ޓެކްނޮލޮޖީ

ވޮއިސްމެއިލްތަކެއް ހެކްކުރި ކަމަށްބުނެ ދެ ޓެބްލޮއިޑް ނޫހެއް ގޮވައިގެން ޕްރިންސް ހެރީ ކޯޓަށް

ފޯނު ހެކުކޮށްގެން އޭގައި ހުރި ވޮއިސް މެސެޖުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުކޮށް، އިނގިރޭސިވިލާތުގެ ދެ ޓެބްލޮއިޑް ނޫހާ ދެކޮޅަށް ޕްރިންސް ހެރީ ދައުވާކުރަން ނިންމައިފިއެވެ.

ބަކިންހަމް ޕެލެސްއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުނީ، ޕްރިންސް ހެރީގެ ނަމުގައި ހައިކޯޓް އޮފް ޖަސްޓިސްގައި ދައުވާ އުފުލާފައިވަނީ އިނގިރޭސިވިލާތުގެ "ޑެއިލީ މިރާ" އަދި "ދަ ސަން" އާ ދެކޮޅަށް ކަމަށެވެ. އެ ދެ ނޫހާ ދެކޮޅަށް ދައުވާކުރަނީ ގަވައިދާ ހިލާފަށް ވޮއިސްމެއިލް މެސެޖުތަކެއް ހޯދުމުގެ ދައުވާއެވެ.

އިނގިރޭސިވިލާތުގެ ދެ ޓެބްލޮއިޑް ނޫހާ ދެކޮޅަށް ޕްރިންސް ހެރީ ދައުވާކުރަން ހުށަހަޅާފައިވާއިރު، މީގެ ހަތަރު ދުވަސް ކުރިން "ދަ މެއިލް" ނޫހާއި އެ ނޫހުގެ ބެލެނިވެރި ކުންފުނި "އެސޯސިއޭޓެޑް ނިއުސްޕޭޕާސް"އާ ދެކޮޅަށް ހެރީގެ އަނބިކަނބަލުން މެގަން މާކަލް ކޯޓަށް މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

މެގަން އެ މައްސަލަ ހުށަހެޅީ ހުއްދައަކާ ނުލައި ގާނޫނާ ހިލާފަށް އަމިއްލަ ސިޓީފުޅެއް ޕަބްލިޝްކުރި މައްސަލައެއްގައެވެ. ދަ ގާޑިއަން ނޫހުން ރިޕޯޓްކުރާ ގޮތުގައި، އެ ސިޓީފުޅަކީ މިހާރު ގުޅުން ހީނަރުވެފައިވާ މެގަންގެ ބަައްޕައަށް ފޮނުވި ސިޓީފުޅެކެވެ.

މަސްދަރު: ފޮކްސް ނިއުސް