ފުރާނަދަންދެން

ފުރާނަދަންދެން - 41

5

"ދަރިފުޅާ...! އެންމެފަހަރަކުވެސް ބުނެބަލަ މަންމާއޭ... މިއީ ދަރިފުޅުގެ މަންމަ. ތިއީ މަންމަގެ އަރޫ. އަރުޝީ" އަމީޒާ ދައްކަމުންދިޔަ ވާހަތަކުން ވަގުތުން އަޒްކާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ގޮސް ޚައިރާންކަން ވަށައިލިއެވެ. އޭނާ އަމީޒާގެ މޫނަށް ބަލަހައްޓައިގެން ހުރީ ނުދަންނަ މީހެއް ފަދައިންނެވެ.

"އާނ ދަރިފުޅާ. އެއީ ދަރިފުޅުގެ އުފަން މަންމަ" އަޒްކާ ޙަމީދަށް ބަލައިލީ އޭނާގެ ބޮލުގައި ފިރުމާލަމުން ޙަމީދު ވާހަކަދެއްކުމުންނެވެ.

"ދަރިފުޅާ.....!!" އަމީޒާގެ އަޑުބެދުނެވެ. އިސާހިތަކު އޭނާ އަޑުފަޅައިގެން ދިޔައެވެ. އަޒްކާގެ ހަށިގގަނޑުގައި ހިފަހައްޓާފައި އޭނާއަށް ރޮއެގަނެވުނެވެ. އޭނާ އަޒްކާގެ މޫނުގައި ބޮސްދިނެވެ. އަޒްކާ ލައިގެން ހުރި ހެދުމުގައި ހިފާ ބާރުކޮށްލުމާއެކު އޭނާ އަމީޒާ ތިރިއަށް ސޮހިގެން ދިޔައެވެ. އެމަންޒަރުން ޙައްވައާ ޙަމީދަށް އެކުއެކީގައި ރޮވުނެވެ.

"އަޅުގަނޑަކަށް ޔަޤީނެއްނުވޭ. ކިހިނެއް އަމީދައްތަ އަޅުގަނޑުގެ މަންމައަށްވާނީ" އަޒްކާއަށް ޤަބޫލެއްނުކުރެވުނެވެ. އޭނާ ހިތުގައިޖެހުނު ވަރުން އަމީޒާ ކައިރީގައި ޓައިލްސްތައް މަތީގައި އިށީނދެ އަމީޒާގެ މޫނުގެ ދެފަރާތުގައި ހިފާލިއެވެ.

"ދަރިފުޅަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން. މިވަގުތު އޮތީ ހެއްދެވި ފަރާތަށް ޝުކުރުކޮށްފަ އުފާފާޅުކުރުން" ޙަމީދު ވާހަކަދެއްކިއެވެ. އަޒްކާ އަމީޒާއަށް ބަލައިލީ ކަރުނުން ފުރިފައިވި ދެލޮލަކުންނެވެ. އޭނާ އަމީޒާގެ ގައިގައި އޮޅުލައިގަތެވެ.

"މަންމާ...!" އަޒްކާގެ ދުލުން 'މަންމާ' އޭ ކިޔާ ގޮވާލި އަޑު އިވުމާއެކު އަމީޒާއަށް އިތުރަށް ރޮވުނެވެ. އެތައް އިރެއް ވަންދެން ދެމައިން އެކަކު އަނެކަކު ގައިގައި އޮޅުލައިގެން ތިބެ ރުޔެވެ.

ހަވީރު އަމީޒާގެ އާއިލާ އެއްތަންވި ވަގުތު ދެކެވުނު ވާހަކަތަކާ ބެހޭގޮތުން ބަހުސް ކުރެވުނީ ނުޝައިބާގެ އާއިލާ ރޭގަނޑު ކާންއެރި ވަގުތުގައެވެ. އަދިވެސް ފަރީޝާ އިނީ ޤަބޫލުނުކުރެވިފައެވެ.

"ފަރީ....! އަމީ އެދިޔައީ ރުހުމުގައެއްނު. އަމީއަށް ވެސް އުފާވެރިކަން ޙައްގެއްނު. ކިހާ ދުވަހަކު އެކަނިވެރިކަމުގައި އުޅެފި" މުހްސިން ވާހަކަދެއްކިއެވެ.

"ތިކަމަކާ އަހަރެން ދެކޮޅެއްނޫން. އަމީ އެގަޑީގަ ބުނި އެއްޗަކާމެދު މި ވިސްނާލީ" ފަރީޝާ ބުނެލިއެވެ.

"އަނެއްކާ އަހަރެންވެސް މި ވިސްނާ ކަންތަކާމެދުތަ ތި ވިސްނަނީ" ނުޝައިބާ ވާހަކަދެއްކިއެވެ.

"ވެދާނެ އަހަރެން މިހިތަށް އަރަނީ އަރޫ މިގޭގަ އެހާ ގިނަ ދުވަހު އުޅުނުއިރު އޭ އަމީ އެބުނީ ކީއްވެބާއޭ؟" ފަރީޝާ ބުނެލިއެވެ.

"މަގޭވެސް އެގަޑީގަވެސް ހިތަށް އެރި. އެކަމަކު ވަގުތުގެ ނާޒުކުކަމުން އެގަޑީގަ އެއްޗެއް ނުބުނީ" ނުޝައިބާ ވާހަކަދެއްކިއެވެ. އެއްވެސް އެއްޗެއް ނުބުނެ ދެފަރާތުން ވާހަކަދައްކަމުން ދިޔައިރު ހިމޭންކަމާއެކު ކާން ނަތާޝާ އިނެވެ. އޭނާ އަޒްކާގެ ޙަގީގަތް ކިޔައިދޭން ވިސްނަމުން ދިޔައެވެ.

"މަންމާ! ދޮންދައްތާ!" ނަތާ ބުނެފާނަން. މަންމަގެ ތި ސުވާލުގެ ޖަވާބު ނަތާ ދީފާނަން" ކައި ނިމިގެން ނަތާޝާ ވާހަކަދެއްކިއެވެ.

"އަރޫ އަކީ ކާކުކަން އިނގޭތަ؟ އެއީ އަޒްކީ. އޭރުގަވެސް އަމީދައްތަ އަޒްކީއާ އެހާ ކްލޯޒްކޮށް އުޅުނީ އަމީދައްތައަށް އެކަހަލަ ފީލިންގްސެއް އަންނާތީ" ނަތާޝާ ވާހަކަދެއްކިއެވެ.

"ނަތާއަށް ކިހިނެއް ތިހެން ބުނަން އިނގެނީ" ނުޝައިބާ އަހައިލިއެވެ. ފަރީޝާއާއި މުހްސިންވެސް އިނީ ޖަވާބު ބޭނުންވާ ފަދައަކުން ނަތާޝާގެ މޫނަށް ބަލަހައްޓާއިގެންނެވެ.

"މަންމާ! ރުޅިނާންނައްޗެ. އަޒްކީއާ ނަތާ ދިމާވިތާ ކިތަންމެ ދުވަހެއް. މެޑިކަލް ކޭމްޕްގަ ދިޔަ ރަށުން ޙައްވައްތަ ގެއިން އަޒްކީ ފެނުނީ. ދޮންތަގެއިން އަޒްކީ ނެރެލީމަ ޙައްވަތަ އަޒްކީ އެހީވީ. އަޒްކީގެ ބޭބީ ނުވިހަނިސް މަރުވީމަ ޙައްވައްތަ އަޒްކީ ގޮވައިގެން ރަށަށް ދިޔައީ. އަޒްކީއަށް ޙައްވައްތައާ ޙަމީދުބެއަކީ އަސްލު މަންމައާ ބައްޕަކަން އިނގުނީ ވަރަށް ފަހުން. އަމީދައްތަ ގެންގުޅޭ ފޮޓޯ އަޒްކީ އަތުގައިވެސް އެބައޮތް. އެހެންވެ ނަތާއަށް އިނގުނީ" ނަތާޝާ އޮޅުންފިލުވައިދިނެވެ.

އިވިގެން ދިޔަ ވާހަކަތަކަށްފަހު ނުޝައިބާއަށް ވެސް ފަރީޝާއަށް ވެސް ކިޔާނެ ބަހެއް ނޭނގުނެވެ. ތަގްދީރުގެ ރޭވުން ރޭވިފައިވާ ގޮތަށް ހުރިހާކަމެއްވެސް ހިނގާނެއެވެ. އެއީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. ނުޝައިބާ ހިމޭނުން ހުންނަން ފެށުމުން ނަތާޝާ ކުރިއަށްޖެހިލާ ނުޝައިބާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

"މަންމާ!" ނަތާޝާ ނުޝައިބާއަށް ގޮވައިލީ ނުޝައިބާ ހުންނާނީ ރުޅިންކަމަށް ހީކޮށްފައެވެ.

"މަންމަ ރުޅިއައިއްސަތަ މަޢާފްކުރޭ މަންމާ. ކުރިންވެސް ނަތާ ބުނީމެއްނު އަޒްކީއަކީ ގޯސްކުއްޖެއްނޫނޭ" ނަތާޝާ ވާހަކަދެއްކިއެވެ. އޭނާ ދެން ބަލައިލީ ގޮނޑީގައި ހިމޭނުން އިން ފަރީޝާއަށެވެ. ފަރީޝާގެ ލޮލުން ކަރުނަ ފޮހެލި މަންޒަރު ފެނުމުން ނަތާޝާ ދެރަވިއެވެ.

"ދޮންދައްތާ...! ފަޒާދައްތަގެ ދިރިއުޅުން އަޒްކީ ހަލާކެއްނުކުރޭ. އެ މާހިލްއަކީ ފެށުނީއްސުރެވެސް އެވައްތަރަށް އުޅޭ މީހެއް. ދޮންދައްތަމެން ވިސްނާނުލާ ފަޒާދައްތަ މާހިލްގެ އަތްމައްޗަށް ދޫކޮށްލީ" ނަތާޝާ ވާހަކަދެއްކިއެވެ.

ފާއިތުވެގެން ދެން ދިޔަ ވަގުތުތަކުގައި ގޭތެރޭގައި އެއްވެސް މީހަކު ވާހަކަނުދައްކައެވެ. ކުށެއްނެތް ނިކަމެތި އަންހެންކުއްޖަކާމެދު ކަންތައްކުރެވުނު ނިކަމެތި ގޮތުން ދެރަވީކަމެއް ނުވަތަ އިތުރަށް އެކަމާ ބެހޭގޮތުން ބަހުސްކުރަން ބޭނުންނުވަނީކަމެއް ނޭނގެއެވެ.

އާދުވަހަކަށް އިރު ފެނުން ތޮޅިލިއިރު އަޒްކާ ހުރީ ބެލްކަނީގައެވެ. ދުނިޔެމައްޗަށް އަލިވަމުން ދިޔައިރު އޭނާއަށް ދުނިޔެމަތިން ފެންނަމުން ދިޔައީ ހަމަހިމޭންކަމެވެ. ދުރުދުރަށް ދާންދެން ފެންނަން ހުރި އިމާރާތްތަކުގައި އަދިވެސް ހުރީ ހުދު އަލިތަކުން ދިއްލިލާފައެވެ. އޭނާ އެނބުރި ކޮޓަރިއަށް ބަލައިލިއެވެ. އެނދުގައި ނިދާފައި އޮތް ލޯބިވާ މަންމަގެ މޫނަށް އޭނާ ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. މަޑުމަޑުން ހިނގާފައި ގޮސް އޭނާ އަމީޒާގެ މަގަތުން އިށީނެވެ. އަމީޒާގެ މޫނުގައި އަތުން ފިރުމާލިއެވެ. އެހިނދު އަމީޒާ ދެލޯ ހުޅުވާލިއެވެ.

"މަންމާ! ހޭލައްވާލެވުނީދޯ. ސޮރީ" ނަތާޝާ ދެ ކަންފަތުގެ ކުޑަފޫޅުގައި އަތް އަޅާފައި ބުނެލިއެވެ. އަމީޒާ ތެދުވިއެވެ. އަދި އަޒްކާގެ މޫނުގައި ފިރުމާލަމުން ނިތުގައި ބޮސްދިނެވެ.

"މަންމާ... މިއަދު މިއީ ކިހާ އުފާވެރި ދުވަހެއްތަ؟ އަޅުގަނޑު ދުވަހަކުވެސް ހިއެއް ނުކުރަން މިދުވަސް އަޅުގަނޑަށް ފެނިދާނެކަމަކަށް" އަމީޒާގެ އުނގުގައި ބޯ އަޅައިލަމުން އަޒްކާ ވާހަކަދެއްކިއެވެ.

"މާތްﷲ ގެ ކުޅަދުންވަންތަކަން. މަންމަ ނޭދެން އެންމެ ހިނދުކޮޅަކަށްވެސް ދަރިފުޅު ލޯމަތިން ގެއްލެން" އަޒްކާގެ އިސްތަށިގަނޑުގައި ފިރުމަމުން އަމީޒާ ވާހަކަދެއްކިއެވެ.

"މަންމާ...!ކީއްވެތަ މަންމަ އަޅުގަނޑު އެހާ ކުޑައިރު ދޫކޮށްލީ" އަޒްކާ އަހައިލިއެވެ.

"މަންމަ ދަރިފުޅު ދޫކޮށެއްނުލަން. ނުވެސްލާނަން. ތިއީ މި މަންމަގެ މޭގެ އެތިކޮޅު. މި މަންމަ ދިރިހުރުމަށްޓަކައި އެތެރެއަށް ދަމާލުމަށްފަހު ބޭރަށް ދޫކޮށްލާ ނޭވާ" އަމީޒާ އަސަރާއެކު ވާހަކަދެއްކިއެވެ.

"ދެން ކީއްވެ މަންމައާ ބައްޕައާ އަޅުގަނޑާ ވަކިން އުޅެންޖެހުނީ" އަޒްކާ ސުވާލުކުރިއެވެ.

"އެއީ ވަރަށް ދިގު ވާހަކައެއް ދަރިފުޅާ. މިވަގުތު ތިވާހަކަ މަންމަގެ ދުލުން ކިޔުއްވާނެކަމެއްނެތް. ދަރިފުޅަށް ތި ވާހަކަތައް މާމަ ކިޔައިދޭނަން. ލަސްނުކޮށް އޮފީހަށްދާން ތައްޔާރުވޭ" ދޮރުން ވަން ޙައްވަ ވާހަކަދެއްކިއެވެ. އެދިމާލަށް އަމީޒާއާ އަޒްކާ ބަލައިލީ އެކުއެކީގައެވެ.

"މާމާ! މިއަދު އަޅުގަނޑު ޗުއްޓީ. މިއަދު އަޅުގަނޑު ބޭނުމީ ހުރިހާ ވަގުތެއްގަ މަންމަ ކައިރީގަ ހުންނަން" އަޒްކާ ބުނެލިއެވެ.

"ނޫން. އެގޮތް ކަމަކުނުދާނެ. މާތްﷲ އިރާދަފުޅުކުރެއްވިއްޔާ މި އާއިލާ އަބަދުވެސް އުޅޭނީ އެކީގާ. ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް. އަވަހަށްދޭ ތައްޔާރުވާން" ޙައްވަ އަޒްކާއަށް ނަޞޭޙަތްތެރިވިއެވެ. އަމީޒާގެ މޫނަށް ބަލައިލާފައި އަޒްކާ ތެދުވިއެވެ. އަދި ހަރުގައި އަޅުވާލައިފައި އޮތް ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ.

އާދައިގެ މަތިން ފަތިސް ނަމާދަށްފަހު ނާހިދް އައިސް ގެއަށް ވަނެވެ. އޭނާ ކޮޓަރިއަށް ވަނުމުގެ ބަދަލުގައި މިސްރާބު ޖެހީ ބަދިގެއަށެވެ. އޭރު ނައިޝީ ބަދިގޭގައި ކޮފީ ހަދަން ހުއްޓެވެ. ނާހިދް ފެނުމުން އޭނާ ހީލިއެވެ.

"ކޮފީ ގެންނަންވީ" ފިނި ފެންފުޅިއެއް ނަގައިގެން ތައްޓަށް ފެން އަޅަން ހުރި ނާހިދަށް ބަލައިލަމުން ނައިޝީ އަހައިލިއެވެ. ނަމަވެސް ނާހިދް ކޮފީއެއް ބޭނުމެއްނުވިއެވެ. ނައިޝީ ދެން އެއްޗެއް ބުނުމުގެ ކުރިން ނާހިދް ނިކުމެއްޖެއެވެ.

މަގުގެ އެއްފަރާތުން ހިނގާފައި އަންނަމުން ދިޔަ އަޒްކާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. ކުކުޅުބިސް ކުލައިގެ އަތްދިގު ފައިގެ ކަށި މައްޗާ ހަމައަށް އަންނަ މިޑީގައި މެއަށް ވުރެ ކުޑަ ތަންކޮޅެއް ތިރީގައި އަޅާފައިވާ ބެލްޓުގައި އެ ހަށިގަނޑުގެ ލޫޅާފަތިކަން އިތުރަށް ހާމަވާން ހުއްޓެވެ. ބަނަކޮށްލާފައިވާ އުޑުމަތީގައިވާ ކުލައާއި އަޒްކާ އަޅައިގެން ހުރި ހެދުން ނުލާހިކު ގުޅެއެވެ. އެހެންފަހަރުތަކާ ޚިލާފަށް އޭނާގެ ފަތުރާލާފައިވާ އިސްތަށިގަނޑު ވަނީ ބޭންޑަކުން ހައްޔަރުކޮށްލާފައެވެ. ފިޔާތޮށިކުލައިގެ ތުނި ތުންފަތަށް ވެރިވެފައިވާ ފަރި ހިނިތުންވުމުގެ ޖާދޫގައި ޖެހިފައި ދުރުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ނިވަލުގައި ނާހިދް ސައިކަލުމަތީގައި އިނެވެ. ކޮންމެދުވަހަކު ފަތިސް ނަމާދަށްފަހު އޭނާ އަންނަނީ އަޒްކާ އޮފީހަށް އަންނަ ގަޑިއާ ދިމާކުރާށެވެ. ކޮންމެދުވަހެއްގެ ފެށުން އޭނާ ފާހަގަކުރަނީ އަޒްކާގެ ސޫރަ ބަލާލުމަށްފަހު އޭނާ ހިތަށް ލިބޭ ހިތްހަމަޖެހުމަށްފަހުގައެވެ. އަޒްކާގެ ލޯބީގައި އޭނާ އެދަނީ އާވާރާ ވަމުންނެވެ.

އޮފީހުން ނިކުތްގޮތަށް އަޒްކާ ގުޅީ ނަތާޝާއަށެވެ. ދެ އެކުވެރިން ބައްދަލުކުރީ އަޒްކާ އޮފީސް ކައިރިންނެވެ. މިފަހަރު ނަތާޝާ އައީ ކާރުގައެވެ. އަޒްކާ ކާރަށް އެރުމުން ނަތާޝާ ކުރިއަށް ދުއްވާލިއެވެ.

"ކޮންތާކަށް ދާން އެވަރަކުން ނަތާ އުޅުނީ. އަސްލު ތެދެއް ބުނަންތަ؟ ވަރަށް ބޭނުން އަވަހަށް ގެއަށްދާން. މަންމަ ކައިރީގައި ހުންނަހިތްވަނީ. މާމައާ ބައްޕަ ފެނުމުން ނުލިބޭހާ ހިތްހަމަޖެހުން މަންމަ ފެނުމުން ލިބިއްޖެ" ކާރުގައި ހަމަޖެހިލުމަށްފަހު އަޒްކާ ބުނެލިއެވެ.

"މަޑުކުރޭ ގެއަށް ގެންގޮސްދޭނަމޭ ވަރަށް އަވަހަށް. ވާހަކައެއް ބުނަންއުޅުނީ. އަޒްކީ ނުވާނެ ރުޅިއައިސްގެނެއް" ދުއްވަން އިން ނަތާޝާ ވާހަކަދެއްކިއެވެ.

"ދެން ނަތާދެކެ ރުޅިއެއް ނާންނާނެއްނު" އަޒްކާ ބުނެލިއެވެ.

"އެވާހަކަ ބުނުމުގެ ކުރިން އެންމެފުރަތަމަ އެހެން ވާހަކައެއް ބުނެފާނަން. އަޒްކީ ގޮވައިގެން މިދަނީ ނަތާމެންގެއަށް. މަންމަ އާ ދޮންދައްތަ ބޭނުންވޭ ނަތާ އާ ބައްދަލުކުރަން" ނަތާޝާ ވާހަކަދެއްކިއެވެ. އެގެއަށް ދާން ދެކޮޅު ނެހެދިޔަސް އަޒްކާ ނަތާޝާއަށް ބަލައިލީ ކަންބޮޑުވެފައެވެ.

"ކަންބޮޑުނުވޭ އަޒްކީ. އެމީހުން މިހާރު ތިބީ އަޒްކީދެކެ ފޫހިވެފައެއްނޫން" އަޒްކާގެ އަތުގައި ހިފައިލަމުން ނަތާޝާ ބުނެލިއެވެ.

"އޯކޭ.. ދެން ބުނަން އުޅުނު ވާހަކައަކީ" އަޒްކާ ބުނެލިއެވެ.

"އެވާހަކަ ބުނާނަން ގެއަށް ގޮށްސަ" ނަތާޝާ ބުނެލިއެވެ. އަޒްކާ އަނގަ ހަދާލިއެވެ.

ގެއާއި އިންވެގެން ހުރި ގަރާޖަށް ކާރު ވައްދާލުމަށްފަހު އަޒްކާ އަތުގައި ހިފާލައިގެން ނަތާޝާ ގޭތެރެއަށް ވަނެވެ.

"މަންމާ! ދޮންތަ އައިއްސި އަޒްކާދައްތަ ގޮވައިގެން" ސޯފާގައި ޓެބަކުން ގޭމް ކުޅެން އިން ފަރީޝާގެ ހަގު ފިރިހެންކުއްޖާ ގޮވައިލިއެވެ. އެއަޑަށް ބަދިގޭގައި އުޅުނު ފަރީޝާ ބޯދިއްކޮށްލިއެވެ.

"އަނހަ ދެކުދިން އައީތަ؟ އާދޭ އަވަހަށް ސައިބޯން" ބަދިގޭގައި ހުރި ފަރީޝާ ގޮވައިލިއެވެ.

"ބީރައްޓެހިވެފަ ނުހުރެބަލަ. މިގެއަށް އަލަކަށް ނޫނެއްނު ތިއައީ" ނަތާޝާ އާއި އަޒްކާ ފަހަތް ބަލައިލީ އިވުނު ނުޝައިބާގެ އަޑުންނެވެ. ޖުމްލަ ފުރިހަމަ ކުރިއިރު ނުޝައިބާ ހުރީ ދެކުދިންނާ އެއް ހަމައެއްގައެވެ. އަޒްކާ އަތުގައި ހިފައިގެން ގޮސް ބަދިގެ ބަޔަށް ވަނެވެ.

"ކޮން ނަމެއްތަ ފަރިއްތަމެން ކިޔަންވީ. އަޒްތަ ނުނީ އަރޫތަ...؟" އަޒްކާ އިށީނުމުން ފަރީޝާ އަހައިލިއެވެ. އަޒްކާ ބަލައިލީ ނަތާޝާގެ މޫނަށެވެ. ނަތާޝާ ހީލިއެވެ.

"އަޅުގަނޑަށް ދުނިޔެ އިނގުނީ އަޒްކާގެ ނަމުގަ. އެންމެން އަޅުގަނޑު ދަންނަނީވެސް އަޒްކާގެ ނަމުގަ. އައިޑީކާޑުގަ ވެސް ވަނީ އަޒްކާ. އެހެންވީމަ އަޅުގަނޑަށް ރަނގަޅީ އަޒްކާ ކިއިއްޔާ" އަޒްކާ ވާހަކަދެއްކިއެވެ.

"ދަރިފުޅާ! ވެދިޔަކަމެއް ވެދިޔައީ. ދައްތަމެންނަށް ކަންތައްކުރެވުނީ އެންމެ ރަނގަޅަކަށްނޫން. ދައްތަމެންނަށް ހިތްހެޔޮކޮށްދެއްޗެ" އަޒްކާގެ ބޮލުގައި ފިރުމާލަމުން ނުޝާއިބާ ވާހަކަދެއްކިއެވެ. އަޒްކާއަށް ލަދުވެތިކަމެއް އިހުސާސްވިއެވެ. އޭނާގެ މަންމައާ އެއްފަދަ މީހަކު އޭނާގެ ކުރިމަތީގައި އެހާ ކުޑަވުމުން ހަގީގަތުގައިވެސް އޭނާ ދެރަވެއްޖެއެވެ.

"އަޅުގަނޑު ހިތުގައި އެއްވެސް ބުރަކަމެއްނެތް. އަޅުގަނޑު އެންމެންނަށްވެސް ހިތްހެޔޮ އަބަދުވެސް" އަޒްކާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ. ފަރީޝާ ލޯތްބާއެކު އަޒްކާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

"ދައްތަމެން ބޭނުންވަނީ ނަތާގެ ކައިވެނީގެ ކަންތަކުގައި ފުރިހަމައަށް އަޒްކާވެސް ބައިވެރިވާން. އެކައިވެނި ފެށޭ މަހު ފަހުކޮޅަށް ހަމަޖެހިއްޖެ" ނުޝައިބާ ވާހަކަދެއްކިއެވެ. ލިބުނު އާ ހަބަރާއެކު އަޒްކާއަށް ބަލައިލެވުނީ ކައިރީގައި އިން ނަތާޝާގެ މޫނަށެވެ. ދުލުކުރީގައި ނަތާޝާ ދަތް އަޅާލި މަންޒަރު ފެނުމުން ނުޝައިބާއަށް ވިސްނުނެވެ.

"މަންމައަށް މާކުރިން ދޯ ސިއްރު ފާޅުމިކުރެވުނީ" ނުޝާއިބާ ބުނެލިއެވެ.

ހިތްހަމަނުޖެހިފައި އިން އަޒްކާ ނަތާޝާ ކޮޓަރިއަށް ވަނުމަށްފަހު އެނދުގައި އިށީނެވެ. ކުށްވެރިއެއް ފަދައިން ނަތާޝާ އައިސް ޑްރެސިންގްޓޭބަލް ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ.

"އަސްލު ބުނަންވެގެނޭ ހުރީ. ސޮރީ ލަވް" ނަތާޝާ ބުނެލިއެވެ.

"އެހެންވެއެއްނޫން ރުޅިއައިއްސަ މީނީ. އެހިސާބަށް ދިޔައިރު އަދި އަހަރެންގެ ބެސްޓްފްރެންޑްގެ ވާންއުޅޭ ހަޒްބެންޑް ނުފެނޭ. ނޮޓް ފެއަރ" އަޒްކާ ވާހަކަދެއްކިއެވެ. އޭނާ އިނީ މޫނު ކުނިކޮށްލައިގެންނެވެ.

"މިރޭ ދާންވީ ދޯ ތިގެއަށް ގޮވައިގެން. އޭރުން އަމީދައްތައަށް ވެސް ފެންނާނެއްނު" ނަތާޝާ ބުނެލިއެވެ.

"އޯކޭ. ޑޯންޓް ފޮގެޓް. މީރު ކާއެއްޗެއް ހަދާފަ ބަހައްޓާނަން. އެކަމު ނަތާއަކަށް ނޫން އިނގޭ" އަޒްކާ ބުނެލިއެވެ.

"ތިއެއްނޫނޭ ނަތާ ބުނަން އުޅުނީ އަޒްކީ ބޭނުންތަ ނާހިދާ މީޓްކޮށްލަން" ނަތާޝާ ބުނެލިއެވެ.

"ނަތާ...!! ވަރަށް ބޭނުން. އެކަމަކު.... ނާހިދް ބޭނުމެއްނުވާނެ. އިނގޭތަ މިނިސްޓްރީ މީޓީންގ އޮތް ދުވަހު ނާހިދް ފެނުނު. ވަރަށް ބެލި" އަޒްކާ ވާހަކަދެއްކިއެވެ.

"އެހެންތަ....! ނާހިދް ބޭނުންވޭ އެންމެފަހަރަކު މީޓްކޮށްލަން" އަޒްކާ ނަތާޝާގެ މޫނަށް ބަލައިލީ ޤަބޫލުނުކުރެވިފައެވެ.

"ނަތާ ކައިރީގައި ބުނީ. އަދި ދީފާނަން ވަރަށް ޝޮކިންގ ނިއުސްއެއް. އަމީދައްތަގެ ޑޮކްޓަރަކީ ނާހިދް. ނާހިދަށްވެސް މިހާރު އިނގޭ އެއީ އަޒްކީގެ މަންމަ ކަން" ނަތާޝާ ވާހަކަދެއްކިއެވެ. އިޚްތިޔާރަކާނުލާ އަޒްކާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ނަތާއަށް ކިހިނެއް ހީވަނީ. ކީއްވެ ނާހިދް މީޓްކުރަން އެބުނީ. ހީވޭތަ އަދިވެސް ނާހިދް އަހަރެންނާ ލައިކްވާހެން" އަޒްކާ އަހައިލިއެވެ.

"ހީވަނީއެއްނޫން. އައިއެމް ޝުއަރ. ކީކޭ ބުނަންވީ އޭނަ ކައިރީގަ" ނަތާޝާ ބުނެލިއެވެ.

"ބުނޭ ތަނެއް ހަމަޖައްސާފަ ބުނާށޭ މަގޭ ކައިރީގަ. އައި އެމް ވެރީ އެކްސައިޓެޑް" އަޒްކާ ވާހަކަދެއްކިއެވެ.

"އެކަމު ހަނދާންކުރައްޗޭ ނާހިދަކީ ލައިފެއް ފަށައިގެން އުޅޭ މީހެއްކަން. ލައިފެއް ހަލާކުކޮށްލަން އަޒްކީއަށް ވިޔަސް ނަތާ އެއްބާރުލުން ނުދޭނަން" ނަތާޝާ ބުނެލިއެވެ. އެވާހަކައާއި އަޒްކާ އެއްބަސްވިއެވެ. ނާހިދާ ބައްދަލުކުރަން އޭނާ އެއްބަސްވީ ފަހަރެއްގައިވެސް އެ ދިރިއުޅުމަށް ވެރިވެގަންނާކަށް ނޫނެވެ. އެހެންނަމަވެސް އޭނާގެ ހިތުގެ ހިތްހަމަޖެހުމަށެވެ. އޭނާ ނާހިދް ދޫކޮށްލަން ޖެހުނު ސަބަބު އިނގެން ނާހިދް ބޭނުންވަންޏާ އެސަބަބު ހާމަކުރަން ބޭނުންވެގެންނެވެ. އެސޫރަ ގާތުން ބަލައިލާހިތުންނެވެ.

އަޒްކާގެ އާއިލާއިން ރާއިދަށް ކިއީ ވަރަށް ފުރިހަމަ މަރުހަބާއެކެވެ. ރާއިދަށްޓަކައި ރޭގަނޑުގެ ކެއުން ތައްޔާރުކުރީ އަޒްކާއާއި ޙައްވައެވެ. އަތް ގާތްކޮށްދިނުމަށް އަމީޒާވެސް އުޅުނެވެ. އަމީޒާ ގޭތެރެ މަސައްކަތްތަކުގައި އުޅުނީ އެއްވެސް މީހަކު ބުނެގެނެއްނޫނެވެ. އާދައިގެ ދިރިއުޅުމެއް އުޅެވޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ. ކުރިން ޙައްވަ ކުރަމުން އައި ޙަމީދުގެ ހުރިހާ ކަމެއް ބަލަހައްޓަނީ އަމީޒާއެވެ. އާއިލާއާއި އެކީގައި ދިރއުޅެންފެށި ފަހުން އޭނާގެ ތުންފަތްމަތިން ހިނިތުންވުން ފިލާނުދެއެވެ.

ނަތާޝާއާއި ރާއިދު ދިޔުމުން އަޒްކާ ފޯނު ހިފައިގެން ނިކުތީ ބެލްކަންޏަށެވެ. އެވަގުތަކީ ނިރާޝްގެ ފޯނު ކޯލެއް ލިބުނު ވަގުތަށް ވުމުން އޭނާ ފޯނަށް ޖަވާބުދޭން ހުރީ ރެލިނގްގައި ލެގިލައިގެންނެވެ. ވިއްސަކަށް މިނިޓް ފަހުން އޭނާ ސިހުނީ ދޮރުގައި ބެލްއަޅާލި އަޑު އިވުމުންނެވެ. ދޮރު ހުޅުވަން ދާން އުޅެފައި އޭނާ މަޑުޖެހުނީ ކޮޓަރިން ނިކުތް އަމީޒާ ދޮރާ ދިމާލަށް ދިޔުމުންނެވެ.

"އައްސަލާމް އަލައިކުމް" ދޮރުމަތީގައި ހުރި ޒުވާނާ ސަލާން ގޮވާލި އަޑު އަޒްކާއަށް އިވުނެވެ. އެހެންކަމުން އޭނާ ފޯނު ކުރުކޮށްލާފައި ދޮރާއި ދިމާލަށް ދިޔައެވެ.

ކުރިމަތީގައި ނުދަންނަ މީހެއް ހުރުމުން އަމީޒާ ސަލާން ބަލައިގަތަސް އަތާއި އަތް ޖޯޑުކޮށް ސަލާން ނުކުރިއެވެ. އެ ޒުވާނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އަމީޒާގެ ފުރަގަހުން އައިސް ހުއްޓުނު އަޒްކާ ފެނިފައެވެ. އަމީޒާ އެނބުރި އަޒްކާގެ މޫނަށް ބަލައިލިއެވެ. ނަމަވެސް އަޒްކާގެ ދެބުމަ ގޮށްޖެހިފައިވި މަންޒަރު ފެނުމުން އަމީޒާގެ ނަޒަރު އަލުން އެޒުވާނާއަށް ހުއްޓައިލިއެވެ.

"އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ؟ އަޅުގަނޑުގެ ނަމަކީ ޝިފާން" ޒުވާނާ އަމިއްލައަށް ތަޢާރަފްވެލިއެވެ.

"ވަންނަވާ އެތެރެއަށް. ކޮޓަރިން ނިކުތް ޙައްވަ ބުނެލިއެވެ. ޙައްވަގެ އެންމެ މާތް ސިފައަކީ އެއީއެވެ. ދޮރުމަތީގައި މެހެމާނެއްގެ ސިފައިގައި ބުޅަލެއް އިން ކަމުގައި ވިޔަސް އޭނާ މެހެމާންދާރީ އަދާކުރާނެއެވެ. އޭނާ ވަނީ މިވީ ކުޑަ ދުވަސްކޮޅުގައި އަޒްކާއަށްވެސް މެހްމާންދާރީ އަދާކުރަން ދަސްކޮށްދީފައެވެ.

ޝިފާން އެތެރެއަށް ވަނުމުން އިށިންނަން ގޮނޑި ދެއްކުމަށްފަހު ޙައްވަ އެނބުރުނީ އަޒްކާއާ ދިމާލަށެވެ. އަޒްކާއަށް އެބުނި އެއްޗެއް އިނގިގެން އޭނާ ބަދިގެއާއި ދިމާލަށް ދިޔައެވެ. ދެން އައިރު އަތުގައި ތަބަކެއް ހުއްޓެވެ. އޭނާ ފެންތަށި ޝިފާނަށް ދިއްކޮށްލިއެވެ. ފެންތަށީގައި ހިފައިލަމުން ޝިފާން އަޒްކާގެ ހިމަ އިނގިލިތަކުގައި އަތް ބީއްސާލިއެވެ. އަޒްކާ އަތް ދަމައިގަތީ ކުއްލިއަކަށެވެ.

"ކީއްކުރާ ކުއްޖެއް" ޙައްވަ އަހައިލިއެވެ.

"އަޅުގަނޑު ބޭނުންވަނީ އަޒްކާގެ ބަލަދުވެރިންނާ ބައްދަލުކޮށްލަން" ޝިފާން ބުނެލިއެވެ.

"އަޒްކާގެ ބައްޕަ މިވަގުތު ގެއަކު ނެތް. މިހާރު މިތިބީ ދެން ތިބި މީހުން" ޙައްވަ ވާހަކަދެއްކިއެވެ.

"އަޅުގަނޑު މިއައީ އަޒްކާގެ ކައިވެންޏަށް އެދެން. އަޅުގަނޑަކީ ޑޮކްޓަރެއް. އަޅުގަނޑުގެ އާއިލާ އެއްވެސް މެންބަރެއް މިދުނިޔެއަކު ނެތް. އަޅުގަނޑު އަޒްކާ ދެކެ ވަރަށް ލޯބިވޭ" ޝިފާން ވާހަކަދައްކަމުން ދިޔައިރު ޙައްވަ ކައިރީގައި އިން އަމީޒާގެ އަނގަ ހުޅުވެމުން ދިޔައެވެ.

"ލަދެއްވެސް ނުގަނޭތަ؟ ހަނދާންނެތުނީތަ ގުރައިދޫގަ ކަލޭ މަށަށް ޖެއްސި ނިކަމެތި ހާލު. ތިއުޅެނީ މާހިލް ބުނެގެން. އޭރުވެސް އަހަރެން ގަޔަށް އިންޖެކްޝަންތައް ޖަހަން އުޅުނީ ހަމަ ތި އިންސާނާ. ހީކުރީ އަހަރެން ހަނދާންނެތް ކަމަށްތަ؟" އެންމެން ސިއްސައިގެން ދިޔައީ ކުއްލިއަކަށް އަޒްކާ ތެދުވެ ހަޅޭޢްލަވައި ގަތުމުންނެވެ. ޝިފާން ލަދުން އިސްޖަހާލިއެވެ.

"އެކަމަށްޓަކައި އަޅުގަނޑު މަޢާފަށް އެދެން. ހަމަ ހެޔޮކޮށް މިބުނީ. އަޅުގަނޑު ބޭނުމީ ކައިވެނިކުރަން" ޝިފާން ވާހަކަދެއްކިއެވެ.

"މާމާ! މަންމާ! އަޅުގަނޑު ބޭނުމެއްނޫން. މީނަ ކައިރީގައި ބުނޭ މިގެއިން ދާށޭ. އަނެއްކާ އެދުވަސްތަކަށް އެނބުރި ދާން އަޅުގަނޑު ބޭނުންމެއްނޫން. އަޅުގަނޑު ލޯބިވަނީ ހަމައެކަނި ނާހިދް ދެކެ. ހަމައެކަނި ނާހިދް ދެކެ" އަޒްކާއަށް އަމީޒާގެ ހަށިގަނޑުގައި ބައްދައިގަނެވުނެވެ.

"ދެން ރަނގަޅުވާނީ މިގެއިން ދުރުވިއްޔާ" ޙައްވަ ބުނެލިއެވެ. ޝިފާން ބަހެއްނުބުނެ ނިކުންނަން ހިނގައިގަތެވެ.

ޝިފާން ނިކުތުމުން ޙައްވަ ކޮޓަރިއަށް ވަނީ ގޭ ދޮރު ތަންޑުއަޅުވާފައެވެ.

އެނދުގައި އިން އަމީޒާގެ އުނގުގައި ބޯ އަޅާލައިގެން އޮތް އަޒްކާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ އަމީޒާ އިނީ ރޮވިފައެވެ. އަޒްކާގެ މާޒީގައި ހިނގާދިޔަ ހިތްދަތި ދުވަސްތަކުން ކުޑަ މިންވަރެއް ވޭތުވެމިދިޔަ މިނިޓުކޮޅުގައި އަޒްކާ ކިޔައިދީފިއެވެ. ނަމަވެސް އޭނާ އިތުރަށް ނާހިދްގެ ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް ރޭވުމެއްގެ ދަށުން މާހިލް އޭނާ މޮޔައަކަށް ހަދާ ގުރައިދުއަށް ގެންގޮސް އެތަކެއް ތަކުލީފެއް އުފުލަން ޖެހުނު ވާހަކަ ކިޔައިދިނެވެ. އޭނާ މާހިލްގެ ދަރިއަކަށް ބަލިވެއިނދެ މާލޭގައި ތެޅެންޖެހުނު ހާލު ކިޔައިދިނެވެ. ނަމަވެސް ނޭނގުމެއްގެ ތެރެއިން ނުޝައިބާއާއި ފަރީޝާ ކަންތައްކުރި ގޮތުގެ ވާހަކަ ކިޔައެއްނުދެއެވެ. ދެމައިން ރޯތަން ފެނި ހުއްޓުވާކަށް މިފަހަރު ޙައްވަ މަސައްކަތެއް ނުކުރެއެވެ. އޭނާ ބޭނުންވަނީ އެދެމައިންނަށް ވަގުތު ދޭށެވެ.

މާހިލްގެ އަތުގައި ހިފައިގެން ހުރެ ކުރިމަތީގައި ހުރި ގެއަކަށް ނައިޝީ ވަން މަންޒަރު ފެނި ފިހާރަ ތެރޭގައި ހުރި އިނާޝާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

(ނުނިމޭ)