ބޮލީވުޑް

އާލިޔާ ޕީޕަލްސް ޗޮއިސް އެވޯޑަށް ނޮމިނޭޓްވެއްޖެ، ވާދަކުރަނީ އެހެން ގައުމުތަކުގެ ހަތް ތަރިންނާ

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި އާލިޔާ ބަޓް 2019 ވަނަ އަހަރުގެ ޕީޕަލްސް ޗޮއިސް އެވޯޑުގެ ދަ މޯސްޓް އިންސްޕަޔަރިން އޭޝިއަން ވުމަން އެވޯޑަށް ނޮމިނޭޓް ވެއްޖެއެވެ. އާލިޔާއަކީ މިއަހަރުގެ ޕީޕަލްސް ޗޮއިސް އެވޯޑަށް ނޮމިނޭޓްވި ހަމައެކަނި އިންޑިއާގެ ތަރިއެވެ.

އާލިޔާ ނޮމިނޭޓްވެފައިވާ ކެޓަގަރީއަކީ އެންމެ ވާދަވެރި އެއް ކެޓަގަރީއެވެ. މި ކެޓަގަރީގައި ސައުތު ކޮރެއާގެ ދެ އެކްޓަރުންނާއި ލަވަ ކިޔުންތެރިއަކާއި ތައިލޭންޑްގެ އެކްޓަރަކާއި އިންޑޮނޭޝިއާގެ އެކްޓަރަކާއި މެލޭޝިއާގެ ލަވަ ކިޔުންތެރިއެއް އަދި ލަވަ ލިޔާފަރާތަކާއި ތައި މޮޑެލެއްވެސް އާލިޔާއާއެކު ވާދަކުރެއެވެ.

ނޮމިނޭޝަން ހޮވާފައިވަނީ އޭޝިއާގެ ހުރިހާ ގައުމެއް ހިމެނޭ ގޮތަށް ކަމަށް އެވޯޑް އިންތިޒާމު ކުރާ ފަރާތާ ހަވާލާދީ މީޑިއާ ރިޕޯޓަތައް ބުނެއެވެ. ނޮމިނޭޓްވެފައިވާ ފަރާތްތަކަކީ އޭޝިއާގެ ފިލްމުތަކުގައާއި ލަވަ ކިޔުމުގައާއި ޓީވީގެ ދުނިޔޭގައި އެންމެ ފިޔަޖަހާ ތަރިން ކަމުގައި ވަނީ ބުނެފައެވެ. އަދި އެންމެ ބޮޑަށް ބެލީ މި ފަރާތްތަކަކީ ސޮސައިޓީއާއި ގައުމަށް ދޭންޖެހޭ ޝޯޝަލް މެސެޖް ފޯރުކޮށްދެވޭވަރުގެ ބައެއްތޯއެވެ.

ޕީޕަލްސް ޗޮއިސް އެވޯޑު މިއަހަރު ބާއްވަނީ އެމެރިކާގައި އަންނަ މަހު 11ގައެވެ.