ޚަބަރު

މަލިކު ސަރަހައްދުން ހިފެހެއްޓި ''އަންބަރީ'' ދޯނި ދޫކޮށްލަން އިންޑިއާ ސަރުކާރުން ނިންމައިފި

މަރިޔަމް ޝަހުދާ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، މަލިކު ކައިރިން ހިފެހެއްޓި ރާއްޖޭގެ ''އަންބަރީ'' މަސް ދޯނި ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މި ދޯނި ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއަރޒްއަށް ގުޅައިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ކުރި މަސައްކަތުންނެވެ. އަދި އެދޯނީގެ އިތުރުން ދޯނީގައި ތިބި ފަޅުވެރިން މިއަދު ދޫކުރުމަށް އިންޑިއާ ސަރުކާރުން ނިންމައި، މިނިސްޓަރ އަބްދުﷲ ޝާހިދުއަށް އެކަން އަންގާފައިވާ ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ވަނީ ޓުވީޓެއްވެސް ކުރައްވާފައެވެ.

މިނިސްޓަރުގެ ޓުވީޓުގައި ''އަންބަރީ'' ދޯނީގެ ހުރިހާ ފަޅުވެރިން ދޫކުރަން ނިންމައިފިކަން އިންޑިއާ ސަރުކާރުން އެމަނިކުފާނަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިކަން ކުރުމަށް ދިވެހި މަސްވެރިން އެހެން ގައުމުތަކުގަ ކަނޑުގެ ސަރަހައްދަށް ނުވަނުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީ އިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި، އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުތަކުގައި ދިވެހި މަސްވެރި އުޅަނދުތައް ހަރަކާތްތެރިވުމަކީ ގާނޫނާއި ގަވައިދާ ހިލާފު ކަމެއްކަން ފާހަގަކޮށްފައިވެއެވެ. އަދި މިކަމަށް ސަމާލު ވުމަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރާ އުޅަނދު ފަހަރުގެ ވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، މަލިކު ކައިރިން އަންބަރީ ދޯނި، އިންޑިއާގެ ކޯސްޓް ގާޑުން ހިފަހައްޓާފައިވަނީ މިދިޔަ ހަފްތާ ބަންދު ތެރޭގައެވެ.

ބައެއް މައުލޫމާތުތައް ބުނާގޮތުން އެ ދޯނީގައި ތިބީ 10 ފަޅުވެރިންނެވެ.

ނަމަވެސް އެ ދޯނީގައި ތިބި ފަޅުވެރިންގެ ފުރިހަމަ އަދަދެއް އެއްވެސް ފަރާތަކުން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. މި ދޯނި އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓާފައި ވަނީ މަލިކާ ތިން މޭލެއްހާ ހިސާބަށް ކައިރިވެފައި ވަނިކޮށް ކަމަށް "ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވެއެވެ.