ޚަބަރު

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާގައި އިސްކޮށް އުޅުއްވި ފަރާތްތަކުގެ މައްސަލަ ބަލަނީ

އިބްރާހިމް ޒަކީ

3

ހަތެއް ފެބްރުއަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާގައި އިސްކޮށް އުޅުއްވި ފަރާތްތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލަން ފަށައިފިއެވެ.

އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އޭރު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ވިދާޅުވީ ކޮމިޓީން އެމައްސަލަ ބަލަނީ ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެން ކަމަށެވެ.

"7 ފެބްރުއަރީ 2012 ގައި ހިގާދިޔަ ހަމަނުޖެހުން ތަކުގައި އިސްކޮށް ތިއްބެވި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ފޮނުވާފައިވާ ސިޓީއެއްގެ ކަންތައްވެސް (ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ) އެ ކޮމިޓީން އެބަބަލާ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ހަތެއް ފެބްރުއަރީގެ ހާދިސާއާ ގުޅިގެން އޭރު ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ހާދިސާ އެމްޑީޕީން ސިފަ ކުރަނީ ބަޣާވާތެއްގެ ގޮތުގައެވެ.

އެދުވަހުގެ ހާދިސާގައި ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މަޖިލިސް ތެރޭގައިވެސް މިހާރު އެބަ ތިއްބެވިއެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ރައީސް މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ހިމެނިވަޑައިގަންނަވަ އެވެ.