ކޮލަމް

ކެޔޮނިރު ކޮލަމް: ކީރިތި ރަސޫލާ އާއި، އިސްރާ މިއުރާޖަށާއި ޤުރުއާނަށް ހަޖޫ ޖެހުމަށް އޮންނަން ޖެހޭނީ ޒީރޯ ޓޮލެރެންސް!

މުހައްމަދު ބުޝްރީ

1

ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް (ދިވެހި ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނާޅައި ދިއުން) ގެ ނަމުގައި، އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމް.އެން.ޑީ) ގެ ފަރާތުން 2016 ވަނަ އަހަރު ޝާއިއު ކުރި ރިޕޯރޓަށް 2019 ވަނަ އަހަރު ދީނާ ހިލާފު ބައެއް ވާހަކަތައް އިތުރުކޮށްގެން އާއްމު ކުރުމުން ދިވެހީންގެ ގިނަ ބަޔަކު އަންނަނީ އެރިޕޯޓާ ދެކޮޅު ހަދައި، އެމް.އެން.ޑީ އުވާލުމަށް ގޮވާލަމުންނެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި މިބަހުސް ވަރުގަދަވެ، "ބޭން އެމް.އެން.ޑީ" ގެ ހޭޝް ޓެގް ރާއްޖޭގައި މިވަގުތު އެންމެ މަޤުބޫލު، އެންމެ ޓްރެންޑިންގް ހޭޝް ޓެގަށް ވަނީ ވެފައެވެ. އެމް.އެން.ޑީ އުވާލުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއް ޓްރެންޑް ވަމުން އަންނައިރު، މިހާތަނަށް މި ޕެޓިޝަނުގައި ދިހަހާހަށް ވުރެ ގިނަ މީހުން އޮންލައިންކޮށް ސޮއިކޮށްފައި ވެއެވެ.

ކީރިތި ރަސޫލާ (ސ.އ.ވ) އަކީ "ހައްދުފަހަނާޅާފައިވާ" ފަރާތެއް ގޮތަށް ސިފަ ކޮށް، އިސްރާ އާއި މިއުރާޖަކީ ސައިންސްގެ ހަމައިން ޤަބޫލު ނުކުރެވޭ ވާހަކަ ތަކެއް ކަމަށް ސިފަކޮށް، ކީރިތި ޤުރުއާނާއި ހަދީސަކީ ބޯދާ ވާހަކަތަކެއް ގޮތަށް ސިފަކޮށް، އިސްލާމް ދީނަށް ޖަދަލުކޮށްފައިވާ އެމް.އެން.ޑީ ގެ މި ރިޕޯޓް ނެރުމުން މިކަމުގައި ކުރިއަށް ދާނެ ގޮތަކާ މެދު ބަހުސް ކުރުމަށް ހުކުރު ދުވަހުގެރޭ ދިވެހި އިލްމު ވެރީންގެ ބައްދަލު ވުމެއް ވަނީ ބާއްވާފައެވެ. ޑރ. އިޔާޒު އާއި ޝެއިޚު ޒައިދު ގެ އިސްނެންގެވުމަށް މާލޭގައި ބޭއްވި މި ބައްދަލުވުމުގައި ވަނީ މިކަމުގައި ކުރިއަށް ދާނެ ގޮތްތަކެއް ކަނޑައަޅާފައި ކަމަށް މިބައްދަލުވުން ބޭއްވި އިލްމުވެރިން މީޑިއާގައި ވިދާޅުވެފައިވެއެވެ. އިލްމުވެރިންގެ ބައްދަލުވުމަށް ފަހު ނެރުނު ކުރު ބަޔާނެއްގައި ވިދާޅުވެފއިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް މީސްމީޑިއާގައި ހިންގާ ޖަރީމާތަކާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އުފެދެމުންދާ ނުތަނަވަސްކަމާއި ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ކަންތައްތަކެއް ކުރަން ކަނޑައެޅުނު ކަމަށެވެ. އަދި ކުރިމަގުގައި މިފަދަ ކަންކަމުގައި އިލްމުވެރިން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ އިތުރު ތަފުސީލު އިލްމުވެރިން މިއަދު ހާމަ ނުކުރެއްވިއަސް އެނިންމުންތަކުގެ ތަފުސީލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ނަންހާމަ ނުކުރަން އެދި، އޭގަތެރެއިން އިލްމު ވެރިއަކު މައުލޫމާތު ދެއްވާފައި ވެއެވެ.

ޝެއިހް އިލްޔާސް، ޝެއިޚް ޝަހީމް ފަދަ ބޭފުޅުން މިކަމާ ދެކޮޅަށް ޓުވީޓު ކުރައްވާފައި ވިއަސް، އާއްމުންނާ ގުޅިގެން ސޯޝަލް މީޑިއާގައި އެމް.އެން.ޑީ ގެ ރިޕޯޓާ ދެކޮޅަށް އެންމެ އިސްކޮށް މިހާތަނަށް މަސައްކަތް ކުރައްވާފައި ވަނީ ޑރ.އިޔާޒް އާއި ޝެއިޚް ޒައިދު އެވެ. މި ރިޕޯޓާ ދެކޮޅަށް ރައްޔިތުން ހުޅުފަޅައިގެންދިޔަ އިރުވެސް ރައީސުލް ޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މިކަމާ ގުޅިގެން އަދި އެއްޗެއް ވިދާޅުނުވާތީ ގިނަ ބަޔަކު ހިތްހަމަ ނުޖެހުމުގެ ޝުއޫރު ފާޅުކުރަމުން ދެއެވެ. އަދި ހޯމް މިނިސްޓަރާއި، ޕޮލިސް ކޮމިޝަނަރު އަދި ޑިފެންސް މިނިސްޓަރަކީ ވެސް ވަރަށް އާއްމުކޮށް، މާ މުހިއްމުކަން ކުޑަ ކަންކަމުގައި ވެސް ޓުވީޓު ކުރައްވާ ބޭފުޅުންނަށް ވެފައި، މިފަދަ ބޮޑު ކަމެއްގައި ޓްވީޓެއްހާ މިންވަރުވެސް ކޮށް ނުލައްވާތީ ގިނަބަޔަކު ފާޑުކިއަމުން ދެއެވެ.

ރައްޔިތުންގެ ޝުއޫރުތައް ފުނިޖެހެމުންދާތާ އެތައް ވަގުތެއް ފާއިތުވީ ފަހުން މިނިސްޓަރު މަހުލޫފާއި ރައީސް މައުމޫން ފަދަ ބައެއް އިސް ބޭފުޅުން ވަރަށް ދުރުދުރުން، އެމް.އެން.ޑީ ގެ ނަންވެސް ނުގެނެސް، މިކަމުގައި ކޮންމެވެސް ވަރެއްގެ ޓުވީޓެއް ކުރެއްވުމުން އެއީ މާލުއިކޮށް ދުއްވާލެއްވުން ކަމަށް ބައެއް ފަރާތްތަކުން ސިފަކޮށްފައި ވެއެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ފަދަ އިދިކޮޅު ބައެއް ފަރާތްތަކުން ލާދީނީ ފިކުރާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައިވިއަސް ސަރުކާރުން މިހާތަނަށް މިކަމުގައި އެއްޗެކޭ ވިދާޅެއް ނުވެއެވެ. ކޯލިޝަން ޕާޓީއެއް ކަމުގައިވާ ޖުމްހޫރީ ޕާޓީން އެމް.އެން.ޑީގެ ރިޕޯޓް ކުށްވެރިކޮށް ޓުވީޓު ކޮށްފައިވެ އެވެ. ކޯލިޝަންގެ އަނެއް ޕާޓީ، އަދާލަތު ޕާޓީން ހުކުރު ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ވަނީ މިރިޕޯޓް "އެންމެ ހަރުކަށި ޢިބާރާތުން" ކުށްވެރިކޮށްފައެވެ.

"އަދި މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 94/6 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2003/1 ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 20 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކުރެވިފައިވާ ކުށަކަށް ވާތީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި މި މައްސަލާގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާއުފުލުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލަމެވެ." އަދާލަތުގެ ބަޔާނުގައި ވެއެވެ. ކަމާ ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމުގައި ޢަދާލަތު ޕާޓީގެ ބަޔާނުގައި ގޮވާލާފައިވާ އިރު އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނަކީ ފުލުހުންގެ އިދާރާ ހާވާލުވެފައިވާ ހޯމް މިނިސްޓަރީގެ މިނިސްޓަރު ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އެމް.އެން.ޑީ ގެ މި ރިޕޯޓުގައި ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން ފާހަގަކޮށްފައި ވުމަކީ ހައިރާންވާ ކަމެއް ކަމަށާއި، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް ހުއްދަ ދެވިފައިނުވާ މަދަނީ ޖަމިއްޔާއަކާއި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރެވިފައިވަނީ ކޮންގޮތަކުންތޯ ބަލައި ތަހުގީގުކުރުމަށްވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދާލަތުގެ މި ބަޔާނާ ގުޅިގެން ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އަދާލަތުގެ ބަޔާނުގައި ތަހުޤީގު ކުރަން ގޮވާލާފައިވާ ކަންތައްތަކާއި ފިޔަވަޅު އަޅަން ގޮވާލާފައިވާ ކަންތައްތަކުގައި ތަހުޤީގުކޮށް، ފިޔަވަޅު އެޅުމުގެ ބާރު މިވަގުތު އޮތީ (އަދާލަތުގެ ޕާޓީގެ ރައީސް) ހޯމް މިނިސްޓަރު އިމްރާންގެ އަތްޕުޅުމަތީގައި ކަމަށެވެ.

އެމް.އެން.ޑީ ހިންގުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވި ނޫޝާން ވަހީދު އަކީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ޓެރަރިޒަމްއާ ބެހޭ ކޮންސަލްޓެންޓެއްގެ މަޤާމުގައި ހުންނެވި ބޭފުޅަކަށް ވުމުން ނޫޝާން އެމާޤާމުން ވަކި ކުރުމަށް ވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ގޮވަމުން އެބަދެއެވެ. ގިނަ ބައެއްގެ ނުރުހުމާއި އިހުތިޖާޖުތަކާއި ގުޅިގެން އެމް.އެން.ޑީ އިން އެޖަމިއްޔާގެ ރިޕޯޓް އަނބުރާ ގެންގޮސް އާއްމުކޮށް މައާފަށް އެދިފައި ވިއަސް، އެމް.އެން.ޑީގެ އިސް ބޭފުޅެއް ކަމުގައިވާ ޝަހިންދާ އިސްމާއިލް ވަނީ އެމް.އެން.ޑީ ގެ ރިޕޯރޓް ދިފާއުކޮށް ގިނަ ޓްވީޓްތަކެއް އިއްޔެވެސް ކޮށްފައެވެ. އެހެން ކަމުން އެމް.އެން.ޑީ އިން ރިޕޯޓް އަނބުރާ ގެންދިޔައީ ހެޔޮހިތުން ކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ. މިކަމުގައި ދިވެހި ރާއްޖޭގެ ޤާނޫނުތަކަށާއި ޤަވާއިދު ތަކަށް ބަލާއިރު އެންމެ އެކަށީގެންވާ ހައްޤު ފިޔަވަޅަކީ އެމް.އެން.ޑީ އުވާލައި، އެޖަމިއްޔާއިން ނެރުނު ރިޕޯޓްގައި ހިއްސާވާ ފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.