މަނީލޯންޑަރިންގް

އިންޑިއާގެ މަނީ ލޯންޑްރިންގެ ބޮޑު މައްސަލައަކާ ގުޅުންހުރި ޔޮޓެއް ރާއްޖޭގައި

މުހައްމަދު އައުޒަމް

އިންޑިއާގެ މަނީ ލޯންޑްރިންގެ ބޮޑު މައްސަލައަކާ ގުޅުންހުރި ޔޮޓެއް ރާއްޖޭގައި ބަނދަރުކޮށްފައިވާ ކަމަށް މުމްބާއީގެ އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ)އިން ބުނެފިއެވެ.

އިންޑިއާގެ އެންމެ ބޮޑު ރިއަލްއެސްޓޭޓް ކުންފުނި އެޗްޑީއައިއެލް އިން ޕަންޖާބް އެންޑް މަހާރަސްޓްރާ ކޯޕަރޭޓިވް (ޕީއެމްސީ) ބޭންކުން ނަގާފައިވާ ބޮޑު ލޯނެއް ނުދައްކައިވާތީ އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ބޮޑު ތަހުގީގުގައި އެޗްޑީއައިއެލް ކުންފުންޏާ ގުޅުން ހުރި އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އީޑީގެ ތަހުގީގަށް މިހާތަނަށް އެޗްޑީއައިއެލް އާއި ގުޅުން ހުރި 18 ކުންފުންޏެއްގެ 6 ތަނެއް ބަލާފާސްކޮށްފައިވެއެވެ. މުމްބާއީގެ ފުލުހުން ވަނީ އެޗްޑީއައިއެލްގެ ޗެއާމަން ރާކޭޝް ކުމާރް ވަދަވަން އާއި ދަރިފުޅު ސަރަންގ ހައްޔަރުކޮށްފައެވެ. އަދި ކުންފުނީގެ އިސްކޮށްތިބި ފަރާތްތަށް ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

އިޑީން ކުރިޔަށް ގެންދާ ތަހުގީގުގައި އިއްޔެވަނީ މުމްބާއީ އެއާޕޯޓުގައި ޕާކުކޮށްފައިވާ ޕްރައިވެޓް ޖެޓެއް ފާސްކޮށް 60 ކުރޯޑު ރުޕީސްގެ އަގުހުރި ގަހަނާ ހޯދާފައެވެ.

އީޑީގެ އޮފިޝަލުން ކުރި ތަހުގީގުން ހާމަވިގޮތުގައި މި ޕްރައިވެޓް ޖެޓަކީ އެޗްޑީއައިއެލްގެ ޗެއާމަން ރާކޭޝް ކުމާރް ވަދަވަން އާއި ދަރިފުޅު ސަރަންގ އާއި ގުޅުން ހުރި ކުންފުންޏަކަށް ނިސްބަތްވާ ޖެޓެކެވެ. އީޑީގެ އޮފިޝަލުން ވަނީ އެއާޕޯޓް މެދުވެރިކޮށް މި ޖެޓު ފާއިތުވި ދުވަސްތަކުގައި ދަތުރުކުރި މަންޒިލުތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އިންޑިއާގެ ނޫސްތަކާއި ހަވަލާދީ އީޑީގެ އޮފިޝަލުން ވަނީ އެޗްޑީއައިއެލްގެ ޗެއާމަންގެ ދަރިފުޅު ސަރަންގގެ އަމިއްލަ ޔޮޓެއް ރާއްޖޭގައި ބަނދަރުކޮށްފައިވާ ކަމަށް ބުނެފައެވެ. ތަހުގީގުގެ ބޭނުމަށް މިޔޮޓު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އީޑީގެ އޮފިޝަލުން ބުނެއެވެ.

އެޗްޑީއައިއެލްގެ މައްސަލަ ފެންމަތިވުމާއެކު އީޑީން ކުރި ތަހުގީގުތަކުން، އެކުންފުންޏަށް ނިސްބަތްވާ ތަންތަން ބަލައި ފާސްކޮށް އަގުބޮޑު މުދާތައް އަންނަނީ ހޯދަމުންނެވެ. އީޑީގެ އޮފިޝަލުން ވަނީ އެޗްޑީއައިއެލްއާ ގުޅުން ހުރި ގުދަނަކުން ލަގްޒަރީ 10 ކާރު ވެސް ހޯދައިފައެވެ.

އެޗްޑީއައިއެލްގެ ޗެއާމަން ރާކޭޝް ކުމާރް ވަދަވަން އާއި ދަރިފުޅު ސަރަންގ އަކީ އިންޑިއާގެ ސިޔާސީ ފަރާތްތަކާ ގާތްގުޅުމެއް ގެންގުޅެމުން ދިޔަ ބައެއް ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ. އީޑީގެ ތަހުގީގުގައި ފާސްކުރި އޮފީހަކުން ވަނީ އެޗްޑީއައިއެލް އިން އިންޑިއާގެ ސިޔާސީ އިސް ފަރާތްތަކަށް އަގުބޮޑު ހަދިޔާ ދީފައިވާ ކަން ސާބިތުކުރެވޭ ލިޔުންތަކެއް ވެސް ފެނިފައެވެ. މި ދެމީހުން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.