ކޮލަމް

ސިނާންގެ ކޮލަމް: ސިޔާސީން ފަރުމާކުރި ބިދޭސީ ދިވެހިރާއްޖެ، އެމީހުންނާ ނުލައި އުޅެވޭނެގޮތެއް މިއަދަކު ނެތް!

ސިނާން އަލީ

ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން އުޅޭކަން އެއީ އަބަދުވެސް އެނގޭ ކަމެކެވެ. އެއީ އަބަދުވެސް އަޑު އިވޭ ވާހަކަ އެކެވެ. އެކަމަކު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެޔަށް ވައްދަން މި ސަރުކާރުން ފެށި މަސައްކަތުގެ ދަށުން އިހަށް ދުވަހު އެ ފެނުނު މަންޒަރަކީ، ފެނިދާނެ ކަމަށް ހީކުރި މަންޒަރެއް ނޫނެވެ. އެ ފަދަ ފޯރި ގަދަ މަންޒަރެއް އެންމެ ފަހުން ފެނުނީ ގަލޮޅު ދަނޑުގައި، ނިއުރޭޑިއަންޓާއި ކ. ހުރާ ބައްދަލުކުރި ފުޓުބޯޅަ މެޗެއްގަ އެވެ. އެއީ އެތައް އަހަރެއް ކުރި އެވެ. މި ފަހަރު ގަލޮޅު ދަނޑުގެ އުތުރު ފަރާތު ސިޑިބަރި އެއްކޮށް ފުރައިލީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ. ގަވައިދުގެ ތެރެޔަށް ވަނުމަށްޓަކަ އެވެ. އެ މަންޒަރު ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނުމުން ބިރުން ފިތްކަނޑައިގެން ނުދިޔައީ ކިރިޔާ އެވެ.

ބޮމެއްހެން ކޮންމެ ވަގުތެއްގައި ވެސް ގޮވާފާނެހެން ތައްޔާރުވެފައި އޮތް، ގަވައިދާ ހިލާފު ބިދޭސީ އާބާދީގެ މައްސަލަ ހައްލުކުރުމަކީ މިއަދުގެ ރައީސް، އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަސައްކަތް ފައްޓަވައިގެން އެންމެ ބާރު ސްޕީޑުގައި ކުރިޔަށް ގެންދާތަން ފެންނަނީ ވެސް މި ސަރުކާރުގަ އެވެ. މި މުހިންމު މަސައްކަތަށް ހާއްސަ ޓާސްކްފޯހެއް ރައީސް އުފައްދަވާފައިވާ އިރު، ލީޑު ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ. ފައްޔާޒް މި މަސައްކަތް ފައްޓަވާފައި ވަނީ ހައްލު ނުވެއްޖެ ނަމަ މަގާމުން ވެސް އިސްތިއުފާދެއްވާނެ ކަމުގެ ވައުދާ އެކުގަ އެވެ.

ބިދޭސީންގެ މައްސަލަ ރާއްޖޭގައި އޮތް ހިސާބު އޮޅޭނެ އެއްވެސް މީހަކު އަޅުގަނޑުމެންގެ ތެރެޔަކު ނުހުންނާނެ އެވެ. ނޭނގޭ ބުނެފި މީހަކު ހަދާނީ ކަނޑައެޅިގެން ދޮގެކެވެ. ބިދޭސީ ރާއްޖެ މި ގައުމުގައި ދިރުވައި އާލާކުރީ ސިޔާސީންގެ ފުރިހަމަ އެއްބާރުލުމާ އެކު، އެމީހުންނަށް އެނގިގެންނެވެ. ވިޔަފާރިވެރީންނާއި އާންމު މީހުންގެ ދިރިއުޅުމުގެ ބޭނުންތައް ބިދޭސީންނާ ނުލައި ނުފުއްދޭނެ ފަދަ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމުގެ ބާރު ގަދަކުރުވީ، ވިޔަފާރިވެރީންނާއި ސިޔާސީންނަށް އޭގައި މަންފާތަކެއް ހުރެގެންނެވެ. މިހާ ތަނަށް ވެސް ރާއްޖޭގައި ބައްޓަންކޮށް، ހިންގަމުން އަންނަނީ، ވިޔަފާރިވެރިންގެ އުނގުން ހިންގާ ރައްޔިތުންގެ ވެރިކަމެކެވެ. އެ ނިޒާމުގައި ނަން އޮންނަނީ ރައްޔިތުންގެ އެވެ. ކަން އޮންނަނީ ވިޔަފާރިވެރީންނާއި ސިޔާސީންނަށެވެ.

މިއަދުގެ ހާލަތަށް ވިސްނާލަމާހެއްޔެވެ. ގެއިން ފިހާރަޔަކަށް ބާޒާރުކުރަން ދާ ނަމަ ފޮނުވަން ޖެހެނީ ބިދޭސީ މީހާއެވެ. އެ ތަކެތި ގެޔަށް ގެނެސް ކައްކައިދެނީ ބިދޭސީ މީހާއެވެ. ގޭތެރެ ފޮޅައި ސާފުކުރަނީ ބިދޭސީ މީހާއެވެ. ސުފުރާ މައްޗަށް ކާން އަރުވަނީ ބިދޭސީ މީހާއެވެ. ވަޒީފާއަށް ދާއިރު ދަރިފުޅު ބަލަނީ ބިދޭސީ މީހާއެވެ. އެ ދަރިފުޅުގެ ޕުއްޕު ދޮއްވައި، ފެންވަރުވައި ކާންބޯން ދެނީ ބިދޭސީ މީހާއެވެ. އެ ދަރިފުޅު ނިންދަވަނީ ބިދޭސީ މީހާ އޭނާގެ އުނގުގަ އެވެ. ގޭ މީހުން ރަށުން ބޭރަށް ފުރުމުން ގެ ބަލަހައްޓަނީ ބިދޭސީ މީހާ އެވެ. މަންމަ އާއި ބައްޕަ މުސްކުޅިވެ ބަލި އެނދުގައި އޮންނަ އިރު، އެ މީހުން ބަލަން ގޭގައި ތިބެވޭ ވަރަށް ވުރެ ދިވެހީން ބިޒީ އެވެ. ހަޔާތުގެ ކަންކަން ސިސްޓަމުގައި އިންތިޒާމުވެފައި ހުރީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންވާ މީހާ، ގުދާރު ބިނދެންދެން މަސައްކަތް ކުރާ ގޮތަށެވެ. އާއިލާ އަކާއި އާއިލާއެކެވެ. އެހެންކަމުން، މުސްކުޅި މަންމަ އާއި ބައްޕައަށް ނުހިނގި ބަލި އެނދުގައި އޮންނަ ދުވަހު، އެ މައިންބަފައިންނަށް ދަރީންގެ ލޯތްބާއި ބޭނުން ޖެހޭ ދުވަހު، އެމީހުންނަށް ދަރީން ލޮލަށް ވެސް ނުފެންނާނެ އެވެ. ހިދުމަތުގައި ހުންނާނީ ބިދޭސީ މީހާއެވެ. އެއްކަލަ މުސްކުޅި މަންމަ އަދި ބައްޕަ ބަލި އެނދުގައި އޮންނަ ދުވަހު ހިދުމަތް ކުރާނެ ކޮލިޓީ ވެސް ނިންމާނީ ލިބޭ މުސާރައަށް ބަލައި އެއްކަލަ ބިދޭސީ މީހާ އެވެ. ދަރީން ސްކޫލަށާއި ޓިޔުޝަން ކުލާހަށާއި ގުރުއާން ކުލާހަށް ގެންގޮސް ނިމޭ ގަޑީގައި ގެޔަށް ގެންދަނީ ވެސް ބިދޭސީ މީހާ އެވެ. ސްކޫލުގައާއި ލެންގުއޭޖު ކިޔަވައިދޭ ތަނުގައި އުނގަންނައިދޭން އިންނަނީ ވެސް ބިދޭސީން މީހާއެވެ. އުނު އަންނައުނު ދޮވެ އިސްތިރި ކުރުމާއި ގެއިން ނިކުންނަ ގަޑިޔަށް ބޫޓު ޕޮލިޝް ކުރާނީ ވެސް ބިދޭސީ މީހާ އެވެ. އޮފީހަށް ދާން އަރާ ބަސް ނުވަތަ އަމިއްލަ ކާރު ދުއްވަނީ ވެސް ބިދޭސީ މީހާ އެވެ. އެ ކާރު ފޮހެ ބަލަހައްޓަނީ ވެސް ބިދޭސީ މީހާ އެވެ. ސައިކަލު ގޮސް ކާނިވަލަށް ހުއްޓައިލުމުން "ބޭބޭ ސާފުކުރަންވީނު!" އޭ ބުނެ ގޮވާލަނީ ވެސް ބިދޭސީ މީހާ އެވެ. ފިހާރައިގައި އެއްޗެހި ވިއްކަން ސޭޓަކަށް އަދި އެއްޗެހި ކިރަން ސޭލްސްމަނަކަށް ހުންނަނީ ވެސް ބިދޭސީ މީހާއެވެ. ޑެލިވެރީއަކަށް ރިކުއެސްޓް ކުރުމުން، ކޭއެފްސީންނާއި ޕިއްޒާގެ ހިދުމަތްދޭ ތަންތަނުންނާއި އެ ނޫން ބޮޑެތި ރެސްޓޯރެންޓު ތަކުންނާއި ކަންމަތީ ފިހާރައިން ފޯނު ނަގަނީ ވެސް އަދި އެތަކެތި ހިފައިގެން އައިސް ގޭ ދޮރުގައި ޓަކި ދެނީ ވެސް ބިދޭސީ މީހާ އެވެ. ހޮޓާ ރެސްޓޯރެންޓުތަކަށް ވަނުމުން، ހިދުމަތުގެ މެނޫ ހިފައިގެން އަންނަނީ ބިދޭސީ މީހާ އެވެ. އެ ތަނުގައި ކާ ތަކެތި ހަދަން ބަދީގޭގައި ހުންނަނީ ބިދޭސީ މީހާ އެވެ. ވަތްގަނޑުގައި ފައިސާ ކަނޑަން ހުންނަނީ ވެސް ބިދޭސީ މީހާ އެވެ. އޮފީސް ކުނިކަހައި ސާފުކޮށްދީ ފެންފޮތިލަނީ ބިދޭސީ މީހާ އެވެ. ކަނޑުގައި ދުއްވާ ކަންނެލި ދޯނި ފަހަރުގަ އާއި މުދާ އުފުލާ ދޯނި ފަަހަރުގަ އާއި ޕަސެންޖަރުން އުފުލާ ލޯންޗުފަހަރުގައި ފަޅުވެރިޔާގެ ޑިއުޓީގައި ހުރީ ބިދޭސީ މީހާ އެވެ. ކަންނެލި ދޯނި ފަހަރުގައި ކައްކާގެ ޒިންމާ އަދާކޮށް ހުރިހާ މަސްވެރީންނަށް ގަޑިން ގަޑިޔަށް ކާންބޯން ދެނީ ބިދޭސީ މީހާ އެވެ. މި އުޅަނދުފަހަރު ކަނޑުފަޅުގައި އަޅާފައި އޮންނަ އިރު، ބެލެހެއްޓުމުގެ ޒިންމާ ނަގަނީ ވެސް ބިދޭސީ މީހާ އެވެ. ގެސްޓުހައުސްއަކަށް ދިއުމުން، ވެއިޓަރަކަށް ވެސް، ރޫމް ބޯއީ އަކަށް ވެސް އަދި ކައްކާއަކަށް ވެސް ހިދުމަތުގައި ހުންނަނީ ބިދޭސީ މީހާއެވެ. ރިސޯޓުގައި، ޖެނެރަލް މެނޭޖަރުގެ މަގާމުގައި ބިދޭސީ މީހާއެވެ. ލޯންޑްރީއާއި ރަށްސާފުކުރުމާއި ވެއިޓަރުންނާއި އެކައުންޓްސް އާއި ބަޓްލަރުންނާއި ރޫމްބޯއީންނާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ގިނަ މަގާމުތައް ފުރަނީ ބިދޭސީ މީހާ އެވެ. މިއަދުގެ ދިވެހީންނަށް ދިވެހީންގެ ރުކުން ރުކުރާ ބާލައިދެނީ ބިދޭސީ މީހާ އެވެ. ކާށްޓާއި ކުރުނބާ ފަދަ ބޭނުންތަކަށް ރުކު އަޅައިދެނީ ވެސް ބިދޭސީ މީހާ އެވެ. ބަނބުކެޔޮ ގަހުން ބަނބުކެޔޮ ކަނޑައިދެނީ ބިދޭސީ މީހާ އެވެ. އަނބު ގަހުން އަނބު ބިނދެދެނީ ވެސް ބިދޭސީ މީހާ އެވެ. މި ކުރުނބާ އާއި ކާށި، ބަނބުބޭލާއި އަނބު އަދި މިނޫން މިފަދަ ހުރިހާ އެއްޗެއް އަތޮޅުތަކުގެ ރަށްރަށުން ދިވެހީން އަތުން ގަނޑުކޮށް ގަންނަނީ ވެސް ބިދޭސީ މީހާ އެވެ. އެ ތަކެތި މާލެއަށް ގެންނަނީ ވެސް ބިދޭސީ މީހާ އެވެ. އެ ތަކެތި ވިއްކައި އޭގެން އާމްދަނީ ހޯދަނީ ވެސް ބިދޭސީ މީހާ އެވެ. ގާޑިޔަލަކަށް ގޮސްފި ނަމަ، ބިދޭސީ މޮޅު ދުފުން ހަދައިދީ، ދޭސީ މޮޅު މަސް ކާށްޓާއި މަޖާ ވެސް ހަދައިދެނީ ބިދޭސީ މީހާ އެވެ. ބޭންކަކުން ޑޮލަރެއް ގަންނާކަށް ނުލިބެ އެވެ. ދިވެހީންނަށް ބޭނުންވާ ޑޮލަރު ވެސް ވިއްކަނީ ބިދޭސީ މީހާ އެވެ. ދިވެހީންގެ ގެ ރާނައި، ސިމެންތި އާއި ތަށިމުށި ޖަހައިދީ ފިނިޝިންގެ ހުރިހާ މަސައްކަތެއް ކުރަނީ ވެސް ބިދޭސީ މީހާ އެވެ. އެގެޔަށް ވައްދާ ފަރުނީޗަރުކޮޅު ގެނެސް ރާވައިދޭން ޖެހެނީ ވެސް ބިދޭސީ މީހާއެވެ. މި އިމާރާތްތައް ކުއްޔަށް ހިފައިގެން އުޅެނީ ވެސް ބިދޭސީ މީހާ އެވެ. "ދިވެހީންގެ ތަކެތީގެ މާރުކޭޓު"ގެ ނަމުގައި ކެޕިޓަލް ސިޓީގައި ހުންނަ މާރުކޭޓުގައި ވިއްކަނީ ބިދޭސީން ގެންނަ ބިދޭސީ ދަނޑުގޮވާމެވެ. އެތަކެތި އެތެރެކޮށް، ވިއްކަން އިންނަނީ ބިދޭސީ މީހާ އެވެ. ދިވެހީންގެ މަސްމާރުކޭޓުގައި މަސްވިއްކާން ހުންނަނީ ބިދޭސީ މީހާ އެވެ. މާލޭގެ އެންމެ ބޮޑު ހޯލްސޭލް މާކެޓު ކަމަށްވާ "އަހުމަދީ ބާޒާރު"ގެ ހުރިހާ ފިހާރަތަކެއްގެ ސޭލްސްމަނުންނަކީ ބިދޭސީ މީހާ އެވެ. މާލޭގެ މަގުތައް މަރާމާތުކުރުމުގެ ޒިންމާ އަދާކުރަނީ ބިދޭސީ މީހާއެވެ. މާލޭގައި އެންމެ ގިނަ ގެސްޓްހައުސް ހިންގަނީ ބިދޭސީ މީހާއެވެ. އެތަންތަނުގެ މެނޭޖަރަކީ ވެސް ބިދޭސީ މީހާ އެވެ. ދިވެހި މީހާ ބަލިވީމަ ބޭސްލިޔެދޭ ޑޮކްޓަރާއި ބޭސް އަޅައިދޭ ނަރުސް ކުއްޖާގެ މަގާމުގައި ހުރީވެސް ބިދޭސީ މީހާއެވެ. ދިވެހި ގިނަ ކުންފުނިތަކުގައި ދިވެހީންނަށް މާލީ ޒިންމާ އުފުލައިދޭ އިސް މީހާގެ މަގާމުގައި ހުރީ ވެސް ބިދޭސީ މީހާ އެވެ. ދިވެހި ވިޔަފާރިވެރިޔާގެ އޮފީހާއި އެނޫން އިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދެނީ ވެސް ބިދޭސީ މީހާ އެވެ. ރާއްޖޭގައި ދުއްވާ ގިނަ މަތިންދާ ބޯޓު ތަކާއި މޫދަށް ޖައްސާ ބޯޓުތަކުގައި ދިވެހީން އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ ޒިންމާ ހަވާލުކޮށްގެން އަޅުގަނޑުމެން މި ތިބީ ބިދޭސީ މީހާއާ އެވެ. ފަޅުވެރިޔާ އަކީވެސް ޕައިލެޓަކީ ވެސް ބިދޭސީ މީހާ އެވެ. ދިވެހި މީހާގެ ބޯކޮށައި ތުނބުޅި ބާލައިދެނީ ބިދޭސީ މީހާއެވެ. ދިވެހި މީހާ ލާން ބޭނުންކުރާ އަންނައުނު މިން ނަގައި ފަހައިދެނީ ބިދޭސީ މީހާ އެވެ. ބޮޑެތި ހުރިހާ ކުޅިވަރެއްގެ ހެޑް ކޯޗުގެ މަގާމުގައި ބިދޭސީ މީހާ އެވެ. ދިވެހި ގައުމީ ބޭންކުގެ ސީއީއޯގެ މަގާމުގައި ހުރީ ވެސް ބިދޭސީ މީހާ އެވެ.

މިހެން ގޮސް ކިޔައި ކޮޅުންލާކަށް ނެތެވެ. ދިވެހި ސިޔާސީން ބާއްވާ އެއްވުންތައް ފަޅުފިލުވައިލަދީ ބޯ ގިނަކޮށްދެނީ ވެސް ބިދޭސީ މީހާ އެވެ. ކައިވެނި ނުކޮށް ގިނަ ދުވަސްވީމާ ބައެއްް މީހުން ގައުމުން ބޭރަށް ގޮސް ކައިވެނި ކޮށްލަނީ ވެސް އަވަށްޓެރި ގައުމެއްގެ ބިދޭސީ މީހާއާ އެވެ. މިހާރުގެ ގޮތެއް ނޭނގެ އެވެ. ދާދި ފަހަކާ ޖެހެންދެން ބައެއް ވަޒީރު ބޭފުޅުންގެ ކާރުކޮޅު ދުއްވަނީ ވެސް ބިދޭސީ މީހާ އެވެ. ބައެއް ރައީސުންގެ ބޭފުޅުން ކައިވެނިބައްލަވައިގެން އުޅުއްވަނީ ބިދޭސީ މީހާއާ އެވެ. އަނެއްބައި ރައީސުންގެ ބޭފުޅުން ހިތްޕުޅާވެގެން އުޅުއްވަނީ ބިދޭސީ މީހާއާ އެވެ. ރާއްޖޭގެ ކެޕިޓަލް ސިޓީގައި ހަދާފައި ހުރި ބޮޑެތި ހުރިހާ ޕާކުތަކެއް ފަޅުފިލުވައިދެނީ ވެސް ބިދޭސީ މީހާއެވެ. މި ވަރަކުން ނުފުދެ އެވެ. ބިދޭސީ މީހާ ރާއްޖެ ގެންނަނީ ވެސް ބިދޭސީ މީހާ އެވެ.

މީގެ 25 ވަރަކަށް އަހަރު ކުރީން، އަޅުގަނޑު ކުޑަ އިރު، މި ބިދޭސީންނެއް ނުފެނެ އެވެ. އޮޑި ދޯނި ފަހަރު އޭރުވެސް ދުއްވަ އެވެ. އިމާރާތްވެސް ކުރެ އެވެ. ރުކު އަޅަ އެވެ. ދަނޑުގޮވާންކޮށް އޭގެ ނަފާވެސް ހޯދަ އެވެ. ދިވެހީންގެ އެނޫން ބޭނުންތައްވެސް ހުރެ އެވެ. ވަރަށް ހާއްސަ މަދު ދާއިރާއެއްގައި ނޫނީ ބީދޭސީންނެއް ނެތެވެ. ބިދޭސީ ޓީޗަރަކުވެސް ލިބެނީ ފުދުންތެރިޔަކު އެހީތެރިވިއްޔާއެވެ. އެހެން ނޫން ނަމަ މެޖޯރިޓީއަކީ ދިވެހި މުދައްރިސުންނެވެ. ސިއްހީ ދާއިރާގައި ބިދޭސީން ތިއްބެވެ. އެހެން ނަމަވެސް މިހާރާއި އަޅާ ބަލާ އިރު އެއީ ވަރަށް ވެސް ކުޑަ ޕަސެންޓެކެވެ. ބައެއް ދާއިރާގައި އެއްވެސް ގޮތަކަށް ބިދޭސީންނެއް ނުއުޅެ އެވެ.

މިއަދުގެ ބިދޭސީ ރާއްޖެއަކީ، ސިޔާސީން ދެނެތިބެ، އެމީހުންގެ ލޮލު ކުރިމަތީގައި ބައްޓަންވަމުން އައި ރާއްޖެއެކެވެ. މިއީ ވެރިކަމުގައި އެކި މަރުހަލާތަކުގައި ތިބި މީހުންގެ ބޮޑު އިހުމާލުގެ ހިތި ނަތީޖާ އެވެ. އެމީހުންނަށް ވީ ފައިދާއިން ގައުމަށް ލިބުނު ދެރައެވެ. އޭގެ ޒިންމާ މިދިޔަ 30 ވަރަކަށް އަހަރު ތެރޭ ވެރިކަން ކުރެއްވި ހުރިހާ ރައީސުން ފުރިހަމަޔަށް ނަގަން ޖެހޭނެ އެވެ. ފަސްގަނޑު ތެރެޔަށް ގަސްތަކުގެ މޫ ދެމި ފެތުރިފައިވާ ގޮތަށް، ގައުުމުގެ ކުދިބޮޑު އެންމެންގެ ދިރިއުޅުމުގެ އެންމެ ޒަރޫރީ ބޭނުމުން ފެށިގެން ގޮސް ވިޔަފާރީގެ އެންމެ މަތީ ނިންމުންތަކާ ހަމަޔަށް ވެސް ބިދޭސީ މީހާގެ އެހީތެރިކަން ލިބިގެން މެނުވީ، ދިވެހި މީހާ ނޭވާލައި، ހިންދެމި ނުލެވޭ ގޮތަށް މި ނިޒާމު ދޮންކޮށް ފައްކާކުރީ އެމީހުންނެވެ. މި ހާލަތުގެ ހަގީގަތަކީ އެއީ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި ބޮޑު މަސައްކަތް ކުރައްވަން ރިޔާސީ ވައުދެއް ވެވަޑައިގެންނެވި ކަމީވެސް އެމަނިކުފާނަށް އަޅުގަނޑު ސެލިއުޓް ކުރާ ކަމެކެވެ. އަދި އެމަނިކުފާނު އެ ވައުދު ފުއްދެވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުން އެއީ، އިޚުލާސްތެރި ނިޔަތެއްގައި ކުރައްވާ މަސައްކަތްޕުޅެއް ކަމަށް ދޭހަވެ އެވެ. އެމަނިކުފާނުގެ އިކޮނޮމިކް މިނިސްޓަރު، މި މައްސަލަ ހައްލު ނުވެއްޖެ ނަމަ، މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވުމުން އެނގިގެން ދިޔައީ ސަރުކާރުން މި އޮތީ މައްސަލަ ހައްލުކުރަން ދޭތިން އެކައްޗަށް ހިފާފައި ކަމެވެ.

ވާ ގޮތެއް ބަލަން ތިބެމާ ހިނގާށެވެ. އަޅުގަނޑު އެދެނީ އަޅުގަނޑުމެން އެންމެނަށް ވެސް ބިދޭސީ ރާއްޖެއިން ނުކުމެ އަޅުގަނޑުމެންގެ އަމިއްލަ ގައުމު ލިބުމެވެ. ހެޔޮ ނިޔަތެއްގައި އިޚުލާސްތެރި މަސައްކަތެއް ކޮށްފި ނަމަ އަދިވެސް އެއީ ނުކުރެވޭނެ ކަމެއް ނޫނެވެ.