ދީން

އަލުން ކިޔައިލުމަށް: އިސްލާމީ ޝަރީޢަތުގެ ޤާނޫނުތައް - އިންސާނިއްޔަތަށް ހުރި ރަހުމަތެއް 1

އަބްދުﷲ ފާރޫގް ހަސަން

ތަރުޖަމާ: އަބްދުﷲ ފާރޫޤު ޙަސަން

މައިންބަފައިންނަކީ އެބައިމީހުންގެ ދަރީންގެ މިޒާޖާއި ޠަބީޢަތު އެންމެ ރަނގަޅަށް ދަންނަމީހުންނެވެ. އެންމެ ތުއްތު ކުދީންގެ އިހްސާސްތަކާއި އިޝާރާތްތައް ވެސް މައިންބަފައިން ފަސޭހަކަމާއެކު ވިސްނައިގަނެއެވެ. އިންސާނުންފިޔަވައި ޖަނަވާރުންނާމެދު ވިސްނައިލާއިރު ވެސް ކަންއޮތީ މިގޮތަށެވެ. އެތަކެއްޗަކީ ބަސްމޮށުންތެރިކަން ލިބިފައިވާ ސޫފިތަކެއް ނޫނެވެ. އިޝާރަތުގެ ބަހުރުވަތަކެއްވެސް ލިބިގެންވާ އެއްޗެއްސެއް ނޫނެވެ. އެހެންކަމާއެކުވެސް އެސޫފިތަކުގެ ވެރީންނާއި އެތަކެތީގެ ގޮވީން އެތަކެތީގެ އާދަތަކާއި ބޭނުންތައް ރަނގަޅަށް ދަނެއެވެ. އެގޮތްތަކަށް ރިޢާޔަތްކޮށް އެތަކެތި ގެންގުޅެ ކާންބޯންދީ ބަލަހައްޓައެވެ.

ކާއިނާތުގެ ރައްބަކީ އަރަހުށި ހުސްތާހިރުވަންތަ މާތްﷲ އެވެ. އެކަލާނގެ މިކައުނުގައި ލައްވައިފައިވާ އެންމެހައި ތަކެތީގެ ބޭނުންތަކާއި، އިހްސާސްތަކާއި، ރަނގަޅުނުރަގަނޅު އާދަތަކާއި ހޭޑިފޭޑި އާއި ހުރިހައިކަމެއްގެ ގޮތްބާވަތް އެކަލާނގެ ނުހަނު މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން އިންސާނުންނަށްޓަކައި އެންމެ ރަނގަޅު އުސޫލުތައް އެކަށައަޅުއްވައި ހަޔާތުގެ އިންތަކާއި މިންތައް ކަނޑައެޅުއްވޭނީ އެކަލާނގެ ރަސްކަންފުޅަށެވެ. އިންސާނުންނަށްޓަކައި އެންމެ މުނާސަބު ޤާނޫނުތައް ހަމަޖެއްސެވޭނީވެސް އެކަލާނގެ ރަސްކަންފުޅަށެވެ. އެކަލާނގެ ރަސްކަންފުޅަށްވުރެ މޮޅަށް އިންސާނީ ހަޔާތު ތަރުތީބުކޮށް އިންސާނާއަށްޓަކައި އިންތައް ފާހަގަ ކުރެވޭނެ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ކާއިނާތުގެ ނިޒާމު ތަދުބީރު ކުރުމަށްޓަކައި ބޭނުންވަނީ ޢިލްމެވެ. މައުރިފާއެވެ. އެކަލާނގެއީ އެންމެ މޮޅަށް ދެނެވޮޑިގެންވާ އަލީމުވަންތަ ރަސްކަލާނގެ އެވެ. އިންސާނީ ހަޔާތު ރާވައިލުމަށްޓަކައި ބޭނުންވަނީ ބުއްދިވެރިކަމެވެ. ކަންކަން ނިންމައި އެކަށައަޅައި ނިޔާ ކަނޑައެޅުމުގެ ބާރެވެ. އަރަހުށި މާތްﷲ އަށްވުރެ މަތިވެރި ހަކީމަކު ނުވެއެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި އަންގަވައިފައިވަނީ ގޮތްތައް އެކަށައަޅުއްވައި ނިޔާކުރެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެ ރަސްކަންފުޅަށްކަމުގައެވެ. "ދަންނާށެވެ! ހުކުމް ކުރެއްވުން އޮތީ އެކަލާނގެއަށެވެ." (އަލްއަންޢާމު : 62 )

އަރަހުށިމާތްﷲ މިދުނިޔޭގައި ވަނީ އިންސާނަށް ބޭނުންވާ ހުރިހާކަމެއް އިންތިޒާމުކޮށް ދެއްވައިފައެވެ. އޭނާ ކައިބޮއި އުޅޭނެގޮތެވެ. ހިޔާވަހިކަން ހޯދާނެ ގޮތެވެ. އުނު އަނދެ ފިންޏާއި ހޫނުން ސަލާމަތްވާނެ ގޮތެވެ. ހަމައެފަދައިން އިންސާނާ ދިރިއުޅެންވީ ގޮތާމެދު ވެސް އެކަލާނގެ ވަނީ ހިދާޔަތުދެއްވައިފައެވެ. އެހެނީ އެކަކު ދެމީހަކަށް ނުވަތަ ގިނަބަޔަކަށް ވިޔަސް އެންމެހައި އިންސާނުންގެ ޖަޒުބާތާއި ހުރިހައި ބޭނުންތަކަކާއި ޠަބީއަތު އެދިގޮވާ ހުރިހައިކަމެއް ދަނެއެއް ނުގަނެވޭނެއެވެ. ޚުދު އިންސާނާއަކީ ވެސް އިންސާނީ ވަކި ޖަމާއަތެއްގެ ފަރުދެކެވެ. އެހެންކަމުން އިންސާނީ ޖަމާއަތްތަކުގެ މެދުގައިވާ މަސްލަހަތުގެ ފުށުއެރުންތަކުން އެއްކިބާވެހުރެ އެންމެންނަށް ހަމަހަމަވާފަދަ އަދުލު އިންސާފާއި މަސްލަހަތު ހިމާޔަތްކުރުމުގެ ޤާނޫނުތަކެއް އިންސާނާ އަމިއްލަޔަކަށް ފުރިހަމަޔަށް ރާވައި އެކަށައެއް ނޭޅޭނެއެވެ. އެންމެހައި އިންސާނުންނަށްޓަކައި އެންމެ ވަޒަންހަމަ ޤާނޫނުތަކެއް ފަރުމާ ކުރެވޭނީ އެންމެހައި އިންސާނުންގެ ރައްބަށެވެ. އެބައިމީހުންގެ ރަހީމަށެވެ. ރަހްމާނަށެވެ.

އަރަހުށިމާތްﷲ އިންސާނުންނަށްޓަކައި އެކަށައަޅުއްވައިފައިވާ ހަމަތަކާއި އުސޫލުތައް އޮޅުން ފިލުއްވައި ދެއްވުމަށްޓަކައި ހުރިހައި ޒަމާންތަކެއްގައިވެސް ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ފޮނުއްވަމުންގެންދެވިއެވެ. ސަލާމްލެއްވި އާދަމުގެފާނަކީ އެންމެ ފުރަތަމަ އިންސާނާއެވެ. ހަމައެފަދައިން އެކަލޭގެފާނަކީ އިންސާނުންގެ މެދަށް ފޮނުއްވި އެންމެ ފުރަތަމަ ނަބިއްޔާ ވެސްމެއެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ސިލްސިލާ ނިމިފައިވަނީ އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަގެ މައްޗަށެވެ.

އަރަހުށިމާތްﷲ އިންސާނުންނަށްޓަކައި ފޮނުއްވާ ޤާނޫނުތަކުގެ ނަމަކީ ޝަރީއަތެވެ. އިންސާނީ ހަޔާތުގެ އެންމެ ކުރީދައުރަކީ އިލްމާއި ތަމައްދުނުގެ ގޮތުން އިންސާނިއްޔަތުގެ ޅަފަތެވެ. އިންސާނަކު ކުޑަކުއްޖެއްގެ އުމުރުން ފެށިގެން ބޮޑުވެ ތަޞައްވަރު ފުދޭފަދައިން އިންސާނުންގެ ޢިލްމާއި ތަމައްދުނުވެސް އަންނަނީ ގިތިކަމާއި، ހަރުވުމާއި، ދޮންވެ ފައްކާވުމުގެ މަރްހަލާތައް ކަޑައްތު ކުރަމުންނެވެ. އެހެންކަމުން އަރަހުށިމާތްﷲ ޤާނޫނުތައް ފޮނުއްވަމުންގެންދެވީވެސް އިންސާނުންގެ ޢިލްމީ ކުރިއެރުމާއި ތަމައްދުނުގެ ހަރުފަތްތަކާ ހަމައެޅޭ ގޮތަށެވެ. އިންސާނުންގެ ވެއްޓާ ގުޅޭގޮތަށެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ފޮނުއްވައިފައިވަނީ އިންސާނާ އޭނާގެ ތަހްޒީބާއި ތަމައްދުނާއި ޢިލްމުގެ ދާއިރާގައި ފުރިހަމަވުމުގެ މަރްހަލާގައި ފިޔަވަޅު އަޅާންފެށިފަހުންނެވެ. އެހެންކަމުން އިސްލާމްދީނުގެ ނަބިއްޔާއަށް ބާވައިލައްވައިފައިވާ ޝަރީއަތަކީ ޤިޔާމަތާ ހަމަޔަށް ދެމިއޮންނާނެ ޝަރީއަތެވެ. ތާއަބަދަށް ދެމިއޮތުމަށްޓަކައި ބޭނުންވާ ފަހެލިކަން ލައްވައިފައިވާ ޝަރީއަތެކެވެ.

އިންސާނާ އޭނާގެ މައިބަނޑުން ފިރުކުނީއްސުރެ ބޮޑުވެ ފުރާފުރިހަމަވަންދެން އޭނާގެ ހަށިގަނޑު ހެދިބޮޑުވަމުން އަންނަތަން އަޅުގަނޑުމެންނަށް ފެނެއެވެ. އެހެންކަމުން އޭނާ ޒުވާންވުމުގެ ކުރީން އޭނާއަށް ތައްޔާރުކުރެވޭ ފޭރާންތައްވެސް އަހަރަކުން ނުވަތަ ދޮޅުއަހަރަކުން އޮންނަނީ އޭނާއަށް ކުޑަވެފައެވެ. ބާރުވެފައެވެ. ކުރުވެފައެވެ. ނަމަވެސް އޭނާ ޒުވާންވެ ހަށިގަނޑު ހެދިބޮޑުވުމުގެ މަރްހަލާ ނިމުމުން އޭނާއަށް ފައްސާ ހެދުން ދުވަސް ކޮޅަކުން ކުޑައެއް ނުވެއެވެ. (މިދެންނެވީ އާއްމު އުސޫލާ ޚިލާފަށް ފަލަވުމުގެ ނުވަތަ ހިކުމުގެ ސަބަބުން ހަށީގަނޑުގެ ބައްޓަން ގެއްލޭ މީހުން އިސްތިސްނާކޮށެވެ.) މި މިސާލާ އެއްގޮތަށް މުޙައްމަދީ ޝަރީއަތާ މެދު ވިސްނާއިރު އެޝަރީއަތް ބާވައިލެއްވީ އިންސާނާގެ ޤާބިލިއްޔަތު ފުރިހަމަވުމުގެ މަރްހަލާގައިފިޔަވަޅު އަޅާން ފެށިފަހުންނެވެ. އެހެންކަމުން އިސްވެ ދެންނެވިފަދައިން މުޙައްމަދީ ޝަރީއަތް ބައްޓަން ކުރައްވައިފައިވަނީ އަބަދަށްވެސް ކަމުދާގޮތަށް ފަހެލިކޮށެވެ. " ކުރުވުމުގެ ނުވަތަ ބާރުވުމުގެ " މައްސަލަ ނުއުފެދޭ ގޮތަށެވެ. ކީރިތި ޤުރްއާނުގެ ޢިބާރާތުން ދަންނަވާނަމަ މުޙައްމަދީ ޝަރީއަތަކީ ދީން ފުރިހަމަ ކުރެއްވުމެވެ. އެކަލާނގެ އިންސާނުންނަށް ދެއްވަން ރުހިވޮޑިގެންވާ ނިޢުމަތް ފުރިހަމަ ކުރެއްވުމެވެ. (އަލްމާއިނާ : 3)

"އިލްހާމީ ޝަރީޢަތް" ނުވަތަ "އިސްލާމީޤާނޫނުގެ" ނަމުގައި ފާހަގަކުރެވެމުންދަނީ ހަޔާތުގެ މިދެންނެވި އިންސާނީ ނިޒާމެވެ. އިންސާނާ އެނިޒާމަކާއެއްގޮތަކަށް ދިރިއުޅުމަށްޓަކައި އަރަހުށިމާތްﷲ ފޮނުއްވި ފުރިހަމަ ނިޒާމެވެ. އިސްލާމީޤާނޫނަކީ ގްރީކުފިލޯސަފަރުންގެ ފިކުރިއްޔާތު ފަދައިން ހުސްއެކަނި ނަޒަރިއްޔާއެއް ނޫނެވެ. އެނަޒަރިއްޔާއެއްގެ ހުވަފެން ފެންނަ އެކަމަކު ދުވަހަކުވެސް އެހުވަފެނުގެ ތައުބީރެއް ފެނިފައިނުވާ ނަޒަރިއްޔާއެއް ނޫނެވެ. ނުވަތަ އިޝްތިރާކިއްޔަތު ފަދައިން ހަތްދިހަވަރަކަށް އަހަރުގެ ކުރު މުއްދަތު ތެރޭގައި އިންދިރާސްވެ ނަމާއި ނިޝާންވެސް ފޮހެވިފައިވާ ޤާނޫނެއް ނޫނެވެ. އަދި ކީއްތޯއެވެ. އިސްލާމީ ނިޒާމާއި ޤާނޫނަކީ ނުހަނު ވަޒަންހަމަ ޤާނޫނުތަކެކެވެ. މެދުމިން ނިޒާމެކެވެ. އިސްލާމީ ޤާނޫނުތައް އިންސާނީ ފިޠުރަތާ ނުހަނު ގުޅެއެވެ. އެއްހާސް އަހަރަށްވުރެ ކުރުނޫން މުއްދަތެއް ވަންދެން އެ ޤާނޫނުތައް ވަނީ އޭޝިޔާ އާއި އެފްރިކާ އާއި ޔޫރަޕުގެ ވަރަށް ބޮޑު ބައެއްގެ މައްޗަށް ވެރިކަންކޮށްފައެވެ. އަޖުމަބެލެވި ތަންފީޒުކުރެވިފައެވެ. އިސްލާމީ ނަޒަރިއްޔާއާއި، ޝަރުޢީ ޤާނޫނުތައްވަނީ ތަފާތު ތަހްޒީބުތަކާއި އިޖްތިމާއީ އެކަތަކާ ކުރިމަތިލައިފައެވެ. ހުރިހާ ޒަމާނެއްގެ ހުރިހާ ގިންތިތަކަކާއި ފަންތިތަކެއްގެ މައްސަލަތަކެއް ނުހަނު އޮމާންކަމާއެކު ހައްލުކޮށްފައެވެ. އެންމެން އެއް މުޖްތަމައެއްގައި ރީތިކޮށް ރަމަތަކޮށް ހަމަޖައްސައިފައެވެ. އިސްލާމީ ނަޒަރިއްޔާ އާއި އިސްލާމީ ޤާނޫނުތައް ދުނިޔޭގައި އަޖުމަ ބެލެވުނު ކޮންމެ ފަހަރަކުވެސް ބަޔާންވެ ސާބިތުވެފައިވަނީ އެޤާނޫނުތަކުގެ މޮޅުކަމެވެ. ފައިދާބޮޑު ކަމެވެ. ފުރިހަމަކަމެވެ. ފިތުރަތުގެ ޤާނޫނާއެއްގޮތްކަމެވެ. އެންމެންވެސް އިއުތިރާފުވެފައިވަނީ ސަލާމަތާއި އަމަންއަމާންކަން ޤާއިމު ކުރުމުގެ ލާއިގުކަން އެހެންކޮންމެ ޤާނޫނަކަށްވުރެ މާބޮޑަށް އެޤާނޫނު ތަކުގައި އެބަހުރި ކަމުގައެވެ.

ނަމަވެސް އިންސާނިއްޔަތުގެ ނަސީބުދެރަކަމުން ޢުޘްމާނީޚިލާފަތު (ތުރުކީގައި އޮތް އިސްލާމީވެރިކަން) 1924 ގައި ވެއްޓުމަށްފަހު އިސްލާމީވެރިކަމުގެ ދާއިރާ ވަނީ ހަމައެކަނި މިސްކިތްތަކުގެ ދާއިރާ އަށް ހަނިކުރެވިފައެވެ. އެންމެފުޅާވެގެންވެސް ހަމައެކަނި އިޖްތިމާއީ ދިރިއުޅުމުގެ ބައެއް ހަނިދާއިރާތަކުގައި ހިންގޭ ޤާނޫނުތަކެއްކަމުގައިވެފައެވެ. ނަމަވެސް ފަހަކަށް އައިސް އަނެއްކާވެސް އިސްލާމީ ދުނިޔޭގެ ދާދިމަދު ޤައުމުތަކަކުން ވިޔަސް ހަޔާތުގެ ބައެއް ދާއިރާތަކުގައި އެޤާނޫނުތަކުގެ ބޭނުންކުރުން އިތުރު ކުރަމުން އެބަގެންދެއެވެ. ސަލްމާނުރަސްގެފާނުގެ ކުރީން ސައުދި އަރަބިއްޔާ އާއި، ސޫދާނާއި، އީރާނާއި ތާލިބާނުގެ ދައުރުގައި އަފްޣާނިސްތާނުގައި ވަނީ އެޤާނޫނުތަކުގެ ބައެއް ތަޖްރިބާކޮށްފައެވެ. ތުރުކީންވެސް މަޑުމަޑުން ދަނީ އެދިމާޔަށް ދަތުރުކުރަމުންނެވެ. ނަތީޖާއަކީ އަމަންއަމާންކަމުގެ ހިޔާވަހީގައި އެތަންތާގެ މުވާޠިނުންނަށް ހަމަނޭވާ ލައިގެން އުޅެވުމެވެ. މަދު ދާއިރާތަކެއްގައި ނަމަވެސް އިސްލާމްދީނުގެ ރަހްމަތާއި ބަރަކާތްފެންނަމުންދިޔުމެވެ.

އެމަންޒަރުފެނުމުން އޭޝިޔާއާއި އެފުރިކާގެ އިސްލާމީ ބައެއް ޤައުމުތަކުގައި ވަނީ މިދެންނެވި ހިތްހަމަޖެހުމާއި އަމާންކަމުގެ ފިނިހިޔަލަށް ދިއުމުގެ ޚިޔާލު މޯޅިޔަށްދެމޭން ފަށައިފައެވެ. އިސްލާމީ ޤާނޫނުތައް ތަންފީޒުކުރުމަށް ސަރުކާރުތަކަށް ފިއްތުންތައްކުރިމަތި ކުރާ އާއްމު ރައްޔިތުތަކެއްވަނީ އުފެދޭންފަށައިފައެވެ. އަނެއްކޮޅުން ހުޅަނގުގެ މީޑިޔާތަކުން އަންނަނީ މިދެންނެވި އަޑުއުފުލާ ފަރާތްތަކުގައި ފަންޑަމެންޓަލިސްޓު ކަމާއި ވިސްނުމުގެ ދާއިރާހަނިކަމުގެ ލޭބަލް ތަތްކުރަމުންނެވެ. އަޅުގަނޑުމެން ލޮލުންދެކެ އަތުން ހިފައިފައިވާ ފަދައިން ޠާލިބާނުން އަފުޣާނިސްތާނުފަތަހަކުރީ އެތާނގައި އަމަންއަމާންކަން ގެއްލިފައި އޮންނަތާ އަހަރުތަކެއްގެ ފަހުންނެވެ. ޤާނޫނު މުގުރުމާއި ދާޚިލީ ހަނގުރާމައިގެ ހުޅުއަރާތާ ޒަމާންތަކެއްވެފައިވަނިކޮށެވެ. ނަމަވެސް ތާލިބާނުންވަނީ އެރުންކުރު، މުރަނަ އަފްޣާނީން ޤާނޫނީ ހުރުމަތުގެ ތެރެޔަށް އަނބުރާ ގެނެސްފައެވެ. ޤައުމުގެ ހުރަހަށާއި ދިގަށް އަމަން އަމާންކަން ފަތުރައިފައެވެ. އިސްލާމީ ޤާނޫނުތަކުގެ ހިޔަލުގައެވެ. ހުޅަނގުގެ މީޑިޔާތަކުން ތާލިބާނުންގެ "ޖާހިލުކަމާއި ޒަމާނަށް ނުފެތޭކަމުގެ" ލަވަތައް ހުއްޓާނުލައި ޖަހަޖަހައި ތިއްބެވެ.

(މިއީ 14 މާޗު 2019 ގައި ވަން އޮންލައިންގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ)

(ނުނިމޭ)