ނޭޝަނަލް ގްރޯން ޕްރީ

ނޭޝަނަލް ގްރޯން ޕްރީގައި ސާއިދާއި ހިމްނާ ދެ ރަން މެޑަލް ހޯދައިފި

ނޭޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އާއިޝަތު ހިމްނާ ހަސަން، ދެ ރަން މެޑަލް ހޯދައިފިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި އިއްޔެ ފެށި އެ މުބާރާތުގައި ސާއިދާއި ހިމްނާ ވަނީ 100 މީޓަރު ދުވުމާއި 400 މީޓަރު ދުވުން ކާމިޔާބުކޮށްފައެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ރަން މެޑަލް ސާއިދު ހޯދީ 10.58 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ. ރިހި މެޑަލް ހޯދި އިބާދުﷲ އާދަމް 11.21 ސިކުންތުން ދުވުން ފުރިހަމަކުރި އިރު، ލޯ މެޑަލް ހޯދި ނުޖޫމް ހަސަން ދުވުން ފުރިހަމަކުރީ 11.25 ސިކުންތުންނެވެ.

ފިރިހެނުންގެ 400 މީޓަރު ދުވުމުގެ ރަން މެޑަލް ސާއިދު ހޯދީ 50.75 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ. ރިހި މެޑަލް ހޯދި މުހައްމަދު އައިހަމް އަސްފަރު ވަހީދު 52.09 ސިކުންތުން ދުވުން ފުރިހަމަކުރި އިރު، ލޯ މެޑަލް ހޯދި އިބްރާހިމް އަޝްފާން އަލީ ދުވުން ފުރިހަމަކުރީ 52.37 ސިކުންތުންނެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުގެ ރަން މެޑަލް ހިމްނާ ހޯދީ 12.54 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ. ރިހި މެޑަލް ހޯދި ނަޝާ ނިޒާރު 12.87 ސިކުންތުން ދުވުން ފުރިހަމަކުރި އިރު، ލޯ މެޑަލް ހޯދި މަރިޔަމް އަލްހާ ހުސައިން ދުވުން ފުރިހަމަކުރީ 13.20 ސިކުންތުންނެވެ.

އަންހެނުންގެ 400 މީޓަރު ދުވުމުގެ ރަން މެޑަލް ހިމްނާ ހޯދީ 59.18 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ. ރިހި މެޑަލް ހޯދި އާމިނަތު ލަޔާނާ މުހައްމަދު އެއް މިނެޓާއި 04.41 ސިކުންތުން ދުވުން ފުރިހަމަކުރި އިރު، ލޯ މެޑަލް ހޯދި ރިފާ މުހައްމަދު ދުވުން ފުރިހަމަކުރީ އެއް މިނެޓާއި 04.93 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ 1500 މީޓަރު ދުވުމުގައި ހުސައިން ފަޒީލް ހާރޫން ފަހަތަށް ޖައްސާލުމަށްފަހު، އެ އިވެންޓުގެ ރަން މެޑަލް ހޯދީ ހުސައިން ރިޒާއެވެ. ހަތަރު މިނެޓާއި 08.24 ސިކުންތުން ރިޒާ ދުވުން ފުރިހަމަކުރި އިރު، ފަޒީލް ދުވުން ފުރިހަމަކުރީ ހަތަރު މިނެޓާއި 10.97 ސިކުންތުންނެވެ. އަދި އެ އިވެންޓުގެ ލޯ މެޑަލް ހޯދި އައިމަން ޚާލިދު ދުވުން ފުރިހަމަކުރީ ހަތަރު މިނެޓާއި 36.23 ސިކުންތުންނެވެ.

އަންހެނުންގެ 1500 މީޓަރު ދުވުމުގެ ރަން މެޑަލް ހޯދީ ފަސް މިނެޓާއި 25.70 ސިކުންތުން ދުވުން ފުރިހަމަކުރި އާމިނަތު ޖާއިޝާ ޖުނީޒެވެ. ފަސް މިނެޓާއި 51.90 ސިކުންތުން ދުވުން ފުރިހަމަކޮށްގެން އާއިޝަތު ނަފްހާ ނަޝީދު ރިހި މެޑަލް ހޯދި އިރު، ލޯ މެޑަލް ހޯދީ ހަ މިނެޓާއި 02.20 ސިކުންތުން ދުވުން ފުރިހަމަކުރި ޒުލައިޚާ އަބްދުﷲ އެވެ.

އިއްޔެ ކުރިއަށްދިޔަ ފިރިހެނުންގެ ލޯންގް ޖަމްޕުން ރަން މެޑަލް ހޯދީ 5.96 މީޓަރަށް ފުންމި ނުޖޫން ހަސަނެވެ. ރިހި މެޑަލް ހޯދި ސުޒައިން މުހައްމަދު 5.92 މީޓަރަށް ފުންމި އިރު، ލޯ މެޑަލް ހޯދި އިބްރާހިމް ރާފިލް ވާފިރު ފުންމީ 5.89 މީޓަރަށެވެ.

މިއަދުގެ އިވެންޓުތަކަށްފަހު އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އެ މުބާރާތް ނިމިގެންދާނެއެވެ. މިއަދު ހަވީރު 4:00 އިން ފެށިގެން މުބާރާތުގެ އިވެންޓުތައް ކުރިއަށްދާ އިރު، އަންހެނުންގެ 800 މީޓަރު ދުވުމާއި ފިރިހެނުންގެ 800 މީޓަރު ދުވުމާއި އަންހެނުންގެ 200 މީޓަރު ދުވުމާއި އަންހެނުންގެ ލޯންގް ޖަމްޕާއި ފިރިހެނުންގެ 200 މީޓަރު ދުވުމާއި އަންހެނުންގެ 3000 މީޓަރު ދުވުން އަދި ފިރިހެނުންގެ 3000 މީޓަރު ދުވުން މިއަދު ކުރިއަށްދާނެއެވެ.