ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީއެންގެ ރިޕޯޓު ކިޔައިފިން، ނުރަނގަޅު ކަންކަން އެބަހުރި: ނަޝީދު

ފަތޯނާ ފާއިޒު

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ރާއްޖޭގައި ކިޔަވައިދޭ އިސްލާމް ފޮތްތަކާ ގުޅޭ ގޮތުން ކުރި ދިރާސާގެ މައްޗަށް ބިނާކޮށް 2016 ވަނަ އަހަރު ތައްޔާރު ކުރި ރިޕޯޓްގައި "ނުރަނގަޅު" ކަންކަން ހުރިކަން ފާހަގަ ކުރެވޭ ކަަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އިސްރާއާ މިއުރާޖު ފަދަ ވާހަކަތަކާ މެދު ސުވާލު އުފައްދައި އެމްޑީއެންއިން ތައްޔާރު ކުރި ރިޕޯޓުގައި އިސްލާމް ދީނަށާއި، ކީރިތި ރަސޫލާ(ސ.އ.ވ)އަށް "ގަސްތުގައި" ފުރައްސާރަ ކޮށްފައިވާ ކަމަށް އެތައް ބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި އެ ރިޕޯޓާ ގުޅިގެން، އެއްޗެއް ވިދާޅުނުވެ ހުންނެވުމަށްފަހު އިއްޔެ ކުރެއްވި ޓުވީޓެއްްގައި، އިސްލާމް ދީނަށް ކުރެވޭނެ އެންމެ ބޮޑު ފުރައްސާރައަކީ ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ނަޝީދު އެއްޗެއް ވިދާޅުވެފައި ނުވާތީ ގިނަ ބަޔަކު އެކަން ފާހަގަކުރިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީއެންގެ ރިޕޯޓު ވިދާޅުވެފައިވާ ކަަމަށެވެ. އަދި އެ ރިޕޯޓުގައި މާތް ﷲއާއި ކީރިތި ރަސޫލާއާ ބެހޭ ގޮތުން އެކަށީގެންނުވާ ބަސްތަކެއް ބޭނުންކޮށްފައިވާ ކަމަށާއި އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ވާހަކަ ތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތައް. އެފަދަ ކަންކަމަށް އާންމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓް