ސިޔާސީ

"އަންނަނީ އަންނަނީ"ގެ ނަމުގައި އިދިކޮޅުން ހުކުރު ދުވަހު އެއްވުމެއް ބާއްވަނީ

ފަތޯނާ ފާއިޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

ޕީއެންސީ އަދި ޕީޕީއެމް އިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެން ޝަރީފު(މުންދު) ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެޖަލްސާއަށް ދީފައިވާ ނަމަކީ "އަންނަނީ އަންނަނީ" ކަމަށްވެސް މުންދު ވިދާޅުވިއެވެ. "އަންނަނީ އަންނަނީ" އަކީ، ސަރުކާރުގެ މަޝްރޫއުތައް ނުފެށި ލަސްވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ސަރުކާރަށް ފާޑު ވިދާޅުވުމަށް ސިޔާސީ ޕޯޑިއަމްތަކުގައި ބޭނުންކުރައްވާ ބަހެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން މުންދު ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީއަކީ ޒިންމާދާރު މައި އިދިކޮޅު ޕާޓީތައް ކަމަށާއި، ހުކުރު ދުވަހުގެ އެއްވުމުގައި ވަކި މައުޟޫއަކަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި އެކި މައްސަލަތަކަށް އަލިއަޅުވާލައި ވާހަކަ ދައްކަވާނެ ކަމަށެވެ.

"ރައްޔިތުންގެ ވިންދާ ގުޅުންހުރި ހުރިހާ ކަމަކަށް އަލި އަޅުވާލާނަން." މުންދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމުގެ ގޮތުން ޕީޕީއެމް އަދި ޕީއެންސީން ފަށައިގެން ކުރިއަށް ގެންދާ ދަތުރު ތަކަކީ ވަރަށް ކާމިޔާބު ދަތުރުތަކެއް ކަމަށެވެ.

އެގޮތުން އަތޮޅު ތެރެއަށް ފެށި ދަތުރުގެ ތެރެއިން ތިންވަނަ މަންޒިލެއްގެ ގޮތުގައި ތުލުސްދޫ ދާއިރާގެ ހަތަރު ރަށަކަށް ކުރި ދަތުރުން ރައްޔިތުންގެ ފަރާތުން އިދިކޮޅު ކޯލިޝަނަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް މުންދު ވިދާޅުވިއެވެ.