ޓުއަރިޒަމް

ޝަރީއާ ހުއްދަ ކުރާ ފައިނޭންސިން ސްކީމާއެކު، ހަލާލު ޓޫރިޒަމް ތައާރަފު ކުރަނީ

އިބްރާހިމް ޒަކީ

ޝަރިއާ ހުއްދަ ކުރާ ފައިނޭންސިން ސްކީމްތަކަކާއެކު، ހަލާލު ފަތުރުވެރިކަން ރާއްޖެއަށް ތައާރަފު ކުރަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މިކަން ނިންމައި ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ތަފްސީލުތައް ވަނީ ބަޔާން ކޮށްފައެވެ.

އެސްއޭޕީގައި ވާގޮތުން މުސްލިމް ފްރެންޑްލީ ޓޫރިޒަމް (ހަލާލު ފަތުރުވެރިކަން) ތަރައްގީ ކުރުމަަށް އަންނަ އަހަރު ރަށްތައް ހުޅުވާލާނެއެވެ. އަދި ހަލާލު ފަތުރުވެރިކަން ރާއްޖެއަށް ތައާރަފު ކުރުމަށް ހަދަންޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގެ މަސައްކަތް އަންނަ އަހަރު ނިންމުމަށް، ޓޫރިޒަމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުގެ މައްޗަށް ވަނީ ލާޒިމް ކޮށްފައި ކަމަށްވެސް އެސްއޭޕީގައި ބުނެފައިވެއެވެ.

ހަލާލު ޓޫރިޒަމް ތައާރަފު ކުރުމަށްޓަކައި، އެފަދަ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. އެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އަންނަ އަހަރު އެ ހަރަކާތް ހިންގުމަށް ވަނީ ނިންމައިފައެވެ.

ސަރުކާރުން ބުނެފައިވަނީ ހަލާލު ޓޫރިޒަމް ތައާރަފު ކުރުމަށް ޝަރިއާ ހުއްދަ ކުރާ ފައިނޭންސިން ސްކީމްތަކެއް ތައާރަފު ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެކަމަށްޓަކައި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށްފަހު، ބޭންކުތަކާ ގުޅިގެން ކުރިއަށް ގެންދާ އެ ސްކީމް 2021 ވަނަ އަހަރު ތައާރަފު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ހަލާލު ޓޫރިޒަމް ތައާރަފް ކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އަދި ވަނީ އެކަން ފެށޭގޮތް ނުވެފައެވެ.