19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިން

ސީރިއާ އަތުން ބަލިވެ، ރާއްޖެއަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިއްޖެ

ނަވާރަ އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ސީރިއާ އަތުން ހަނި ތަފާތަކުން ރާއްޖޭގެ ޒުވާން ޓީމު ބަލިވެއްޖެއެވެ.

ތަޖިކިސްތާނުގައި މިއަދު ކުޅުނު "ގްރޫޕު ސީ"ގެ މެޗުގައި ސީރިއާ އަތުން ރާއްޖެ ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ. ރާއްޖެއަށް ކޮލިފައިންގައި ބާކީ އެއް މެޗު އޮތް ނަމަވެސް، ކޮލިފައިވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

އެ މެޗުގެ 19 ވަނަ މިނެޓުގައި ރާއްޖެއަށް ސަވީ އިބްރާހިމް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 25 ވަނަ މިނެޓުގައި އޭނާ އަތުން ބައިކޮޅަށް ވަން ލަނޑުގެ ސަބަބުން ނަތީޖާ އެއްވަރުވެގެންދިޔައެވެ. މެޗުގެ 33 ވަނަ މިނެޓުގައި މުހައްމަދު އަލް މަލްހެމް ވަނީ ސީރިއާއަށް ލީޑު ހޯދައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ސީރިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) ވަނީ ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް މެޗުގެ 62 ވަނަ މިނެޓުގައި ސީރިއާ އިން ވަނީ އަލުން ލީޑު ހޯދައިފައެވެ. ސީރިއާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަމަރް ރަމަދާންއެވެ.

އެ ނަތީޖާއާއެކު ސީރިއާ ވަނީ ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު "ގްރޫޕު ސީ"ގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް ތަޖިކިސްތާނަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ލުބުނާނަށް އެއް މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ރާއްޖެއަށް ދެ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ތަޖިކިސްތާން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ބަލިވެފައެވެ. މިދިޔަ ބުދަ ދުވަހު ކުޅުނު އެ މެޗުގައި އަމިއްލަ ގައުމުގައި ކުޅުނު ތަޖިކިސްތާން އަތުން ރާއްޖެ ބަލިވީ 9-0ގެ ނަތީޖާއަކުންނެވެ.

އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމަކީ ނިމިގެންދިޔަ މަހު ނޭޕާލުގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ހޯދި ޓީމެކެވެ. އެޓީމުން ވަނީ އެ މުބާރާތުގެ ތިންވަނަ ހޯދައިފައެވެ. އެއީ މިހާތަނަށް އެ މުބާރާތުން ރާއްޖެއިން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.