މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)

ރައީސް ޔާމީނަށް އަޅުގަނޑު މާފުކޮށްފިން: ލޯޔަރު ވައްޑެ

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މައާފު ކޮށްފައިވާކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

ވަހީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އޭނާ ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވެފައިވަނީ އޭނާއަށް އެންމެ ބޮޑު އަނިޔާއެއް ލިބުނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އެގޮތުން ނުހައްގުން އެތައް ދުވަހެއް ވަންދެން ޖަލުގައި ބެހެއްޓެވި ކަމަށާއި އަދި ތަމްސީލުކުރައްވަމުން ގެންދެވި ގޮނޑިވެސް ގެއްލިފައިވާކަމަށް އޭރު އިލެކްޝަންސް ކޮމިޝަނުން ނިންމި ކަމަށެވެ. އަދި އެއްވެސް މީހަކާ މެދު ހަސަދަވެރިކަމެއް މިހާރު ނެތްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ރައީސް ޔާމީން މާފަށް އެދިވަޑައިގެންފައި ނުވި ނަމަވެސް، ރައީސް ޔާމީނަށް މާފުކޮށްފައިވާ ކަމަށެވެ.

''އަޅުގަނޑު މި ޕޯޑިއަމްގައި ހުރެ ކުރިން ދެއްކި ވާހަކަ އަކުން ފަހަރުގައި ހިތަށް އަސަރެއް ކޮށްފާނެ. އެންމެ އަނިޔާކުރީ ރައީސް ޔާމީން ކަމަށް ވީއިރުވެސް އެމަނިކުފާނު އަޅުގަނޑުގެ ކިބައިން މާފަށް ނޭދުނު ކަމުގައި ވިޔަސް އަޅުގަނޑު އެމަނިކުފާނަށް މާފުކޮށްފިން. އަޅުގަނޑުމެން އެމަސައްކަތް ކުރަމުން ގެންދިޔައިރު އެކަންތައްތައް އެއީ ރަނގަޅު ކަންތައްތައް ކަމަށް ސިފަވާ ގޮތަށް ބަލަހައްޓައިގެން ހަނު ހުރުން ނޫން އިތުރު ގޮތެއް ނެތް ގޮތަށް ތިބި ބޭފުޅުންނަށް ވެސް އަޅުގަނޑު މާފުކޮށްފިން. އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ހަސަދަވެރިކަމެއް ނެތް.'' ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން މިރޭ ނިންމެވި ނިންމެވުމަކީ މާޒީ ހަނދާން ނައްތާލުމަށް ފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި މިއަދު ޖުމްހޫރީ ޕާޓީގައި ކުރީ ސަރުކާރަށް ނިސްބަތްވާ ގިނަ ބޭފުޅުންތަކެއް ތިއްބެވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ގާސިމް އިބްރާހީމް ހައްޔަރުކޮށް ޖަލުގައި އެތައް ދުވަހެއް ހޭދަކުރެއްވުމަށްފަހު ނުކުޅެދޭ މީހެއްގެ ގޮތުގައި ފުރޮޅުލީ ގޮނޑިއެއްގައި ރާއްޖެއިން ބޭރަށް ފުރުވާލި އިރު، މިއަދު ޖޭޕީގެ ކުރީ ސަފުގައި ތިބި މީހުން އެދުވަހު ތިބީ އެމަންޒަރު ބަލަން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އަދި އޭރު ޕީޕީއެމްގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވި އެޖަލްސާގައި ވަހީދު ވަނީ އެހުރިހާ ކަމެއް މިހާރު ހަނދާން ނައްތާލައި ހުރިހާ ފަރާތްތަކަށް މާފުދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.