ކުޅިވަރު

އިބޫ ހުވާކުރުމުގެ ރަސްމިއްޔާތަށް ލީގު މެދުކަނޑާލައިފި

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ލީގު މެދުކަނޑާލައިފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ގަލޮޅު ފުޓުބޯޅަ ދަނޑު ތައްޔާރުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިހާރު ކުރިއަށްދާ ދިރާގު ދިވެހި ލީގުގައި ކުރިއަށް އޮތް ހަތަރު މެޗު ފަސްކޮށްފައިވާ ކަމަށެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދަނޑު ތައްޔާރުކުރުމުގެ ގޮތުން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ދަނޑު ވަނީ ރައްޔިތުންގެ މަޖިލީހަށް ނަގާފައިކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ.

އެފްއޭއެމްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ މުއްދަތުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ހުއްދައާ ނުލައި ގަލޮޅުދަނޑަށް އެއްވެސް ފަރާތަކަށް ވަނުމުގެ ހުއްދަ ނުދިނުމަށް މަޖިލީހުގެ އިދާރާއިން ވަނީ އަންގާފައެވެ.

މިބަދަލާއެކު، ކުރިއަށް އޮތް އާދީއްތަ އަދި ހޯމަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗުތައް އޮންނާނީ މިމަހުގެ 21 އަދި 22 ވަނަ ދުވަހުގައެވެ.

އެފްއޭއެމް ގެ ފުޓުބޯޅަ ކަލަންޑަރާ އެއްގޮތަށް މެޗުތައް ކުރިއަށް ނުދާތީ އެ އިދާރާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން ނުކުޅެއެވެ. އަދި ދާދި ފަހުން އެފްއޭއެމުން ވަނީ މިއަހަރުގެ ފުޓުބޯޅަ ސީޒަން ދިގުލައިގެން ދާތީ މިއަހަރުގެ އެފް.އޭ ކަޕާއި ޤައުމީ މުބާރާތްވެސް ނުބާއްވަން ނިންމާފައެވެ.