ޚަބަރު

އެމްޑީއެންގެ މައްސަލަ ބެލުމުގައި ފުލުހުން ވަކިކޮޅަކަށް ނުޖެހޭނެ: ސީޕީ ހަމީދު

އިސްލާމްދީނާ ހިލާފު އެތައް ވާހަކަތަކެއް ހިމަނައިގެން ލިޔެ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ޝާއިއުކުރި ރިޕޯޓްގެ މައްސަލަ އެއްވެސް ކޮޅަކަށް ބުރަވުމެއް ނެތި ބަލާނެ ކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެއްވައިފިއެވެ.

ސީޕީ ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ހާއްސަ އިސްކަމެއް ދީގެން ފުލުހުންގެ މުއައްސަސާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ފުލުހުންގެ މުއައްސަސާއަށް ގާނޫނުން ލާޒިމްކުރާ ޒިންމާ، އެއްވެސް ބިރެއް ނެތި އަދި ވަކި ކޮޅަކަށް ނުޖެހި އަދާކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ،" ސީޕީ ހަމީދުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ސީޕީ އެ ޔަގީންކަން ދެއްވާފައިވާއިރު ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި އިސްލާމީ އަގީދާ އާއި ދީނުގެ އަސާސްތަކަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ އިސްލާމްދީނާ ދެކޮޅު އަމަލުތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށެވެ.

އެހެންކަމުން އެފަދަ އެހެން މައްސަލަތަކެކޭ އެއްފަދައިން އެމްޑީއެންގެ މައްސަލާގައި ވެސް ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ، ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެދޭ ފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށާއި ދީނީ އަދި ގައުމީ ވަހުދަތާއި އެއްބައިވަންތަކަމާއި ނިޒާމު އާންމު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފުލުހުންގެ އިދާރާއިން ފަސްޖެހުމެއްނެތި އަޅަމުންދާނެ ކަމަށް ވެސް ވެސް ބުނެފައިވެއެވެ.