ގައުމީ ކްރިކެޓް ޓީމު

ކްރިކެޓް ބޯޑުން ކޯޗުގެ މައްސަލަ ފޮރުވަން އުޅުނު ކަމުގެ ތުހުމަތު

މަރިޔަމް ޝަހުދާ

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗު އާސިފް ހާންގެ މައްޗަށް ތުހުމަތު ކޮށްފައިވާ، ޖިންސީ ފުރައްސާރައިގެ މައްސަލަ ފޮރުވަން އުޅުނު ކަމުގެ ތުހުމަތު ރާއްޖޭގެ ގައުމީ ކްރިކެޓް ބޯޑުގެ މައްޗަށް ކޮށްފިއެވެ.

ގައުމީ ކްރިކެޓް ބޯޑުން މިމައްސަލަ ފޮރުވަން އުޅުނު ކަމުގެ ތުހުމަތު ކޮށްފައި ވަނީ ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންގެ ނަމުގައި ނެރެފައިވާ ބަޔާނަކުންނެވެ. މި ބަޔާން ރާއްޖޭގެ ފިރިހެން ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން އިބްރާހީމް ވަނީ އޭނާގެ ޓުވިޓާގައި ހިއްސާކޮށްފައެވެ.

އާސިފް ހާން އޭނާގެ މަގާމުން ވަކިވި ހަގީގީ ސަބަބު މިހާތަނަށް ކްރިކެޓް ބޯޑުން ފޮރުވާފައިވާކަން ދެ ޓީމުގެ ކުޅުންތެރިންނަށްވެސް ފާހަގަކުރެވިފައިވާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި އާސިފް ހާން ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ހުރެ އެތައް ކުދިންނަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ މައުލޫމާތު އިތުބާރު ހިފޭ ފަރާތްތަކަކުން ލިބިފައިވާކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން އެ ހާދިސާ ހިނގި އިރު، ޖިންސީ ފުރައްސާރައާއި ގިނައިން ކުރިމަތިލީ ކުޑަކުދިން ކަމަށް ވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ކްރިކެޓް ބޯޑުން ނިންމާފައިވާ ނިންމުންތައް ކުޅުންތެރިން ކުށްވެރިކޮށްފައިވެއެވެ. އެ މައްސަލަ ކަމާބެހޭ ފަރާތަށް ހުށަނާޅާ ކަމަށާއި، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ކްރިކެޓް ބޯޑުން އާސިފް ޚާން ރާއްޖެއިން ފުރައިގެން ދިއުމަށް ފުރުސަތު ތަނަވަސްކޮށްދިން ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ. ކްރިކެޓް ބޯޑުގެ މި އަމަލަކީ ޖިންސީ ފުރައްސާރަޔާ ކުރިމަތިލާން ޖެހުނު ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ހައްގަށް ވެވުނު އިހުމާލެއް ކަމަށް ވެސް މި ބަޔާނުގައި ސިފަކޮށްފައިވެއެވެ.

އަންހެން އަދި ފިރިހެން ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ވަނީ ކްރިކެޓް ބޯޑަކީ ކްރިކެޓްގެ ގަވައިދުތަކާއި އުސޫލުތައް ހިފެހެއްޓުމުގެ މަސްއޫލިއްޔަތު އޮންނަ އިސް ފަރާތްކަމަށް ބުނެފައެވެ. އަދި ކްރިކެޓްގެ ގަވައިދުތަކާއި އުސޫލުތައް ހިފެހެއްޓުމުގެ މަސްއޫލިއްޔަތު އޮންނަ އިސް ފަރާތަކީ ކްރިކެޓް ބޯޑަށް ވާއިރު، މި މައްސަލައިގައި ކްރިކެޓް ބޯޑު ވަނީ މައްސަލަ ބެލުމުގައި އިހުމާލުވެ، އެކަމަށް ފެއިލްވެފައި ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

ކުޅުންތެރިންގެ މަސައްކަތަކީ މިފަދަ ކަންކަން ހުއްޓުވައި، ކްރިކެޓްގެ ގަވައިދުތަކާއި އުސޫލުތައް ހިފެހެއްޓުމުގެ އިތުރުން ބޯޑު ޒިންމާދާރު ކުރުވުން ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ. ކްރިކެޓުގެ ގަވައިދުތަކާއި އުސޫލުތައް ދެމެހެއްޓުމަށް މަސައްކަތްކޮށް، ކުޅުންތެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށާއި އަންހެން އަދި ފިރިހެން ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ވަނީ މި ބަޔާން މެދުވެރިކޮށް ކްރިކެޓު ބޯޑުގެ އޮފިޝަލުންނަށް، އާސިފް ޚާންގެ ޖިންސީ ފުރައްސާރައިގެ ޝިކާރައަށްވީ ކުޅުންތެރިންގެ ދިފާއުގައި ނުކުތުމަށް ގޮވާލާފައެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި އާސިފް ޚާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ހުއްޓައި، ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ޖިންސީ ގޯނާއާއި ޖިންސީ ފުރއްސާރައިގެ ތުހުމަތުގައި ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ކުޑަކުދީންނާއި ބޮޑެތި މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ އަންހެން ކްރިކެޓް ކުޅުންތެރިންގެ ޓްރެއިނިންތައް ކުރިއަށްގެންދިއުމުގައި އާސިފް ޚާން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި އެ ޓްރެއިނިންތަކުގައި ބައިވެރިވާ އަންހެން ކުދިންނަށް އޭނާ ޖިންސީ ފުރައްސާރަ ކުރާ ކަމުގެ ޝަކުވާ ބެލެނިވެރިން ކުރާ ކަމަށެވެ. މީގެ އިތުރުން މި މައްސަލަ ކްރިކެޓް ބޯޑަށް ބެލެނިވެރިން ހުށަހަޅައި ބޯޑާއި ބައްދަލުކުރުމުންވެސް ފިޔަވަޅެއް ނާޅާ ކަމަށް ވަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މި މައްސަލައިގައި ކްރިކެޓު ބޯޑުން މިހާތަނަށް ވެސް ބަހެއް ބުނެފައެއް ނުވެ އެވެ.