އުރީދޫ މޯލްޑިވްސް

ގެސްޓް ހައުސް ދާއިރާ ކުރިއެރުވުމަށް އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން އެއްބަސްވުމަކަށް

މިންހާ ފާއިޒް ރަޝާދު

ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ހިދުމަތްތަކުގެ އެހީގައި ދިވެހިރާއްޖޭގެ ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެ، އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުން އޮތީ އެމް.އެމް.ޕީ.އާރްސީގެ ރައީސް ތޮއްޔިބު މުހައްމަދު ޝަރަފްވެރި ކޮށްދެއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ނަޖީބް ޚާނ އެވެ. ގޭމްގެ ފަރާތުން ރައީސް އަހުމަދު ކަރަމްއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ނަޖީބާ ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއަށް ޒިޔާރަތް ދަތުރުކުރާ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ދިނުމުގައި ބައިވެރިވުމަކީ، އެންމެންގެ ޒިންމާއެއް ކަމަށާއި، އުރީދޫ އިން ޑިޖިޓަލް ރާއްޖެއަށް ދެމުން އަންނަ އެއްބާރުލުމުގެ ދަށުން، ޑިޖިޓަލް މެދުވެރިކޮށް ރާއްޖޭގެ ގެސްޓްހައުސް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ގޭމް އާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ.

"މިގޮތުން، ގޭމްއާ އެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ، ގެސްޓްހައުސްތަކަށް އެންމެ އެކަށޭނެ އަދި ބޭނުންވާ ޑިޖިޓަލް ޚިދުމަތްތަކާއި ގުޅުވާލަދީ، ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ގެސްޓްހައުސް ވިޔަފާރި އާ ހަރުފަތަކާހަމައަށް ގެންގޮސްދިނުމަށް." ނަޖީބް ވިދާޅުވިއެވެ.

ގޭމްގެ ރައީސް ކަރަމް ވިދާޅުވި ގޮތުގައި މި ވެވުނު ޕާޓްނާޝިޕަކީ ވަރަށް ގިނަ އެހީތެރިކަން ދެފަރާތަށްވެސް ލިބިދެވޭ މާނަވީ އެއްބަސްވުމެކެވެ. ގެސްޓް ހައުސް އިންޑަސްޓްރީ އެހާ ބާރުމިނެއްގައި ކުރިއަށްދިއުމުގައި އޮންލައިން ޓްރެވަލް އޮޕަރޭޓާސް އަދި ޖުމުލަކޮށް ޑިޖިޓަލް އޭޖް މުހިންމު ރޯލެއް އަދާކުރާކަމަށް ކަރަމް ވިދާޅުވިއެވެ. އަދި އެންޑް ޓު އެންޑް ޑިޖިޓަލް ސޮލިއުޝަންސް ޕްރޮވައިޑަރެއްގެ ގޮތުގައި އުރީދޫގެ އެހީތެރިކަން ލިބުމުން އެކަމަށްޓަކައި އުރީދޫއަށް ކަރަމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން އުރީދޫ އިން މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މާހައުލާއި ގުޅޭ، ދިވެހި ގެސްޓްހައުސް ތަކަށް ބޭނުންވާ ފަދަ ފަހުގެ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް ފޯރުކޮށްދީގެން، ގެސްޓްހައުސް ދާއިރާ އަށް އައު ފުރުސަތުތަކާއި ފާގަތިކަން ގެނެސްދިނުމަށްކަމަށް އުރީދޫއިން ބުނެއެވެ.