ބޮލީވުޑް

ސޯނަމް "ބެޓަލް އޮފް ބިޓޯރާ" އަށް ބަތަލެއް ހޯދަނީ

ސޯނަމް ކަޕޫރާއި އޭނާގެ ދައްތަ ރިއާ ކަޕޫރު އެކުގައި ހަދާ ފިލްމު "ބެޓަލް އޮފް ބިޓޯރާ" އަށް ލީޑް ފިރިހެން ބަތަލެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގިނަ ދުވަސްތަކަަކަށް ފިލްމު ހޯލްޑްކޮށްފައި ބޭއްވުމަށްފަހު ކަޕޫރު އާއިލާގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ މި ފިލްމުގެ މަސައްކަތް ސޯނަމް އާއި އޭނާގެ ދައްތަ ފެށީ މިދިޔަ މަހުއެވެ. އަންހެނުންނަށް ހާއްސަ މި ފިލްމުގެ ޝޫޓިން ނުފެށިފައިވަނީ ލީޑް ބަތަލެއް ފައިނަލް ނުވެގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސޯނަމް އާއެކު ފިލްމު "ޒޯޔާ ފެކްޓާ" އިން ފެނިގެން ދިޔަ ތަރި ކަމަށްވާ ދުލްގަރު ސަލްމާން، ބެޓަލް އޮފް ބިޓޯރާއަށް ނެގުމުގެ ވާހަކަތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އަދި ވަކި ގޮތަކަށް ވަނީ ހަމަނުޖެހިއެވެ.

ފިލްމުގައި ލީޑު ކުރަނީ އަންހެން ތަރިން ކަމުން ފިރިހެނެއް ސަޕޯޓިން ބަޔަށް ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ފިލްމު ޓީމާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ބެޓަލް އޮފް ބިޓޯރާގެ ވާޙަކައިގެ ރައިޓްސް ސޯނަމް ހޯދީ މިދިޔަ އަހަރެވެ. އަދި އޭރު ސޯނަމް ވަނީ އެވާހަކައަށް ފިލްމެއް އުފައްދާނެ ވާހަކަ އިއުލާންކޮށްފައެވެ.

މިހާތަނަށް ފިލްމުގައި ބަތަލެއްގެ ގޮތުގައި ފެނިގެން ދާނެ ކަމަށް އަޑުފެތުރިފައިވާ ތަރިންނަކީ ފަވާދު ޚާން އާއި ރާޖް ކުމާރު ރާއޯއެވެ. މީގެ އިތުރުން ފަރްހާން އަހްތަރުގެ ނަންވެސް ވަނީ ތިލަވެފައެވެ.