދި. އެހެންވީމާ އިންޑިއާ ސަރުކާރުގެ އެއްބަސްވުމުގެ ދަށުން އޮތީ މުޅި މިސްކިތުގެ އާބާތުރަ ފިލުވުމަށް ޕްރޮޖެކްޓެއް ފަށަން ނިންމާފައި. މިއަހަރުގެ ތެރޭގައި ފަށާގޮތަށް އޮތީ,'' އަޝްރަފު ވިދާޅުވިއެވެ.

ހުކުރު މިސްކިތް ބަންދުކޮށްފައިވަނީ ކަތުރުފަނި އެޅުމުގެ ސަބަބުންނެވެ. ކަތުރުފަނި ނައްތާލުމަށް މިހާތަނަށް ކުރި މަސައްކަތްތަކާ ބެހޭ ގޮތުން އަޝްރަފު ވިދާޅުވީ، މިސްކިތުގެ މަތި ވަޑާންގަނޑުގައި ކަތުރުފަނި އެޅުމުގެ ސަބަބުން މަތި ވަޑާންގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި އަދި އެތެރޭގައި ހުރި ލަކުޑި ތަނބުތަކުގައި ވެސް ކަތުރުފަނި އަޅާފައިވާ ކަމަށެވެ.

އަދި ކާޕެޓުން ވެސް ކަތުރުފަނި ފެނުމުން ކާޕެޓް ނަގައި ބެލިއިރު ކާޕެޓް ހަރުކުރަން ޖަހާފައިހުރި ލަކުޑި ފަތިތަކުގައި ވެސް ކަތުރުފަނި އަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ކަތުރުފަނި މިސްކިތުގެ ތެރެއަށް ވަންނަނީ ކޮން ގޮތަކަށްތޯ ބެލުމުގެ މަސައްކަތް ކުރި ކަމަށެވެ.

''ބެލި ބެލުމުގައި ހިރިގަލުން ރާވާފައި ހުރިއިރު މިސްކިތުގެ ތަޅުމާއި ހިސާބުގައި ދެގާ ދޭތެރޭގައި އެބަހުރޭ ކަތުރު ފަނި އެޅުމުގެ ޖާގަ. ކާޕެޓް ނެގިއިރު ކާޕެޓްގެ އަރިމަތީގައި ޖަހާފައިހުރި ފަތިތަކުގައި ފަނި އަޅައިގެން ގޮސް މިސްކިތުގެ ތެރެއަށް ފެތުރިފައި މިވަނީ. އަދި މިސްކިތާއި އަދި މައި މިސްކިތުގައި ޖަހާފައިވާ ލަކުޑި ތަނބުތަކުގައި ވެސް ކަތުރުފަނި އަޅާފައިވާކަން ފާހަގަކުރެވުނު. ތަނބުތަކަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި,'' އޭނާ ވިދާޅުވިއެވެ.

އަޝްރަފު ވިދާޅުވީ ލަކުޑި ތަނބުތަކުގައި ކަތުރުފަނި އެޅިގޮތް ބެލުމަށް ތަނބުގެ ކައިރިން ތަޅުންގަނޑު ތަޅާލާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ތަނބެއް ވެސް ހިރިގަލުގެ ބުޑަށް އިންދާފައި ހުރިއިރު ތަނބުގެ ބުޑާއި ހިރިގަލާ ދޭތެރެއިން ބިމުން ކަތުރުފަނި ވަދެފައިވާކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ. އަދި މިސްކިތުގެ މަތިވަޑާންގަނޑާ ހަމައަށް ކަތުރުފަނި ދިއުމުގެ މައިގަނޑު ސަބަބެއް ކަމަށްވެފައިވަނީ ތަނބުތަކުން ކަމަށް ވިދާޅުވިއެވެ.