ޚަބަރު

ދިރާގު މާލެ އޯޕަން ސްވިމިންގ ކޮމްޕެޓިޝަން ހޮނިހިރު ދުވަހު

އާނިފާ ހުސެއިން ސިރާޖް

ސްވިމް މޯލްޑިވްސް އާއި ދިރާގު ގުޅިގެން ރާއްޖޭގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް "ދިރާގު މާލެ އޯޕަން ސުވިމިންގ ކޮމްޕެޓިޝަން" އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސްވިމް މޯލްޑިވްސް ގެ ރައީސް ހުސައިން ޝަމީމް ވިދާޅުވީ މިއީ ރާއްޖޭގައި އާންމުނަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފެތުމުގެ މުބާރަތް ކަމަށާއި މިފަދަ މުބާރާތްތަކުގެ ބޭނުމަކީ ރާއްޖެއަކީ ފެތުންތެރިން ގިނަ ގައުމަކަށް ހެދުން ކަމުގައެވެ.

އެގޮތުން މިމުބާރާތުގެ ތެރެއިން ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން މެންދުރު 11:00 އަށް އެކި އިވެންޓްތައް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށާއި ފެތުމުގެ މުބާރާތް ނިންމާ ކޮންމެ ފަރާތަކަށް މެޑަލްއެއް ލިބޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މި މުބާރާތުގައި ޖުމްލަ 198 ބައިވެރިން ބައިވެރިވެފައިވާ ކަމަށާއި މި މުބާރާތް އޮންނާނީ ރަސްފަންނު ބޭރު ސަރަހައްދު ކަނޑުގައި ކަމަށެވެ. ފަތަން ޖެހެނީ ކަނޑުގައި ކަމުން ކޮންމެ ބައިވެރިއަކަށްވެސް ގައިގައި އައްސައިގެން ފެތޭ ގޮތަށް ޑިޒައިން ކޮށްފައިވާ ބޮއެއް ލިބޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ކޮންމެ ފެތުންތެރިއަކަށްވެސް ކެޕެއް ދޭނެ ކަމަށާއި، ފަތަން ޖެހޭނީ ކެޕް އަޅައިގެން ކަމަށްވެސް ވިދާޅުވިއެެވެ.

މި މުބާރާތުގައި އެއް ކިލޯމީޓަރުގެ އިވެންޓަކާއި 500 މީޓަރުގެ ފެތުމުގެ އިވެންޓެއް އޮންނާނެ ކަމަށް ސްވިމް މޯލްޑިވްސް ގެ ފަރާތުން ޝަމީމް ވިދާޅުވިއެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެންކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ މުބާރާތުގައި 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 20 އަހަރުން ދަށް، 39 އަހަރުން ދަށް، 49 އަހަރުން ދަށް އަދި 50 އަހަރުން މަތީގެ އުމުރުފުރާ ހިމެނޭ ކަމަށެވެ.

އަދި މުބާރާތުގެ ވަނަތައް ހޮވަން ގަސްތުކޮށްފައި އޮތީ ކޮންމެ އުމުރުފުރާ އަކުން އެއްވަނަ ދެވަނަ ތިންވަނަ އަދި ހުރިހާ އުމުރުފުރާއެއް އެއްކޮން އެއްވަނަ ދެވަނަ ތިންވަނަ އަންހެން ފިރިހެން ދެ ޖިންސު ވަކިން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ އެހެން ހަރަކާތްތައް މުސްތަގުބަލުގައި މާލޭގެ އިތުރުން އަތޮޅުތަކުގައި ކުރިއަށްގެންދާނެ ކަމަށްވެސް ސްވިމް މޯލްޑިވްސް އިން ބުންޏެވެ.

މުބާރާތް އޯގަނައިޒް ކުރަނީ ސުވިމް މޯލްޑިވްސް އިންނެވެ. އަދި މުބާރާތުގެ މެއިން ޓައިޓަލް ސްޕޮންސާއަކީ ދިރާގެވެ.