މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވުމަކީ ރާއްޖޭގެ މަސްވެރިކަމަށް އަސަރުކުރާނެ ކަމެއް: ފިޝަރީޒް

މަރިޔަމް ޝަހުދާ

އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވުމަކީ މުޅި ރާއްޖޭގެ މަސްވެރިކަމަށް އެކަމުން އަސަރު ކުރާނެ ކަމެއް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.

އިންޑިއާ ކަނޑުގައި މަލިކު ކައިރީ ހަރަކާތްތެރިވަނިކޮށް މިދިޔަ ހަފުތާ ބަންދުގައި އިންޑިއާގެ ކޯސްޓްގާޑުން ހިފެހެއްޓި ރާއްޖޭގެ ''އަންބަރީ'' މަސް ދޯނި ދޫކޮށްލުމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ކަންކަންމުން ރާއްޖޭގެ މަސްވެރިކަމާއިމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެދާނެ ކަމަށެވެ. އަދި އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވުމުން އެ އުޅަނދެއްގެ ވެރިފަރާތަށް ބޮޑެތި މާލީ ގެއްލުންތައް ކުރިމަތިވެދާނެ ކަމަށް ވެސް މިނިސްޓްރީން ބުނިއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ދިވެހި މަސްވެރިކަމުގެ އުޅަނދުތައް ގާނޫނާއި ގަވައިދާ ހިލާފު އަމަލުތައް ނުހިންގުމަށާއި އެފަދަ ކަންކަމާމެދު ސަމާލު ވުމަށް އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން މިފަދައިން ކަންކުރާ އުޅަނދުތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި މަސްވެރިކަން ނުވަތަ މަސްވެރިކަމުގެ ހަރަކާތެއް ހިންގުމުގެ ހުއްދަ ދީފައިވާ ސަރަހައްދުން ބޭރުން، އެ ސަރަހައްދެއް ނިސްބަތްވާ ގައުމެއްގެ ހުއްދައަކާއި ނުލައި ހަރަކާތްތެރިވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ، އަންކްލޮސް ގެ ގަވައިދުތަކާއި ހިލާފު ކަމެކެވެ. އަދި މިއީ އިންޑިއާ ކަނޑުގެ ކަނޑުގެ މަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ ގަަވައިދު ތަކާ ހިލާފު ކަމެއް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ފަދަ ސަރަހައްދެއްގައި ގަވައިދާ ހިލާފަށް މަސްވެރިކަމުގެ ހަރަކާތް ކުރަނިކޮށް ހިފަހައްޓާ އުޅަނދު ފަހަރުތަކުގެ ތަހުގީގީ މަރުހަލާތަކަކީ ދިގު، އަދި ތަހުގީގީ މަރުހަލާތަކަށް ފަހު ބޮޑެތި އަދަދުތަކުން އުޅަނދުތައް ޖޫރިމަނާ ކުރާ ޝަރީއަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖޭގެ ''އަންބަރީ'' މަސް ދޯނީގެ މައްސަލަ އެހާ ކުޑަ މުއްދަތެއްގައި ތަހުގީގު ކޮށްނިމި، އެ މަސްދޯންޏާއި ފަޅުވެރިން ދޫކޮށްލެވުނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަސައްކަތުން ކަން ފިޝަރީޒް މިނިސްޓްރީން ފާހަގަ ކުރެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، މަލިކު ކައިރިން ހިފެހެއްޓި ރާއްޖޭގެ ''އަންބަރީ'' މަސް ދޯނި ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވަނީ އިއްޔެއެވެ.