ދީން

އަލުން ކިޔައިލުމަށް: ޒިނޭގެ އަދަބު - މިޒަމާނުގެ އިޖުތިމާއީ ވެށީގައި

އަބްދުﷲ ފާރޫގް ހަސަން

އަރަހުށި ﷲ މިދުނިޔެ އާރާސްތުކުރައްވައިފައިވަނީ ޝައުޤުވެރިވާ ފަދަ އެތައްކަންތައްތަކެއް ލައްވައިފައެވެ. މީރުމީރުކާނާގެ ބާވަތްތަކެވެ. ހިތާއިރޫޙަށް ތާޒާކަން ގެނެސްދޭ ފަދަ ބުއިންތަކެވެ. ލޮލަށް ފިނިކަންލިބޭފަދަ ޗާލުމާމެލާމެއްޔެވެ. ހިތަށް އުފާވެރިކަން ލިބޭފަދަ ފެނާރުތަކާއި ހިތްގައިމުކޯރުތަކެވެ. އެކަލާނގެ އެންމެ ފުރިހަމަ އުފެއްދެވުން ކަމުގައިވާ ބުރުސޫރަރީތި ބައްޓަންހެޔޮ އިންސާނުންނެވެ. ނަފުސާނީ އެދުންތަކުގެވެރީން އެބައެއްގެ ފަރި އިސްތަށިގަނޑުގެ އަސީރުންކަމުގައިވާފަދަ ލޫޅާފަތި ލަޠީފީ ޖިންސުގެ މީހުންނެވެ. މި މޭރުމުން ގުނައި އަދަދުކުރާނަމަ އިންސާނުންގެ އެކިބާވަތުގެ އެދުންތައް އެނިއުމަތްތަކަކާ ގުޅުވައިލެވޭ ކަހަލަ ނިއުމަތްތައް މިދުނިޔޭގައި ލައްވައިފައިވަނީ ސުމާރެއްނެތް ހައި ގިނައިންނެވެ. ހަމައެފަދައިން އަރަހުށިމާތްﷲ މިދުނިޔެ ހައްދަވައިފައިވަނީ އިންސާނީ ބޭނުންތަކާއި، އެދުންތަކާއި، ހިތްކިޔާ ކަންކަމާހުރެ ވާދަވެރިކަންވެސް އުފެދޭފަދަ ގޮތެއްގައެވެ. އެހެންކަމުން ވަރަށް ގިނަ ފަހަރަށް އެތައްބަޔެއްގެ ހިތް އެކައްޗަކަށް ލެނބޭގޮތް ދިމާވެއެވެ. އެކަމަކު އުންމީދު ހާސިލުވަނީ ކޮންމެވެސް އެކަކަށެވެ. ނުވަތަ މަދުބަޔަކަށެވެ.

އާޚިރަތުގެ ދުނިޔެއާއި އަޅުގަނޑުމެން މިހާރުދިރިއުޅޭ ވަގުތީ ދުނިޔެއާ ވަރަށް ތަފާތެވެ. އާޚިރަތުގެ ދުނިޔޭގައި ނަސީބުވެރީންގެ މުހުތާދުތައް ކިތަންމެ ގިނަކަމުގައިވިޔަސް އެއިންކޮންމެ އެދުމެއްވެސް ހިތަށް އެރުމާއެކު ދާނީ ފުރިހަމަވަމުންނެވެ. އެއްވައްތަރެއްގެ މުޅިން އެއްގޮތް ނިއުމަތްތަކުގެ ވެސް ސުމާރެއް ނޯންނާނެއެވެ. އެހެންކަމުން އެއްވެސް ދެމީހެއްގެ ދެމެދުގައި ދެބަސްވާކަށެއް ޖާގައެއް ނޯންނާނެއެވެ. އެކަކުވެސް ނުފުދިފައި މަހްރޫމުވެފައި ހުންނާކަށެއް ނުޖެހޭނެއެވެ. އެކަމަކު ވަރަށް މުހިންމު ކަމެއް އެބައޮތެވެ. ސުވަރުގޭގައި ވެސް ވަނީ ތަފާތު ދަރަޖަތަކެއްލައްވައިފައެވެ. އެހެންކަމާއެކުވެސް ކޮންމެ މީހަކަށްވެސް ހީވާނީ އަދި އިހްސާސްވަނީ އެންމެ މަތިވެރި ނިއުމަތްތަކެއް ލިބިގެންވަނީ ތިމާޔަށް ކަމުގައެވެ. އެއިހްސާސް އެންމެންގެވެސްވާނީ ހިތްހަމަޖައްސައިފައެވެ. އެކެއްގެ ހިތަކަށްވެސް ނުފުދުމުގެ ހިޔަނިވެސް ނޭޅޭނެއެވެ. ސުވަރުގޭގެ އަހްލުވެރީންގެ މެދުގައި ކުޑަވެސް ދެބަސްވުމެއް އަރައިރުމެއް ނޯންނާނެއެވެ. އެންމެންވެސް ތިބޭނީ އެކުވެރި މިތުރުންކަމުގައެވެ. ދޭދޭމީހުންގެ މެދުގައި ނަފުރަތުގެ ކަންފުޅެއްވެސް ނޯންނާނެއެވެ. އަދާވަތްތެރިކަމުގެ ޚިޔާލެއްވެސް ނުއުފެދޭނެއެވެ. އެހެންކަމުން ކުށުގެ ސަބަބެއްކަމުގައި ވެދާނެ އެއްވެސް ކަމެއް ސުވަރުގެއަކު ނޯންނާނެއެވެ.

މިދުނިޔޭގައި އިންސާނުން ދިރިއުޅެން ޖެހިފައިވަނީ ކޯޅުން އުފެދޭފަދަ ވެއްޓެއްގައެވެ. ވާދަކުރުމުގެ މާހޫލެއްގައެވެ. އެހެންކަމުން ދޭތެރެޖެހި، ނަފުރަތާއި ރުޅިވެރިކަން އުފެދޭނެއެވެ. އަދާވަތާއި ދެކޮޅުވެރިކަން އުފެދެމުން ދާނެއެވެ. މިދުނިޔޭގައި އެއްބަޔަކަށް އެބަޔަކު އެދޭކަންތައްތައް ލިބެމުން މުހުތާދުތައް ފުދެމުންދާއިރު އަނެއްބަޔަކު މަހްރޫމުވުމާ ކުރިމަތިލާންޖެހެއެވެ. މަހްރޫމުވާ ނުވަތަ މަހްރޫމު ކުރެވޭ މީހުންގެ ހިތްތަކުގައި ބަދަލުހިފުމާއި، ގަދަބަދަވިކަން ދެއްކުމުގެ ރޫހު އުފެދެއެވެ. ކުށުގެސިފައިގައި ބައްޓަންވެގެން އަންނަނީ މިދެންނެވި ޖަޒުބާތުތަކެވެ. މިދުނިޔޭގައި ކޮންމެ ދެބައެއްގެ ދެމެދުގައި މަސްލަހަތުގެ ފުށުއެރުން އޮވެއެވެ. ފަޤީރުން ޝަކުވާކުރަނީ މުއްސަނދީންގެ ނަސީބާ މެދުގައެވެ. މުސާރަވެރީން ޖަލަސްވަނީ މުސާރަދޭ މީހުންނާ މެދުގައެވެ. ރައްޔިތުން ޝަކުވާކުރަނީ ވެރީންނާއި ފުރަދާނައިންނާ ދޭތެރޭގައެވެ. ދުނިޔެ ދެމިއޮތްހައި ހިނދަކު މިކަންކަމަކަށް ބަދަލެއް ނާންނާނެއެވެ. އަދިކީއްތޯއެވެ؟ މިބެހުންތައް ދެމިއޮންނާނެއެވެ. ކާއިނާތުގެ ތަފާތު ކުލަތަކާއި ދުނިޔެވަންތަކަން ދެމިއޮންނަނީ މިގޮތުންނެވެ. އެހެންކަމުން ކުށާއި ކުށްކުރުމުގެ ޖަޒުބާތުން މުޅީން ހުސްވެގެންވާ ދުވަސްވަރެއް މިދުނިޔެއަކަށެއް ނާންނާނެއެވެ. ނަމަވެސް ކުށަށް އަރައިގަތުމާއި ޖަރީމާތައް ހިންގުން ލާހިކު ވަރަކަށް މަދުކުރުމުގެ ރޭވުންތައް ރޭވިދާނެއެވެ. އެކަމުގެ ތަދްބީރު ކުރެވިދާނެއެވެ.

އިންސާނުން ކުށްތަކަށް އަރައިގަތުން ހުއްޓުވޭނީ ތިންގޮތަކުންނެވެ. އެއްގޮތަކީ އިންސާނުންގެ ތަބީޢީ ހެޔޮލަފާކަމެވެ. ދެވަނަ ކަމަކީ ޤާނޫނު ދެކެގަންނަބިރެވެ. ތިންވަނަކަމަކީ އާހިރަތްދުވަހުން ޖަވާބުދާރީވާން ޖެހޭނެކަމުގެ ކަށަވަރުކަމެވެ. އެދުވަހުގެ އަޒާބާއި ސަވާބެވެ. އަރަހުށިމާތްﷲ އިންސާނާގެ އުފެއްދެވުމުގައި ލައްވައިފައިވަނީ ހެޔޮލަފާކަމެވެ. ސާލިޙުކަމެވެ. ކޮންމެކުއްޖަކުވެސް ދުނިޔެއަށް އަންނަނީ ސަލާމަތް ހިތަކައިގެންނެވެ. އިސްލާމީ ފިތުރަތުގައެވެ. އިންސާނަކު އޭނާގެ ޠަބީއަތާއި މިޒާޖުގެ ގޮތުން މިނިކާ ޖަނަވާރަކަށެއް ނުވާނެއެވެ. އަނިޔާވެރި ވުމާއި ފާފަވެރިވުމަކީ ޝައްކެއްނެތްގޮތުގައި އޭނާގެ ޒަމީރު އޭނާއަށް މަލާމާތް ކުރާނެކަންކަމެވެ. އެހެންކަމުން ބޮޑެތި ޖިނާޔަތްތައް ހިންގާ މީހުންނާއި، ގާތިލުން ނަފުސާނީ މައްސަލަތަކުގައި ހައްޔަރުވެއެވެ. ކުށާއި ފާފައިގެ އިހްސާސް އެފަދަމީހުންގެ ފަހަތުން މަލާމަތްކުރަމުން ގެންދެއެވެ. ބައެއްފަހަރަށް އެބައިމީހުންގެ ލޮލުން ނިދިފިލުވައިލައެވެ. ކުރިމަތިވާ ނަފްސާނީ ފިއްތުންތަކުގެ ސަބަބުން ބައެއްމީހުން އަމިއްލަޔަށް މަރުވެއެވެ. ބައެއްމީހުންގެ ހެޔޮކަމުގެ ޒަމީރާއި ޠަބީޢީ ހެޔޮލަފާ ކަމުގެ އަޑަށް އެބައިމީހުން ކުށުން އެއްކިބާވެއެވެ. އެމީހަކީ ދީނެއްޤަބޫލުނުކުރާ މީހަކުކަމުގައި ވިޔަސްވެހެވެ. އަރަހުށިމާތްﷲ އެފަދަމީހުންގެ ހިތްތަކުގައި ލައްވައިފައިވާ ފާފަޔަށް ނަފުރަތުކޮށް މަލާމާތްކޮށް ހުރަސްއެޅުމުގެ ބާރު އެފަދަމީހުންގެ ފިތުރަތުގައި ލަގަންއަޅުވައި ކުށުގެވެށީން ނެރެމުން ގެންދެއެވެ.

އިންސާނުން ކުށުން އެއްކިބާކުރުވުމުގެ ބާރު ލިބިފައިވާ ދެވަނަ ވަސީލަތަކީ ޤާނޫނެވެ. އިންސާނުން ޖަމާއަތެއްގެ ސިފައިގައި އެއްތަނެއްގައި ވަޒަންވެރިވެ އުޅޭން ފެށީއްސުރެ ކޮންމެވެސްކަހަލަ ޤާނޫނަކަށް ބޯލަނބައެވެ. ހެޔޮކަމުގެ ޒަމީރެއް ނުހުންނަ މީހުންނާއި، މާތްކަލާނގެ ކައުވަންތަކަމާމެދު ޖެހިލުންނުވާ މީހުންގެ އަތްތައް މަތަކޮށް ހިފަހައްޓާ ބާރަކީ ޤާނޫނުގެ ބާރެވެ. އެހެންކަމުން އިސްލާމްދީންވަނީ ބައެއްކަހަލަ ޖަރީމާތަކަށާއި، ޖިނާއީކުށްތަކަށް އަދަބުކަނޑައަޅައިފައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ޒިނޭކުރުމާއި، ވައްކަންކުރުމާއި، ޒިނޭގެ ތުހުމަތުއެޅުވުމާއި، ރާބުއިމާއި، މަގުފޭރުމާއި، މުރުތައްދުވުމާއި، މިކަންކަމަށްވަނީ އަދަބު ކަނޑައަޅައިފައެވެ. އިސްލާމީ އިސްޠިލާހަކުން ދަންނަވާނަމަ އެކަންކަމަށްވަނީ ހައްދުތަކެއް އެކަށައަޅައިފައެވެ. މިދެންނެވި ޖަރީމާތަކާމެދު ބެލެވިފައިވަނީ މާތްﷲގެ ހައްޤުފުޅުތަކެއްކަމުގައެވެ. އެހެންކަމުން ފަޑިޔާރުގެއަކަށްވެސް އަދި ކުށްކުށާ ގުޅޭ ފަރާތްތަކަކަށްވެސް އެ ކުށްކުށުގެ އަދަބު މައާފެއްނުކުރެވޭނެއެވެ.

ކުށާއި ކުށުގެ އަދަބާ ބެހޭގޮތުން އިސްލާމީ ޤާނޫނުތަކުގެ ނިޒާމުގައިވާ މުހިންމު އަނެއްބަޔަކީ ޤިސާސުހިފަންޖެހޭ ނުވަތަ ދިޔަދޭންޖެހޭ ކުށުގެ ބައެވެ. މިއީ ޤަތުލުކުރުމާއި މީހަކަށްދެވޭ ބައެއްކަހަލަ ޖިސްމާނީ އަނިޔާތަކާ ބެހޭ ބައެވެ. މިބައި ހިމަނައިފައިވަނީ އަޅުތަކުންގެ ހައްޤުތަކާބެހޭ ބައިގައެވެ. މިބައިގައި ހިމެނޭކުށްތަކަށް އަނިޔާ ލިބުނު މީހާއަށް ނުވަތަ އޭނާގެ ވަލީވެރިޔާއަށް މާފުދެވިދާނެއެވެ. ކަނޑައެޅޭއަގެއް ދިނުމުގެ މައްޗަށް ދެފަރާތުން ސުލްޙަވެސް ވެވިދާނެއެވެ. ދެންހުރި ޖިނާއީ ކުށްތަކަކީ ފަނޑިޔާރުގެއިން އަދަބުކަނޑައެޅިދާނެ ކުށްކުށެވެ. މިފަދަ ކުށްތައް މަނާ ކުރުމާބެހޭ ގޮތުން ޤައުމުތަކުގެ ރައްޔިތުންގެ މަޖްލިސްތަކުން ޤާނޫނުތައްވެސް ހެދިދާނެއެވެ. މިދާއިރާގެ އަދަބުތަކަށް އިސްލާމީ އިސްޠިލާހުގައި ދީފައިވަނީ ތައުޒީރާތުގެ ނަމެވެ.

ކުށް މަނާކުރުމަށް އިސްލާމްދީނުގައި އަޅައިފައިވާ އެންމެ ވަރުގަދަ އެންމެ ނަތީޖާ ރަނގަޅު ފިޔަވަޅަކީ ޤިޔާމަތްދުވަހުން ޖަވާބުދާރީވާންޖެހޭނެކަމުގެ އިހްސާސް އުފެއްދުމެވެ. ޤާނޫނުތަކަށް އިންސާނާގެ އަތުގައި ހިފެހެއްޓޭނީ ރޯމާ ދުވާލު މީހުންގެ ލޯ މަތީގައި ކުށްކުރާއިރުއެވެ. ނަމަވެސް ރޭގަނޑުގެ އަނދިރީގެތެރޭގައި މީހުންގެ ޚަލްވަތުގެ ތެރެޔަކަށް ޤާނޫނަކަށް ނުވަދެވެއެވެ. އާޚިރަތްދުވަހުން ޖަވާބުދާރީވާންޖެހޭނެކަމުގެ އިހްސާސަކީ އިންސާނާ އެކަހެރީން ހުންނައިރުވެސް ވަންހަނާވެގެން ހުންނައިރުވެސް އޭނާ ކުށަށް އަރައިގަތުން ހުއްޓުވާ ބާރެކެވެ. ޙަޤީޤަތަށް ދަންނަވާނަމަ ކުށަށް އަރައި ގަތުމުގެ ޠަބީއަތުގެ މީހެއްގެ ހިތުގައި މާތްﷲ އަށް ބިރުވެތިވުމެއްނެތް ކަމުގައިވާނަމަ އެއްވެސް ބާރަކަށް އޭނާ ކުށުން އެއްކިބައެއް ނުކުރެވޭނެއެވެ. އޭނާކުރާކަންތައް ވަންހަނާ ކުރާނެ އެތައްގޮތްތަކެއް އޭނާ ހޯދައިގަންނާނެއެވެ. ކީރިތި ޤުރްއާނުގައި ކަމެއް މަނާކުރައްވާއިރު މާތްﷲ އަށް ބިރުވެތިވުމަށް ހަނދާންކޮށްދެއްވަނީ އެހެންވެގެންނެވެ. އާޚިރަތް ދުވަހުން ޖަވާބުދާރީވާން ޖެހޭނެކަން ބަޔާންކުރައްވަނީ އެހެންވެގެންނެވެ.

އިސްލާމީ ވިސްނުމުގެ ނަޒަރުން ބަލާއިރު ޒިނޭއަކީ ހައްދު ކަނޑައެޅިފައިވާކުށެކެވެ. އެކުށަށް ކަނޑައެޅިފައިވަނީ ކުށާއެއްވަރުގެ ބޮޑުއަދަބެކެވެ. ސަބަބަކީ ޒިނޭއިން އިންސާނިއްޔަތަށް ލިބޭގެއްލުންވެސް ބޮޑުވުމެވެ. ޒިނޭކުރުމަކީ ހަމައެކަނި އަޚްލާޤުގެ ފަސްބައި ވީދައިކުދިކުދިކޮށްލުމެއްނޫނެވެ. ދީނީ އަގުތައް ފައިދަށުލައި ޗިސްޗިސްކޮށްލުމެއް ނޫނެވެ. އަދިކީއްތޯއެވެ؟ ޒިނޭއަކީ އިޖްތިމާއީވެސް ވަރަށް ބޮޑު ޖަރީމާއެކެވެ. އާއިލާއެއްގެ އަންހެން ކުއްޖަކާ ޒިނޭކުރުމަކީ މުޅި އެއާއިލާއެއްގެ އިއްޒަތާއި އަބުރު ނަގައިލުމެވެ. އާއިލާއެއްގެ ނިތްކުރީގައި ލަދުވެތިކަމުގެ ސިއްކަޖެހުމެވެ. ފިރިހެނަކު އަންހެނެއްގެ އާއިލާއަށް އިޖްތިމާއީ ގޮތުން މިފަދަ ބޮޑު ހުތުރެއް އަރުވާއިރު ސާލިޙު މުޖްތަމައެއްގައި މިނުބައި އަމަލަކީ ޚުދު އެފިރިހެނެއްގެ އާއިލާއަށްވެސް އާދައިގެ ކުޑަކުޑަ ކަމެއް ނޫނެވެ. އިންތިހާދަރަޖަޔަށް ބަދުނާމުލިބޭކަމެކެވެ.

ޒިނޭގެ ސަބަބުން އެންމެ ބޮޑު ދެރައަކާއި ގެއްލުމެއްލިބޭނީ އެ ބިޔަދޮވިއަމަލުގެ ސަބަބުން އުފަންވާ ދަރިޔަކަށެވެ. އޭނާވާނީ ބަފައިނުކަށަވަރު ކުއްޖަކަށެވެ. ބަފައިނުކަށަވަރުވުމުގެ ގެއްލުމަކީ ހަމައެކަނި ތިމާގެ ކާކުވަންތަކަން އޮޅުން ނުފިލުމެއްނޫނެވެ. ވާރުތަ މުދަލުން މަހްރޫމު ވުމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ އިންސާނެއްގެ ނަސަބުއޮޅުވާލައި ޤާނޫނީ އެތައް މައްސަލަތަކެއްވެސް އުފަންކުރުވުމެވެ. ޒިނޭކުރެވުނީ ބިކުރުވެރި ކުއްޖަކާއެކު ކަމުގައިވާނަމަ އެކުއްޖެއްގެ ބިކުރުވެރިކަންވެސް ގެއްލެއެވެ. އެއީ އަންހެން ކުއްޖެއްގެ ހަޔާތުގައި އަގުމަގު ނުކުރެވޭވަރުގެ ބޮޑު ގެއްލުމެކެވެ. ޒިނޭކުރެވުނީ ކާވެންޏެއްގެ ރައްކައުތެރިކަމުގައި އިން އަންހެނަކާއެކު ކަމުގައިވާނަމަ އެއަންހެނެއްގެ ފިރިމީހާގެ ހައްޤަށްވެސް އަރައިގަނެވެއެވެ. އޭނާގެ ވެސް އިއްޒަތާއި އަބުރު ނަގައިލެވެއެވެ. އިސްލާމްދީން ޒިނޭއަށް ކަނޑައަޅާ އަދަބު ބޮޑުވަނީ މިސަބަބުތަކާހުރެއެވެ.

ލާދީނީ ބައެއް މީހުން ސުންނިއުރަ ބަހައިގެންނާއި ދަރިގޮހޮރުނަގައިގެން މިނުބައިޖަރީމާގެ ނަތީޖާ ވަންހަނާކުރުވައި މި ބޮޑު ސިންގާ ޖަރީމާއަށް ހުޅުވާލެވިފައިވާ ލައިސަންސެއްދޭން ވަކާލާތު ކުރި ކަމުގައިވިޔަސް އިސްލާމި ނަޒަރުގައި ޒިނޭއަކީ ސަމާސާއަށްވުރެ ބޮޑުކަމެކެވެ. އާދެ، ޒިނޭއަކީ ވީހައިވެސް ހަރުކަށި އަދަބެއްދޭންޖެހޭ އަޚްލާޤީ، ދީނީ، އިޖްތިމާއީ ޖަރީމާއެކެވެ.

ޒިނޭކުރުމާއި އަދި މިމިނޫންވެސް ބައެއްކަހަލަ ބޮޑެތި ޖަރީމާތަކަށް އިސްލާމްދީނުގައި ކަނޑައަޅައިފައިވަނީ ޖިސްމާނީ އަދަބުތަކެވެ. އެހެނީ ޖަލަށްލުމާއި ޖޫރިމަނާ ކުރުމާއި އަރުވާލުމާއި މިބާވަތުގެ އެހެނިހެން އަދަބުތަކަށްވުރެ ބޮޑަށް މުޖްރިމުންނަށް އަސަރުފޯރުވަނީ ފާޅުގައިދެވޭ ޖިސްމާނީ އަދަބުތަކުންނެވެ. މިއީ، ތަޖްރިބާއިން އެނގިބަޔާންވެފައިވާ ކަމެކެވެ. އަދަބެއްގެ ގޮތުން ޖަލުގައި ބަންދުކުރުމާ ގުޅޭގޮތުން އެނގިފެނިފައިވާ އެއް ޙަޤީޤަތަކީ ޖަލަށްލުމުން ޖަލުގައިތިބޭ އެއް އުމުރެއްގެ މުޖްރިމުންނާ މިލިއެކުއުޅެގެން ކުށުގެ މިޒާޖު އިތުރަށް އަށަގަންނަކަމެވެ. އާދައިގެ ކުށްވެރިޔަކު "ތަޖްރިބާކާރު" ކުށްވެރިޔަކަށް ބަދަލުވާކަމެވެ.

އިސްލާމީ ނިޒާމުގައިވާ ފާހަގަކުރެވޭ މޮޅުކަމަކީ އެނިޒާމުގައި އޮންނަނީ ހަމައެކަނި އަދަބު ދިނުމެއްނޫންކަމެވެ. ކުށަށްއަރައި ގަތުން ހުއްޓުވުމަށްޓަކައި ހޭލުންތެރި ކުރުވުމާއި އާޚިރަތްދުވަހުގެ ޖަވާބުދާރީއާމެދު ބިރުވެތިވާން އާދަކުރުވަން އެނިޒާމުގައި ވަރަށް ބޮޑަށް ބާރުއަޅައެވެ. ކުށުގެ ވެށި ބަދަލުކުރަންވެސް އެކަށޭނަ ފިޔަވަޅުތަކެއް އަޅައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ޒިނޭގެ ދޮރުބަންދުކުރުމަށްޓަކައި އިސްލާމްދީންވަނީ އޮރިޔާންކަމާއި، ޖިންސީ ޣަރީޒާ ހުއްޓުވަން އެކި ސިފަސިފައިގައި އިރްޝާދުދީފައެވެ. ތުނިދުއްޔެއްހެން ހަށިގަނޑުގައި ތަތްވެފައި ހުންނަ ކަހަލަ ބާރު ހެދުން އަޅައި ގެން ވަރުގެ ކޮޅަށް ޕަރުމަރައި ވަސްދުއްވައިފައި މަގުމައްޗަށް ނިކުމެ ހަށިތައް އިޝްތިހާރުކުރުންވަނީ މަނާކޮށްފައެވެ. އެކަންކަމަކީ އިންސާނާގެ ހަވާނަފުސަށް ހަނާއަޅާކަންކަން ކަމުގައިވާތީއެވެ. ހަމައެފަދައިން މަސްތުވާތަކެތިވަނީ ހަރާންކުރައްވައިފައެވެ. މަސްތުގެ ހާލަތުގައި ތިބޭއިރު ޝަހްވާނީ އެދުންތަކުގެ ލަގަންދޫވެ ބޮޑެތި ޖަރީމާތަކަށް އަރައިގަނެވިދާނެތީއެވެ. ޒިނޭކުރާ މީހުންނަށް އިސްލާމްދީނުގައި ހަރުކަށި އަދަބުތަކެއް ކަނޑައަޅައިފައިވަނީ އިސްވެބަޔާންކުރި ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށްފަހުގައެވެ. އެފަދަ ފިޔަވަޅުތަކެއް އަޅައިފައިވަނިކޮށްވެސް ޒިނޭގެ ޖަރީމާއަށް އަރައިގަންނަ ފަރާތްތަކަށް އިބްރަތަކަށް ވާފަދަ އަދަބެއް ކަނޑައެޅުމުގެ ގޮތުންނެވެ.

އިސްލާމްދީން އެދެނީ ޚުލުޤު ރަނގަޅު މުޖްތަމައެއް ބިނާކުރުމަށެވެ. އަޚްލާޤީ ގިޔުގަނޑެއްގެ ތެރޭގައި އިންތަކަކަށް ތަބާވެގެން އިންސާނުން ދިރިއުޅޭގޮތް ހަމަޖެއްސުމަށެވެ. މީހުންނަށް ނުކުޅަދާނަވަރުގެ ނުހަމަ ނުލާހިކު ބޮޑެތި އަދަބުތަކެއް ދިނުމަކީ އެއްވެސް ހާލެއްގައި އިސްލާމްދީނުގެ މަޤްސަދެއްނޫނެވެ.

އެޑިޓަރުގެ ނޯޓު: މިއީ 7 މެއި 2019 ގައި ވަން އޮންލައިންގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.

(ނިމުނީ)