ޚަބަރު

ރައީސް ސޯލިހު ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައިފި

ފަތޯނާ ފާއިޒު

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައިފިއެެވެ.

ރައީސް އޮފީހުން ވަނީ އެކަން ކަށަވަރރު ކޮށްދީފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "ވަން"އަށް ވިދާޅުވީ، ރައީސް ސޯލިހު ދީނީ އިލްމުވެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، އެހެންނަަމަވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަކީ މީޑިއާގައި ހިއްސާ ކުރާ ވާހަކަތަކެއް ނޫން ކަމަށެވެ.

ރައީސް ސޯލިހު ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވާފައި މިވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން)އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި، ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަ ކުރި ކަމުގެ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި ކިޔަވައިދޭ އިސްލާމް ޓެކްސްޓް ފޮތްތަކުގެ މައްޗަށް އެކުލަވައިލި އެ ދިރާސާ ރިޕޯޓުގެ މައްސަލައިގައި ރައީސް ސޯލިހު ނެރުއްވި ބަޔާނެއްގައި ވަނީ އެ ރިޕޯޓު ބަލައިނުގަނެވޭ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.