ޚަބަރު

ރާއްޖޭގައި އިތުރު ރެކޯޑެއް: ޖޮގްލް ކުރަމުން ދިހަ ކިލޯމީޓަރަށް ދުވުމުގެ ރެކޯޑު

ކެނެޑާގެ ޖޮގްލިން އެތުލީޓު މައިކަލް ކަޕްރަލް ރާއްޖޭގައި ހެދުމަށް އަމާޒު ހިފި ފުރަތަމަ ރެކޯޑު ހަދައިފިއެވެ.

ޖޮގްލް ކުރުމަކީ ބޯޅަ އުކަމުން ދުވުމެވެ. މީގެ ކުރިން ކަޕްރަލް ވަނީ ޖޮގްލް ކުރަމުން މެރަތަން އާއި ހާފް މެރަތަން ދުވުން އެންމެ އަވަހަށް ނިންމި ރެކޯޑު ވެސް ހަދައިފައެވެ. އެ ދެ ރެކޯޑު އަދިވެސް އޮންނަނީ އޭނާގެ އަތުގައެވެ.

މިއަދު އައްޑޫ ސިޓީގައި ބޭއްވި "ކޮކާ ކޯލާ ރަން އިން އައްޑޫ"ގައި ކަޕްރަލް ވަނީ އިތުރު ޖޮގްލިންގެ ރެކޯޑެއް ހަދައިފައެވެ. އޭނާ ހެދި ރެކޯޑަކީ ހަތަރު ބޯޅައާއެކު އެންމެ އަވަހަށް ދިހަ ކިލޯމީޓަރު ދުވުން ފުރިހަމަކުރުމުގެ ރެކޯޑެވެ. އެއީ ދުނިޔޭގެ ރެކޯޑު ފޮތަށް މުޅިން އަލަށް އެރި ރެކޯޑެކެވެ.

ހަތަރު ބޯޅަ ޖޮގްލް ކުރަމުން ދިހަ ކިލޯމީޓަރުގެ ދުވުން، މިއަދު ކަޕްރަލް ފުރިހަމަކުރީ 55 މިނެޓާއި 48 ސިކުންތުންނެވެ.

އެ ރެކޯޑަށްފަހު ކަޕްރަލް ދެން އަމާޒު ހިފާފައިވާ ރެކޯޑަކީ ތިން ބޯޅަ ޖޮގްލް ކުރަމުން ސިޑިއަކުން އަރައި ފޭބުމެވެ. އެއީ ގަޑިއިރެއްގެ ތެރޭ 3000 ފަހަރަށް ސިޑީގެ ހަރުފަތަށް އެރުމެވެ. މީގެ ކުރިން އޭނާ ހެދި ރެކޯޑުގައި އަރާފައިވަނީ 600 ހަރުފަތަށެވެ. އެ ރެކޯޑު ހެދުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ސަލްޓަން ޕާކުގައެވެ.

ރާއްޖެއިން ވަނީ މިއަހަރުގެ ޓޫރިޒަމް ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރޭގައި ވެސް ދުނިޔޭގެ ރެކޯޑެއް ހަދައިފައެވެ. އެއީ އެންމެ ގިނަ މީހުން އެއްފަހަރާ ފްރީޑައިވް ކުރުމުގެ ރެކޯޑެވެ. އެ ހަރަކާތުގައި 520 މީހުން ބައިވެރިވެފައިވާ އިރު، ކުރިން އިޓަލީން އެ ރެކޯޑު ހަދާފައިވަނީ 280 މީހުންނާއެކުއެވެ.