ޓުއަރިޒަމް ދުވަސް

އަންނަ އަހަރުގެ ޓޫރިޒަމް ދުވަހު ދުނިޔޭގެ އޯލް ސްޓާ ޓީމަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ނުކުންނަނީ

އަލީ ރިފްޝާން

އަންނަ އަހަރުގެ ޓޫރިޒަމް ދުވަހު ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ ޓީމެއް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާ ދެކޮޅަށް ނުކުންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ގައުމީ ޓީމާއި ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ ޓީމު ބައްދަލުކުރާ މެޗު ރޭވުމަށް ނިންމާފައިވާކަން މިނިސްޓަރު އަލީ ވަހީދު އިއުލާންކުރެއްވީ ކްރޮސްރޯޑްގައި މިރޭ ބޭއްވި ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ގާލާ ނައިޓްގައި ވާހަކަދައްކަވަމުންނެވެ.

އަލީ ވަހީދު ވިދާޅުވީ އަންނަ އަހަރު ވެސް ސެޕްޓެމްބަރު 26 އިން ފެށިގެން އޮކްޓޯބަރު 3ގެ ނިޔަލަށް ޓޫރިޒަމް ދުވަސް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށާއި އެގޮތުން އެ ދުވަހާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތަކީ ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ލެޖެންޑުންނާއި ގައުމީ ޓީމު ބައްދަލުކުރާ މެޗު ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމަށްފަހު ދެންނެވިން ދިވެހިރާއްޖެއަށް އަޅުގަނޑުމެން ގެންނާނަމޭ ކުރިން ނާންނަ މަންޒަރުތައް. ބޭރު ދުނިޔޭގައި، ލަންޑަން ފަދަ ތަންތަނުގައި ވެސް އެރީނާތަކުގައި އެ އޮންނަ ފަތުރުވެރިން އެ މެޗެއް ބަލަން އަންނަ ވަރުގެ ވޯލްޑް ކަޕް، ޕްރިމިއާ ލީގު ނުވަތަ ސްޕެނިޝް ލީގުގައި ކުޅެފައި ތިބި ކުރީގެ ތަރިންނާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަންނަ އަހަރުގެ ފަތުރުވެރިކަމުގެ އީދުގައި ކުޅޭ މަންޒަރު ދިވެހިރާއްޖޭގައި އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އަންނަ އަހަރުގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް އައްޑޫ، ހުވަދޫ އަދި ފުވައްމުލަކުގައި ބޭއްވުމުގެ މަސައްކަތްކުރާނެ ކަމަށާއި ރާއްޖެއަށް ފަތުރުވެރިން އަންނާނެ ސަބަބެއް، ނުވަތަ ރާއްޖޭގެ ރައްޔިތުން އުފަލާއެކު ފާހަގަކުރާނެ ކަމަކަށް މިކަން ވާންޖެހޭ ކަމަށެވެ.

މިއަހަރުގެ ޓޫރިޒަމް ހަރަކާތްތަކަށް ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ ވެރިންގެ އިތުރުން ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ ވަނީ ރާއްޖެ އައިސްފައެވެ. އެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމުގައި ހިމެނުނު މޮޅެތި ކުޅުންތެރިންނަށް ވަނީ ފުރުސަތުތަކެއް ވެސް ލިބިގެންގޮސްފައެވެ.

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމަށް ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ދުބާއީގައި ބާއްވާ އިންޓަ ކޮންޓިނެންޓަލް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންގޮސްފައެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް ފަދަ ބޮޑެތި ކްލަބުތަކުގެ އެކަޑަމީތަކުން ވާދަކުރާ އެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ ޓީމު ވާދަކުރާނީ ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޮތުގައެވެ.

އޭގެ އިތުރުން ކިޑްސް ފުޓްބޯލް ފިއެސްޓާގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ވެސް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެ މުބާރާތުގައި ވިދާލި މުހައްމަދު އައިހަމް އިބްރާހީމާއި ހުސައިން އާއިޝް އަބްދުލް ވާހިދަށް ސެލްޓަ ވިގޯގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބިގެންދިޔަ އިރު، 11 އަހަރުން ދަށުގެ ކުޅުންތެރިއެއް ކަމަށްވާ އީތަން އިބްރާހިމް ޒަކީއަށް ވަނީ ސަލްގާޑޯގެ އެކަޑަމީގައި އެއް މަސް ދުވަހުގެ ޓްރެއިނިންގެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންގޮސްފައެވެ.