ކޮލަމް

ކެޔޮނިރު ކޮލަމް: ހަލާލު ޓޫރިޒަމްގެ ސިނާއަތު ރާއްޖޭގައި 2020ގައި ތައާރަފު ކުރުން

މުހައްމަދު ބުޝްރީ

1

ރާއްޖޭގައި އިސްލާމީ ކޮންސެޕްޓަށް "ހަލާލު" ރިސޯޓެއް ހަދަން ށ. ގާކޮށިބީގައި އޭ.ޑީ.ކޭ ކުންފުނިން 2007 ވަނަ އަހަރު މަސައްކަތް ފެށިއެވެ. ތުރުކީގެ ކުންފުންޏެއް ކަމުގައިވާ ކެޕްރިސް ގޯލްޑް އާ ގުޅިގެން ށ. އަތޮޅުގައި ހަލާލު ޓޫރިސްޓް ރިސޯރޓެއް ހަދަން އޭ.ޑީ.ކޭ ކުންފުނިން ފެށިކަމުގައި ވިޔަސް ރަށް ނުހެދި ދިގުލައިގެން ގޮސް 10 އަހަރު ވީއިރު އެރަށުގެ "އިސްލާމިކް" ޓެގް ބަދަލުކޮށް، އާއްމު ރިސޯރޓެއްގެ ގޮތުގައި އެރަށް ފަހުންވަނީ ހުޅުވައިފައެވެ. ރާއްޖޭގެ ޓޫރިޒަމަށް 47 އަހަރުވެފައިވާއިރު، "ހަލާލު" ނުވަތަ "މުސްލިމް ފްރެންޑްލީ" ރިސޯޓެއް މިހާތަނަށް ރާއްޖޭގައި ހަދާފައި ނުވިޔަސް މިއީ ދުނިޔޭގައި ވަރަށް ބާރު ދުވެލީގައި ކުރިއަރަމުން އަންނަ ވައްތަރެއްގެ ފަތުރުވެރިކަމެކެވެ.

ވިޔަފާރިވެރީންނަށާއި ވިޔަފާރިތަކަށް އިލްމީ އަދި ދިރާސީ މައުލޫމާތު ފޯރުކޮށްދޭ ޖަމާއަތެއް ކަމުގައިވާ ތޮމްސަން ރޮއިޓާސް އިން 2017 ވަނަ އަހަރު އާއްމުކުރި ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގެ ފަތުރުވެރިކަމުގެ ގާތްގަނޑަކަށް 12 ޕަސެންޓް ހިއްސާކުރަނީ މުސްލިމް ފަތުރުވެރީންނެވެ. އަދި މި މުސްލިމް ފަތުރުވެރީން ވަނީ މިދިޔައަހަރު ފަތުރުވެރިކަމުގައި ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މިއަދަދުތަކުން މުސްލިމް ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަން ދޭހަވެގެން ދެއެވެ.

ހަލާލު ޓޫރިޒަމްގެ ހިދުމަތްދޭ ރިސޯޓެއް ނުވަތަ ހޮޓަލެއް ނަމަ އެތަނުގައި ވިއްކަންޖެހޭނީ މުޅިންވެސް "ހަލާލު" ލޭބަލް ކުރި ކާނާއެވެ. އަދި ރަލާއި އޫރުމަސް ފަދަ ތަކެއްޗެއް ނުވިއްކޭނެއެވެ. ހަމައެފަދައިން ކައިވެނި ނުކުރާ މީހުނަށް އެއްކޮޓަރި ނުވިއްކޭނެއެވެ. ތޮމްސަން ރޮއިޓާސް ގެ ރިޕޯޓުގައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި މުސްލިމް ފްރެންޑްލީ ނުވަތަ ހަލާލު ޓުރިޒަމްގައި މިވަގުތު ދުނިޔޭގެ އެއްވަނައިގައި އޮތީ ޔުނައިޓެޑް އެރެބް އެމިރޭޓްސް އެވެ. ޔޫ.އޭ.އީ ގެ ފަހަތުން ދެވަނާގައި މެލޭޝިއާ، ތިންވަނާގައި ތުރުކީ، ހަތަރުވަނާގައި ސިންގަޕޫރު އަދި ފަސްވަނާގައި އޮތީ ޖޯރޑަން އެވެ. ހަލާލު ޓޫރިޒަމްގައި ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އޭ.ޑީ.ކޭ އިން މީގެ 12 އަހަރު ކުރީން ކުރަން އުޅުނު މަސައްކަތް ކާމިޔާބު ނުވިޔަސް ދުނިޔޭގައި އިސްލާމިކް ޓޫރިޒަމް ފުޅާވެ، އަހަރަކު 200 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ބަދަލު ވެފައިވާ އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިސްލާމިކް ނުވަތަ ހަލާލު ޓޫރިސްޓް ރިސޯޓް ތައާރަފު ކުރުމަށް ދިވެހި ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

އެގޮތުން، ހަލާލު ޓޫރިޒަމްއާ ގުޅުން ހުރި ގަވާއިދުތަކާއި ގާނޫނުތައް އަންނަ 2020 ވަނަ އަހަރު ނިންމުމަށާއި، މިބާވަތުގެ ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އަންނަ އަހަރު އިންވެސްޓަރުންނަށް ހާއްސަ ހަރަކާތް ތަކެއް ހިންގުމަށާއި، ހަލާލު ޓޫރިސްޓް ރިސޯރޓް ހަދަން އަންނަ އަހަރު ރަށްތައް ދޫކުރަން ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަން އިއުލާންކޮށްފައިވަނީ ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ކުރަން ކަނޑައަޅާ ކަންކަން ހިމެނޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައެވެ.

އެގޮތުން ހަލާލު ޓުރިޒަމްގެ ސިނާއަތާ ގުޅޭ ގަވާއިދުތަކާއި ގާނޫނުތައް އަންނަ އަހަރު ހަދައި ނިންމުމަށް ހަވާލުވެފައި ވަނީ އެޓާނީ ޖެނެރަލް އޮފީސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއާ އެވެ. ހަލާލު ޓޫރިޒަމްއަށް ރާއްޖޭގައި އިންވެސްޓް ކުރާނެ އިންވެސްޓަރުން ހޯދުމަށް އަންނަ އަހަރު ހަރަކާތްތަކެއް ހިންގުމަށް ހަވާލުވެފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާއެވެ. ހަލާލު ރިސޯރޓް ހަދަން ރަށްތައް ދޫކުރާނީ ޓުރިޒަމް މިނިސްޓްރީގެ ފަރާތުންނެވެ. މިފަދަ އިންވެސްޓަރުން ސައުދި އެރެބިއާ، ޔޫ.އޭ.އީ، ތުރުކީ، ސިންގަޕޫރު ފަދަ ޤައުމުތަކުން އައިސް ރާއްޖޭގައި އިންވެސްޓް ކުރުމަކީ މިދާއިރާގެ ތަރައްޤީއަށް ހުޅުވިގެންދާނެ ވަރަށް މުހިއްމު ދޮރަކަށް ވާނެއެވެ.

ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ކުރަން ކަނޑައަޅާ ކަންކަން ހިމެނޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައިވާ ގޮތުން ހަލާލު ޓޫރިޒަމް ތައާރަފު ކުރުމުގެ ގޮތުން ޝަރިއާ ހުއްދަ ކުރާ ފައިނޭންސިން ސްކީމް ތަކެއް ބޭންކާ ގުޅިގެން 2021 ގައި ތައާރަފު ކުރާނެ އެވެ. އޭގެ މާނައަކީ ހަލާލު ޓުރިޒަމްގެ ސިނާއަތުގެއި އިންވެސްޓް ކޮށް، ރިސޯރޓް ބިނާކުރާ ފަރާތްތަކަށް އިސްލާމިކް ފައިނޭންސިންގެ އުސޫލުން ލޯނު ދޫކުރާނެ ސްކީމްތަކެއް ސަރުކާރާ ބޭންކްތަކާ ގުޅިގެން 2021 ގައި ތައާރަފު ކުރާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ތަފާތު ވައްތަރުގެ ޓޫރިޒަމް ތައާރަފު ކޮށް، މިދާއިރާ އާރޯ ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެކެވެ. މިސާލަކަށް، ރެޔަކަށް ދެހާސް ޑޮލަރަށް ވިއްކާ ކޮޓަރި ހުންނަ ރިސޯރޓްގައި ލިބޭ ހަމައެކަނި ހިދުމަތަކީ މޫދާއި، ބީޗާއި، ސްޕާ އާއި، ވޯޓަރ ސްޕޯރޓްސް ކަމުގައި ވާނަމަ އެހެން ޤައުމުތަކުން ނިކަން އަވަހަށް ދިވެހި ވައްތަރުގެ ޓޫރިޒަމް ދަސްކޮށް، ކޮޕީ ކޮށްފާނެއެވެ. ރާއްޖޭގައި އާރިސޯރޓެއް ހުޅުވުމުން އެހަބަރު ނޫހުގައި ޖަހާއިރު އާ ރިސޯރޓްގެ ތައާރަފުގައި އަބަދުކަހަލަ ގޮތަކަށް އޮންނާނީ އެއްވާހަކަ އެކެވެ. އެރިސޯރޓުން ދުނިޔޭގެ އެކި ޤައުމުތަކުގެ ކެއުން ލިބޭ ތަފާތު ރެސްޓޯރެންޓް ހުންނާނެ ވާހަކަ އާއި، ވޯޓަރ ސްޕޯރޓްސް އާއި ސްޕާ ހުންނާނެ ވާހަކައެވެ. އަދި، މޫދު ކޮޓަރި ހުންނާނެ ވާހަކައެވެ. އެނިމުނީ އެވެ. ދިވެހިރާއްޖޭގެ ޓުރިޒަމަށް ބައި ޤަރުނު ފުރެން ކައިރި ވަފައި ވާއިރު ރިސޯރޓް ތަކުގެ ކޮންސެޕްޓް ބަދަލު ވަނީ ވަރަށް މަޑު ދުވެލީގައެވެ. މިއަށްވުރެ ހަލުއިކަމާއި އެކު ދިވެހި ޓޫރިޒަމް ރީބްރޭންޑް ކުރަން އެބަޖެހެއެވެ. ދިވެހި ޓޫރިޒަމްގެ މައިގަނޑު ޕްރޮޑަކްޓަކީ ސާފު މޫދާއި ބީޗް އަދި މޫދު ކޮޓަރިއާއި ވޯޓަރ ސްޕޯރޓްސް ކަން ޔަޤީނެވެ. މި ޕްރޮޑަކްޓް ހިމެނޭގޮތަށް އާ ކަންކަން ތައާރަފު ކޮށް، ރީބްރޭންޑް ނުކުރާނަމަ ދުވަސް ކޮޅަކުން އެހެން ޑެސްޓިނޭޝަން ތަކުން މިގޮތް ކޮޕީކޮށް، ދިވެހި ޓޫރިޒަމްގެ ޔުނީކްކަން ގެއްލިގެން ދިޔުމަކީ ދުރުކަމެއް ނޫނެވެ.

ހަލާލު ޓޫރިޒަމަކީ ވެސް މިފަދަ ތަފާތު، އާ ކޮންސެޕްޓެކެވެ. ދުނިޔޭގައި އަހަރަކު 200 ބިލއަން ޑޮލަރުގެ ބިޔަ ސިނާއަތެކެވެ. ރަލާއި އޫރުމަސް ފަދަ ތަކެތި ނުވިއްކާ ގޮތަށް ހިންގާ ހަލާލު ޓޫރިޒަމްގެ ވިޔަފާރި އަކީ މެލޭޝިޔާ ފަދަ ޤައުމުތަކުން ގަދަޔަށް މާރކެޓް ކުރަމުންދާ ނިޝް މާރކެޓެކެވެ. ހަލާލު ޓޫރިޒަމަކީ ދިވެހި ޓުރިޒަމް އިންޑަސްޓްރީއަށް ކޮންމެހެން ތައާރަފު ކުރަން ޖެހޭ އާ ކޮންސެޕްޓެކެވެ.

ރާއްޖޭގެ ޓުރިޒަމް އިންޑަސްޓްރީއަށް ތައާރަފު ކުރަން ޖެހޭ މިފަދަ ތަފާތު އެހެން ކޮންސެޕްޓްތަކުގެ ތެރޭގައި، ބޭސިކް ހިދުމަތާއެކު ބެކް ޕެކާރސްއަށް ހާއްސަކޮށް، އަގުހެޔޮ ޓޫރިޒަމްއަށް ހާއްސަ، ރިސޯރޓް ހެދުމާއި، ޑިއުޓީ ފްރީ ޝޮޕިންގ އަށް ހާއްސަކޮށް، ޗައިނާ ފަދަ ޝޮޕިންގ މާރކެޓްތަކަށް ހާއްސަކޮށްގެން، ޝޮޕިންގ މޯލްއާއެކު އިންޓެގްރޭޓެޑް ޓޫރިޒަމް ތައާރަފު ކުރުމަކީވެސް ކުރަން ޖެހޭ ކަމެކެވެ. އެނބޫދޫ ފަޅުގައި ހުޅުވާފައިވާ ކްރޮސް ރޯޑްސް ޕްރޮޖެކްޓަކީ މިފަދަ ތަނެކެވެ. ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެ ކުރިއެރުވުމަށް ޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފު ކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަން ޖެހޭ ކަމަށް ރައީސް ސޯލިހު ދާދި ފަހުން ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވީ ވިޔަފާރި ފަތުރުވެރިކަމާއި، ޘަޤާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ، ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތައް ކަމަށާއި މީގެ ތެރޭގައި ދިވެހި ރާއްޖޭގައި އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެކަމަށެވެ.

މިސާލަކަށް، ބޭރުގެ ބޮޑެތި ފުޓްބޯޅަ ކްލަބްތަކުން ވިންޓަރ ބްރޭކަގައި ހޫނު މާހައުލެއްގައި ޓްރެއިނިންގް ކޭމްޕް ހަދަން ޤަތަރު ފަދަ ޤައުމުތަކަށް ވަރަށް ގިނައިން ދެއެވެ. މިފަދަ ފުޓުބޯޅަ ކޭމްޕް ހެދޭނެގޮތަށް ފަރުމާ ކުރެވޭ ހާއްސަ ރިސޯރޓެއް ރާއްޖޭގެ ބޮޑު ފަޅުރަށެއްގައި ތަރައްޤީކޮށް "ފުޓުބޯޅަ ކޭމްޕް ރިސޯރޓެއް" ތަރައްޤީ ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ފުޓުބޯޅަ ސްޓޭޑިއަމް ނުވަތަ ކްރިކެޓް ސްޓޭޑިއަމް އަޅައިގެން ބޭރުގެ ބޮޑެތި މުބާރާތްތައް ބޭއްވުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި މެޑިކަލް ޓޫރިޒަމް ވަރަށް ތަފާތު އާގޮތަކަށް ގެނައުމަށްޓަކައި ބޭރުގެ ފައިސާވެރިން މުސްކުޅިވެ، ރިޓައާރ ކުރަން ވުމުން އައިސްތިބޭ "އޯލްޑް އޭޖް ލަގްޒަރީ ހޯމް" ކޮންސެޕްޓަށް، ހޮސްޕިޓަލް ހިމެނޭ ގޮތަށް، ވަކި ރިސޯރޓެއް ހެދުމަކީ މެޑިކަލް ޓޫރިޒަމްގެ އާ ކޮންސެޕްޓަކަށް ވެދާނެއެވެ.

ހަމައެފަދައިން ބިޔަ ބޮޑުރަށެއް، ކިޔަވާކުދިން ނިދާނެ ޑޯރމެޓްރީއާއެކު، ޔުނިވަރސިޓީއާއި، ޕޮލިޓެކްނިކްފަދަ ތަންތަން ހިމެނޭގޮތަށް ބޮޑު "އެޑިއުކޭޝަނަލް ރިސޯރޓެއް" ވެސް ހެދިދާނެއެވެ. މިއީ އެޑިއުކޭޝަނަލް ޓޫރިޒަމްގެ އާވައްތަރަކަށް ވެދާނެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފު ކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަންޖެހޭ ކަމަށް ރައީސް ސޯލިހުވިދާޅުވި ވިދާޅުވުމަކީ ހަމައެކަނި ސުރުހީ އަޅުއްވާލެއްވުމަށް ވިދާޅުވި އެއްޗަކަށް ނުހައްދަވައި ތަފާތު ޔުނީކް ކޮންސެޕްޓްތަކުގެ ޓޫރިޒަމްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފު ކުރުމަކީ އެމަނިކުފާނުގެ ދައުރުގެ ބާކީއޮތް ހަތަރު ވަރަކަށް އަހަރުގެ ލަނޑުދަނޑިއަކަށް ހައްދަވާނެ ކަމަށް އުއްމީދު ކުރެވެއެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވައިގެން ތަރައްޤީ ކުރައްވަން ޖެހެނީ ދުނިޔޭގައި އަހަރަކު 200 ބިލިއަން ޑޮލަރުގެ ބިޔަ ސިނާއަތާ ގުޅުން ހުރި ހަލާލު ޓޫރިޒަމް އިންޑަސްޓްރީ އެވެ.