ފުރާނަދަންދެން

ފުރާނަދަންދެން - 40

4

ރޭގަނޑުގެ ކެއުން އާއިލާ ހުރިހާ މެންބަރުން އެއް ސުފުރާއިން ނިންމާލިއެވެ. ނަތާޝާއާ އެގޭ މީހުންނާ ދެމެދުގަ އޮތް ދުރުކަން ކޮންމެސް ވަރަކަށް ފިލައިގެން ދިޔައެވެ.

"ނަތާ...! މިއީ ދޮންބެދައްތަގެ ބެސްޓްފްރެންޑް އިނގޭ. ދޮންބެދައްތަ ފެނިއްޖިއްޔާ އިޝީ ވެސް އެތަނަކުން ފެންނާނެ" އީވް ހީލާފައި ވާހަކަދެއްކިއެވެ.

"ނަތާގެ ބެސްޓްފްރެންޑް އަޒްކީވެސް އެއްދުވަހަކުން މީޓްކޮށްލަން ގެންނާނަން އިނގޭ މިގެއަށް. ވަރަށް ސްވީޓްވާނެ" ނަތާޝާ ބުނެލިއެވެ.

ރާއިދާއެކު ނިކުމެ ނަތާޝާ ސައިކަލަށް އެރި ވަގުތު އެގޭ ކައިރިއަށް ސައިކަލުގައި ނާހިދް މަޑުކޮށްލިއެވެ. އެއާއެކު ރާއިދުގެ ފަހަތުގައި އިން ނަތާޝާގެ ލޮލާއި ނާހިދުގެ ލޮލާ އަމާޒުވެގެން ދިޔައެވެ.

"ނާހިދްބެ އަބަދުވެސް އަންނާނި ލަހުން" ރާއިދު ނާހިދާ ދިމާކޮށްލިއެވެ. ދޮރުމަތީގައި އީވް ކައިރީގައި ހުރި ނައިޝީ ނާހިދްގެ ސައިކަލް ފަހަތަށް އެރުމުން އެއީ ނާހިދްގެ އަނބިމީހާކަން ނަތާޝާއަށް އިނގުނެވެ. ނާހިދަށް އުނދަގުލެއްވިއެވެ. އެވާހަކަ ނަތާޝާ އޭނާގެ ކަޅި ލަސްލަހުން އެކި ދިމާލަށް ހަރަކާތްކޮށްލިއެވެ. ނަތާޝާ ހުންނަ ތަނެއްގައި އަޒްކާ ހުންނާނޭ އޭނާގެ ހިތް ބުނީ ކީއްވެކަމެއް ނޭނގެއެވެ. އެކަން ނަތާޝާއަށް ފާހަގަވެސްވިއެވެ.

"ނާހިދްބެ މިއީ އިނގޭ އަހަރެންގެ ޓުބީ ވައިފްއަކީ. އުންމީދުކުރަން ވެޑިން ނައިޓްގަ ނާހިދްބެ ލޭޓް ނުވާނެކަމަށް" ނާހިދް ކައިރިއަށް ސައިކަލް މަޑުކޮށް ނާހިދްގެ ކޮނޑުގައި ޖަހައިލަމުން ރާއިދު ކުރިއަށް ސައިކަލް ދުއްވާލިއެވެ.

"ހާދަ ފާޑަކަށް ތީނީ" ނާހިދް އިން ގޮތުން ނައިޝީ ބުނެލިއެވެ. ހީލަމުން ކުރިއަށް ސައިކަލް ދުއްވާލިއިރު ނާހިދް އިނީ ހިމޭނުންނެވެ.

ހެނދުނު ޑިޔުޓީ ނުޖެހުނަސް ފަތިސް ނަމާދަށްފަހު ގެއަށް އައިސް ކޮފީތައްޓެއް ބޮއެގެން ނާހިދް ބޭރަށް ދާން ފެށިއެވެ. އެކަމާއި ބެހޭގޮތުން ނައިޝީ ސުވާލެއް ނުކުރިޔަސް މިހާރު އޭނާ ހުރީ އެދާތަނަކާ ބެހޭގޮތުން ސުވާލުކުރަން ބޭނުންވެފައެވެ. ދެ މީހުންނާ އެއް ޑިޔުޓީއެއް ޖެހުނު ދުވަހު ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ނައިޝީ ނާހިދަށް ގޮވައިލިއެވެ.

"ވާހަކައެއް އަހާލަންތަ؟" ނައިޝީ ބުނެލިއެވެ.

"ހެހެހެ... އިޝީއަށް އެންމެ ހަމަޖެހިގެން ވާހަކަދެއްކެނީ ސައިކު މަތީގަތަ؟" ނާހިދް ހީލާފައި އަހައިލިއެވެ.

"ނޫން. ދެންމެ ހަނދާންވީމަ" ނައިޝީ ބުނެލިއެވެ.

"ހިނގާ މިއަދު ބްރެކްފާސްޓް އެކީގަ ނަގަން ދޯ. އޭރުން ތިވާހަކަވެސް ދެއްކޭނެއްނު" ނާހިދް ބުނެލިއެވެ. އެގޮތާ ނައިޝީ ރުހުނެވެ. އޭނާ ނާހިދާ އެކުގައި ވާގުތު ހޭދަކޮށްލަން ހުރީ ނިހާޔަތަށް ބޭނުންވެފައެވެ.

މެންދުރު ނަމާދު ވަގުތަށް ފިހާރަ ބަންދުކުރުމާއެކު މާހިލް ނިކުތީ ގެއަށް ދިޔުމަށެވެ. އަތުގައި ސައިކަލެއް ނުހުންނާތީ އޭނާ ގެއާ ދިމާލަށް ދިޔައީ ހިނގާފައެވެ. ގެ ހުންނަ މަގަށް އަޅައިލުމަށްފަހު މާހިލް މަޑުޖެހުނީ ކައިރި މިސްކިތުން ނަމާދު ކުރާ އަޑު އިވުމުންނެވެ. އޭނާ ލަސްލަހުން މިސްކިތާ ދިމާލަށް ފިޔަވަޅު އަޅައިލިއެވެ. މިސްކިތަށް ވަނުމަށްފަހު އޭނާ ދެކޮޅު ހޯދާ ބަލައިލިއެވެ. އެއްފަރާތުގައި ހުރި އިސްކުރު ބަރި ކައިރީގައި މީހުން ވުޟޫ ކުރަމުންދާތަން އޭނާއަށް ފެނުނެވެ. އެމީހުންނެކޭ އެއްފަދައިން އޭނާވެސް ވުޟޫ ކޮށްލައިގެން މިސްކިތަށް އެރިއެވެ. ނަމާދުގެ ހަރަކާތްތައް އިނގުނަސް އޭނާއަށް ނަމާދުގައި ކިޔާ ތަކެތި ނޭނގެއެވެ.

މިސްކިތުން ފައިބައިގެން ގެއަށް ވަންނަން ދިޔައިރު އޭނާގެ ހިތަށް ދުވަހަކުވެސް ނުލިބޭހާ ހިތްހަމަޖެހުން ލިބިފައިވެއެވެ. ސަބަބަކާނުލާ އޭނާއަށް ހެވުނެވެ. ނައިޝީގެ ލޯތްބަށްޓަކައި އޭނާ ހުރީ ދިރިއުޅުމަށް ކޮންމެ ބަދަލެއް ގެންނަން ޖެހުނަސް އެ ބަދަލެއް ގެންނަން ތައްޔާރަށެވެ.

ގޭތެރެއަށް ވަނުމާއެކު އޭނާގެ ނޭފަތުގައި ޖެހުނީ މެކްރޯނީގެ މީރު ވަހެވެ. ފުރަތަމަވެސް އޭނާގެ ހިތަށް އައިސް ވަނީ ނައިޝީއެވެ. ތުންފަތަށް ވެރިވެގެން ދިޔަ ފުޅާ ހިނިތުންވުމާއެކު އޭނާ މިސްރާބު ޖެހީ ބަދިގެއާ ދިމާލަށެވެ. ނަމަވެސް ބަދިގެއިން އޭނާއަށް މަރުހަބާ ކިއީ ނައިޝީއެއް ނޫނޭވެ. ދެބައި އުމުރުގެ ފިރިހެނެކެވެ.

"ކޮން ކުއްޖެއް؟" މާހިލްގެ ކަންފަތުގައި ޖެހުނު އަޑަކުން ފަހަތަށް އެނބުރި ބަލައިލިއެވެ. ކުރިމަތީގައި ހުރި ބުރުހާނުއްދީނަށް ހުރީ އެއީ މާހިލް ކަން ޤަބޫލުނުކުރެވިފައެވެ. އެހެންކަމުން އޭނާ މާހިލްގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލައިލިއެވެ. މާހިލްއަށް އައިސްފައިވާ ބަދަލު ފެނި އޭނާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ގިނަދުވަސްތަކަކަށްފަހު ލޯބިވާ ބައްޕަ ފެނުމުން މާހިލްގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އޭނާ ދުވެފައި ގޮސް ބުރުހާނުއްދީންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

"ތިއީ ބައްޕަގެ މާހިލްތަ؟ އަދިވެސް ޤަބޫލެއްނުކުރެވޭ" މާހިލްގެ ބުރަކަށީގައި ދެއަތުން ވަށާލަމުން ބުރުހާނުއްދީން ބުނެލިއެވެ.

"އައި މިސްޑް ޔޫ ސޯ މަޗް ބައްޕާ" މާހިލް ބުނެލިއެވެ.

"ލުކް މައި ސަން. ދަރިފުޅު ތިހާ އިމޯޝަނަލް ވީ ކޮންއިރަކު" މާހިލްގެ ގޮވައިގެން ގޮސް މޭޒު ކައިރީގައި ބައިންދަމުން ބުރުހާނުއްދީން ބުނެލިއެވެ.

"ނޭނގެ. ބައްޕަ ދެން އެހާ އަވަހަށް އެއްވެސް ތަނަކަށް ނުދާތީ" މާހިލް ބުނެލިއެވެ.

"ކިހިނެއްވެފަ ތިހެރީ. މިއީ ހަމަ އެ މާހިލް ތަ؟ ކޮބާ ތަންތަނުގައި ތޮރުފާފަ ހުރި އެއްޗެހި. ކޮބާ އިސްތަށިގަނޑު؟ ކޮބާތަ އެބޮޑު ޓީޝާޓުތައް؟" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"ބައްޕާ! އެއްވެސް ކަމެއް އަބަދަކު އެއްގޮތަކަށް ނޯންނާނެއްނު. އަޅުގަނޑުގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ" މާހިލް ވާހަކަދެއްކިއެވެ.

"ބައްޕައަށް އިނގޭ ނޫރީގެ ފިހާރައަށް ވަޒީފާއަށް ދާކަންވެސް. ބައްޕައަށް އިނގޭ ދެންމެގަ މިސްކިތަށް އެރިކަންވެސް. ބައްޕައަށް ނޭނގެނީ ތި ބަދަލުތައް ދަރިފުޅަށް އަންނަން މެދުވެރިވި ސަބަބު" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"އަދި އިނގޭނެ" ހީލާފައި މާހިލް ބުނެލިއެވެ. ނައިޝީގެ ވާހަކަ އަދި ހާމަކުރެވޭކަށް ނެތެވެ.

"މިފަހަރު މިއައީ މަސައްކަތްކޮށްދޭނެ މީހަކުވެސް ގޮވައިގެން. އެއީ ހަސަނު. އިންޑިޔާ މީހެއް" ދުރުގައި ހުރި މީހާ ދައްކައިލަމުން ބުރުހާނުއްދީން ބުނެލިއެވެ.

ނައިޝީއާއި ނާހިދް ހެނދުނު ސައިބޯން ދިޔައީ ހޮސްޕިޓަލު ކައިރީގައި ހުރި ކެފޭއަކަށެވެ. ތަނުގައި ހަމަޖެހިލުމަށްފަހު ނާހިދް ނައިޝީއަށް ބަލައިލިއެވެ.

"ކޮންވާހަކައެއް އަހަން އުޅުނީ" ނާހިދް އަހައިލިއެވެ.

"އެއީ.... އެއީ ނާހިދް މިހާރު ފަތިސް ނަމާދުކޮށްގެން ކޮންތަނަކަށް ތިދަނީ. މިހާރު އާންމު ކަމަކަށްވެއްޖެ އެކަންތައް" ނައިޝީ އަހައިލިއެވެ. ނާހިދް ހީލިއެވެ.

"އެއީ ހިތްހަމަޖައްސާލަން. ހަމަ ދުއްވާލަނީ. އެއީތަ އިޝީ ބުނަން އުޅުނު ވާހަކައަކީ" ނާހިދް ވާހަކަދެއްކިއެވެ.

"ނާހިދް އެއްވެސް ކަމެއް ސިއްރުކުރަންތަ އެބަ؟" ނައިޝީގެ މޫނުމަތީގައި ވަނީ ސީރިޔަސްކަމެވެ.

"ނުކުރަން. ކިހިނެއްވީ...؟" ނާހިދް ބުނެލިއެވެ.

"ކުރިން ދުވަހު ނާހިދް މޫދަށް އެރުނީކަން މިހާރު އިނގިއްޖެ މަށަށް. ބާތްޑޭ ފާހަގަކުރީއެއްނޫން. އިނގޭ ނާހިދަށް ބަދަލުތަކެއް އަތުވެއްޖެކަން. ޕްލީޒް ކިހިނެއްވެގެން ތިއުޅެނީ. އަނބިމީހާއަށް ވީތީ ބުނެބަލަ؟" މޭޒުމަތީގައި އޮތް ނާހިދްގެ ދެއަތް ތިލައިގައި ހިފާލަމުން ނައިޝީ ބުނެލިއެވެ.

"އެދުވަހު ޖަލްސާ ތެރެން ދިމާވި ކުރީގެ ރައްޓިއްސެއްދެކެ ނައްޓާފަ ހުރިވަރުން އަސްލު އެއީ. ކުޑަކުޑަ ޒުވާބެއް ކުރެވުނީމަ. އިޝީއާ މަންމަ ކަންބޮޑުވެދާނެތީ އެގަޑީގަ ނުބުނީ" ނާހިދް ވާހަކަދެއްކިއެވެ.

ނައިޝީގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ހިތުގައި އުފެދިފައިވި ޝައްކުތައް ފިލާ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. ލޯބިވާ ފިރިމީހާއަށް ޝައްކު ކުރެވުނީތީ އަމިއްލަ ނަފްސުދެކެ ރުޅިވެސް އައެވެ.

"އައި ލަވް ޔޫ ހަޒްބެންޑް" ނައިޝީ ބުނެލިއެވެ. ނާހިދް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ.

ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަންހުރި ފަރީޝާ ވިސްނަމުން ދިޔައެވެ. އަމީޒާގެ އާއިލާ ބައްދަލުކުރަން އެގެއަށް އަންނާނެކަމަށް ބުނެފައިވާ ވަގުތު ކުޑަތަންވަނީއެވެ. އެމީހުން އަމީޒާޢަށް ފެންނަހިނދު އަމީޒާގެ އަމަލުތައް ހުންނާނީ ކޮން ގޮތަކަށްބާއެވެ؟ ކުރީގެ ދުވަސްތަކަށް އަމީޒާގެ ހާލަތު ނުދާނެބާއެވެ. ސިކުނޑިއަށް އެއްވެސް އަސަރެއް ކޮށްފާނެބާއެވެ. އޭނާ ފޯނު ހިފައިގެން އައިސް ނާހިދްގެ ނަންބަރަށް ގުޅާލިއެވެ. އަމީޒާޢަށް ފަރުވާދިނީ ނާހިދަށް ވީތީ އޭނާ ބޭނުންވީ އެވާހަކަތައް ނާހިދާ ޙިއްސާކުރާށެވެ.

"ނަސީބަކުން އެވަގުތު އަޅުގަނޑު އެއްވެސް ކަމެއް ނޯންނާނެ. ތިގޭގަ މަޑުކޮށްލެވިދާނެ. އޭރުން ޕޭޝަންޓް ރިއެކްޓް ކުރާގޮތް އަޅުގަނޑަށް ފެންނާނެއްނު" ފަރީޝާ ދެއްކި ވާހަކަތައް އަޑު އެހުމަށްފަހު ނާހިދް ބުނެލިއެވެ.

އަޞްރުނަމާދު ކޮށްގެން އަޒްކާ ކޮޓަރިން ނިކުތްއިރު ހުރީ ބަނޑުހައިވެފައެވެ. ކާހިތްނުވެފައި ހުރުމުން މެންދުރު ނުކެއިކަމުގެ ނަތީޖާއެވެ. ބަދިގެއަށް ވަނީ ފަސޭހައިން ހަދާލެވޭ ކާއެއްޗެއް ތައްޔާރުކޮށްލުމަށެވެ. ބިސްގަނޑަކާ ހޫނު މައިލޯ ތައްޓެއް ހިފައިގެން އައިސް މޭޒު ކައިރީގައި އިށިންތަނާ ކޮޓަރިން ޙައްވަ ނިކުތެވެ. އަޒްކާ ޙައްވަގެ ބޮލުން ފެށިގެން ތިރިއަށް ބަލައިލިއެވެ. މުށި ކުލައިގެ ހައުސްކޯޓުގައި ޙައްވަ ތައްޔާރުވެފައި ހުރިވަރުން މުހިންމު ތަނަކަށް ދާން އުޅޭކަން އަޒްކާއަށް އިނގުނެވެ.

"ދަރިފުޅާ! މާމަމެން މިދަނީ ތަނަކަށް ދާންވެގެން އިނގޭ. ގޭދޮރު ތަޅުލައިގެން އިންނާތި އިނގޭ" ބަދިގޭ ދޮރަށް އަރާފައި ޙައްވަ ވާހަކަދެއްކިއެވެ.

"މާމެންނޭ... ބައްޕަވެސްތަ؟ ކޮންތާކަށް އެންމެން އަޅުގަނޑު ބަހައްޓާފަ" އަޒްކާ ވާހަކަދެއްކިއެވެ.

"މާތްﷲ އިރާދަފުޅުން މިދާ ތަނަކަށް ގޮށްސަ އަންނާނީ މާމަގެ ތިދަރިފުޅު ހިތްހަމަޖެހޭވަރުގެ ހަދިޔާއެއް ހިފައިގެން. ދަރިފުޅު ކެތްތެރިކަމާއެކު އިންތިޒާރުކުރޭ" އަޒްކާގެ ބުރަކަށީގައި ފިރުމާލަމުން ޙައްވަ ވާހަކަދެއްކިއެވެ. އަޒްކާ ވާނުވާ ނޭނގި ޙައްވަގެ މޫނަށް ބަލަމުން ދިޔައެވެ.

"ދެން ދަނީ އިނގޭ. ވަރަށް އަވަހަށް އަންނާނަން" ޙައްވަ ހިނގައިގަތެވެ.

ލަސްލަހުން ސައިބޮމުން ދިޔަ އަޒްކާ އިރުކޮޅަކު ވިސްނާލަން އިނެވެ. ޙައްވަ ދެއްކި ވާހަތަކުން ނަގަންވީ މާނައެއް އޭނާއަށް ނޭނގުނެވެ. މާމަ ގެންނަން އެބުނީ އޭނާ އުފާވާވަރުގެ ކޯޗެއްބާއެވެ؟ ނާހިދްގެ ނަން ހިތަށް ވަނުމާއެކު އޭނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. ކޮންމެސްކަމެއް ވާންއުޅޭ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވެން ފަށައިފިއެވެ. ފޯން ރިންގުވާން ފެށީ އޭނާ ހިމޭންކަމާއެކު މޭޒު ކައިރީގައި އިންދައެވެ.

"ނަތާ...! ގުޅަން އުޅެނިކޮށް ތިގުޅީ. އިނގޭތަ މި މާމަ ހިނގައްޖެ ވަރަށް ފާޑެއްގެ ވާހަކައެއް ދައްކާފަ" ކަންފަތާ ކޮނޑާ ދެމެދު ފޯނު ހައްޔަރުކޮށްލައިގެން ޒިންކު ކައިރީގައި ސައިބޮއެ ތަށި ދޮންނަން ހުރި އަޒްކާ ވާހަކަދެއްކިއެވެ.

"އެހެންތަ. އެބަދަން އިނގޭ ތިގެއަށް" އެކޮޅުން ފޯނުގައި ހުރި ނަތާޝާ ބުނެލިއެވެ.

އިތުރު ޚައިރާންކަމެއް އަޒްކާއަށް ލިބުނީ އޭނާއަށް ވާހަކަދައްކާނެ ފުރުސަތެއް ނުދީ ނަތާޝާ ފޯން ކަނޑާލީމައެވެ. ޙަގީގަތުގައި ނަތާޝާ ބޭނުންވީ ޙައްވަ އެގެއަށް ދިޔުމަށް ދަތުރަށް ފެށިތޯ ބެލުމަށެވެ.

އޭނާ ބަދިގެއިން ނިކުމެ ސޯފާގައި ޖައްސާލިއެވެ. ރިމޯޓު ނަގާފައި ޗެނަލްތައް ބަދަލުކުރަމުން ގޮސް މަޑުޖެހުނީ ހިންދީ ފިލްމަކަށް ލެވުނީމައެވެ.

ސިޓިންގރޫމުގެ ވަކިން ހުރި ގޮނޑީގައި އަމީޒާ އިނެވެ. ފަރީޝާ ބުނެގެން އަމީޒާ އިނީ ފެންވަރާ ރީތިވެލައިގެންނެވެ. އެގެއަށް ބަޔަކު އޭނާއާ ބައްދަލުކުރަން އަންނަކަން އިނގުނު ހިސާބުން ފެށިގެން އޭނާ އެ އިނީ އިންތިޒާރުގެ ވަގުތުތައް ގުނާލަ ގުނާލައެވެ. އޭނާގެ ހިތަށް ވަނީ އިންތިހާދަރަޖައިގެ އުފާވެރިކަން ލިބިފައެވެ. އޭނާ އުންމީދުކޮށްގެން ހުރީ ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ލޯބިވާ ދަރިފުޅު އަރުޝީ އޭނާގެ ކުރިމަތީގައި އައިސް ހުއްޓޭނެކަމަށެވެ.

ތަންކޮޅެއް ދުރުގައި ހަށަން ބަނދެލައިގެން ނާހިދް ހުރީ އަމީޒާގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ނުޝައިބާ ކައިރީގައި އިން ނަތާޝާ ނާހިދަށް ބަލައިލިއެވެ. އަޒްކާ ގޭގަ ބަހައްޓާފަ އަންނާށޭ ޙައްވަ ކައިރީގައި ގުޅާފައި ބުނީ ނަތާޝާއެވެ. ނާހިދް އެވަގުތު އެގެއަށް އަންނަން ހަމަޖެހިފައި އޮތްކަން ނަތާޝާއަށް އިނގުނީ ނުޝައިބާއާ ފަރީޝާ ދެއްކި ވާހަކަތައް އިވުމުންނެވެ. މިއަދު އެގެއަށް އަޒްކާ އައިނަމަ އެޅުވިގެންދާނީ އެހެން ފިލްމެކެވެ. ޕްލޭން ބަދަލުކުރަން ޖެހުނީ އެހެންވެއެވެ.

ދޮރަށް ބަލަހައްޓާއިގެން އިން އަމީޒާ އިންތަނުން ތެދުވީ ދޮރުފަތަށް އެޅިގެންދިޔަ ހިޔަނި ފެނުމުންނެވެ. އިރުކޮޅަކުން ނަތާޝާ ތެދުވެގެން ގޮސް ދޮރުމަތީގައި ހުއްޓުނެވެ. ޙަމީދު ދޮރު ކައިރީގައި ބެހެއްޓުމަށްފަހު ނަތާޝާ ޙައްވަ އަތުގައި ހިފައިގެން އައިސް އަމީޒާ ކުރިމަތީގައި ބެހެއްޓިއެވެ. ޙައްވަގެ މޫނަށް އަމީޒާ ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހަނދާނަށް މާޒީގެ ތެރެއިން ދުވަސްތަކެއް އަންނަމުން ދިޔައެވެ.

"މްމްމް....މަންމާ......." އަމީޒާގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. އޭނާގެ އަރިއަޅާލަން އުޅޭހެން ހީވުމުން ބޮލުގައި ހިފަހައްޓާލިއެވެ. ކަމެއްވެދާނެ ކަމަށް ތައްޔާރަށް ހުރި ފަރީޝާ އަމީޒާގެ ގައިގައި ހިފަހައްޓަން އުޅުނު ވަގުތު ދުރުގައި ހުރި ނާހިދް 'ނޯ' އޭ ބުނެލި އަޑު އިވުނެވެ. އެހެންކަމުން ފަރީޝާއަށް ޖެހުނީ ކުރިއަށް ނެރުނު އަތް ތިރިކޮށްލާށެވެ.

"ދަރިފުޅާ އަމީ... ކިހިނެއްތަ މަންމަގެ އަމީ.." އަމީޒާގެ ދެއަތުގައި ހިފަހައްޓާލަމުން ޙައްވަ ބުނެލިއެވެ. ހަމަ އެސިކުންތުގައި އަމީޒާ ޙައްވަގެ ގައިގައި އޮޅުލައިގަތެވެ. އޭނާ ރޮއެގަތް އަޑު ބޭރުގައި ހުރި ޙަމީދަށް އިވެމުން ދިޔައެވެ. ފިރިހެނަކަށް ވިޔަސް ޙަމީދު ދިޔައީ ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްކުރަމުންނެވެ. އެތައް ދުވަހަކަށްފަހު އޭނާ ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހެމުން އަންނާތީ އޭނާ ދިޔައީ އިހުސާސްތައް ހިފަހައްޓަން މަސައްކަތް ކުރަމުންނެވެ.

"މަންމާ...! އަހަރެން ރަނގަޅު. އެންމެން މަތިންވެސް ވަރަށް ހަނދާންވޭ.. ހަމީ.... ކޮބާ އަހަރެންގެ ފިރިމީހާ.... އަރުޝީ ކައިރިއަށް އަހަރެން ގެންދޭ" ޙައްވަ ގައިގައި ބައްދައިގެން ހުރެ އަމީޒާ ވާހަކަދައްކަމުން ދިޔަ މަންޒަރު ފެނުމުން އެންމެބޮޑު ހިތްހަމަޖެހުމެއް ލިބުނީ ދުރުގައި ހުރި ނާހިދަށެވެ. ޝޮކެއް ލިބުނަސް އަމީޒާގެ ހާލު އިތުރަށް ގޯސްނުވާނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮތެވެ.

"ދަރިފުޅު ބަލައި މަންމަމެން މިއައީ. ދަރިފުޅު ބޭނުންތަ ޙަމީއާ ބައްދަލުކުރަން އެއީ މަންމަގެ އަމީގެ ހަމީއެއްނު ދޯ" އަމީޒާގެ ބުރަކަށީގައި ފިރުމަމުން ދިޔަ ޙައްވަ ވާހަކަދެއްކިއެވެ. އަބަދުވެސް އަމީޒާއާ ޙައްވަ ވާހަކަދައްކަނީ އެހާ ލޯބިންނެވެ.

"ކޮބާ ހަމީ...؟ ހަމީ އަހަރެން ދޫކޮށްލީތަ މަންމާ. އަހަރެން ހަމީއަށް މަޢާފްކޮށްފިން" އަމީޒާ ވާހަކަދެއްކިއެވެ. އަމީޒާ ހަށިގަނޑާ ދުރުކޮށްލަމުން ޙައްވަ ފަހަތަށް އެނބުރި ޙަމީދަށް ގޮވައިލިއެވެ. ނަމަވެސް ޙަމީދު ފެނުމުގެ ކުރިން އަމީޒާ ދޮރާއި ދިމާލަށް ދުއްވައިގަތެވެ. އެއާއެކު އޭނާއަށް ކުރިމަތިން ޙަމީދު ރޮވިފައި ހުއްޓާ ފެނުނެވެ. އަމީޒާ ދެތުންފަތް ފިއްތާލައިގެން ހުރިއިރު ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ކުރިމަތީގައި އެހެރީ އޭނާ މުޅި އުމުރު އެކުގައި ހޭދަކުރުމަށް އަތުކުރި އޮޅާލި ދެލޯނޭދިއެދުނު އަޚްރަވެތި ޔާރާއެވެ. އެމީހެއްގެ ވަކިވެ ދިޔުމުގެ ސަބަބުން އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ލޯބިވެރިޔާއެވެ. އޭނާގެ ހިތުގައި އަދިވެސް ރަސްކަންކުރާ އަލަތު ލޯތްބެވެ.

"އަހަރެންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް. ކުށްވެރިޔަކީ އަހަރެންގެ ބައްޕަ. އެކަން އަހަރެން ޤަބޫލުކުރީ މިއަދުއެއް ނޫން. މާކުރިން. ހުރިހާ އެއްޗެއް އަހަރެންނަށް ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެ. އަހަރެންނަށް މަޢާފްކުރޭ" ޙަމީދު ވާހަކަދައްކަމުން ދިޔައެވެ.

"ނުކުރާނަން. ކީއްވެ އަހަރެން އަތުން އަރޫ އަތުލީ. ކީއްވެ އަހަރެން ބާކީކޮށްލީ. ކީއްވެ އިތުބާރުނުކުރީ؟ ކީއްވެ މިހުރިހާ ދުވަހު އަހަރެން ބަލާނައީ؟ އިނގޭތަ ގުރައިދޫގަ އަހަރެން އުޅުނު ހާލު. ފަރީ.... ފަރީ ނެތްނަމަ ދުވަހަކުވެސް އަހަރެން ހަމީއަކަށް ނުފެންނާނެ" ޙަމީދު ލައިގެން ހުރި ޓީޝާޓުގެ މޭމަތީގައި ދެއަތުން ހިފާލައިގެން ހުރެ އަމީޒާ ހިތުގެ ޝަކުވާތައް ބޭރުކުރަމުން ދިޔައެވެ.

"އަމީ...! އަހަރެންނަށް މަޢާފްކުރޭ. އަހަރެން މިއީ ކުށްވެރިއެއް. އަހަރެން ކުރި ކުށުގެ ޝަޒާ ލިބިއްޖެ. އަހަރެން މިހާރު ތަވްބާ ވެއްޖައިން. މިހާރު ހަމައެކަނި ބޭނުންވަނީ އާއިލާ ފުރިހަމަކޮށްގެން އާޚިރަތަށް މަސައްކަތްކުރަން" އަމީޒާގެ ދެއަތުގައި ހިފާ ގެނެސް މޭގައިޖައްސާ ބާރުކޮށްލަމުން ޙަމީދު ވާހަކަދެއްކިއެވެ.

"އަރޫ.... އަހަރެންގެ އަރޫ ކައިރިއަށް އަހަރެން ގެންދޭ. މިގޭގައި އަހަރެން ކުރިމަތީގައި އެހާ ގިނަ ދުވަހު އަރޫ އުޅުނުއިރުވެސް އެދަރިފުޅަށް އެންމެ ފަހަރަކުވެސް އަހަރެންނަށް 'ދަރިފުޅާ' އޭ ކިޔާ ގޮވައެއްނުލެވުނު" އަމީޒާ ވާހަކަދެއްކިއެވެ.

"އަހަރެން މިއައީ އަމީ ބަލާ. ހިނގާދާން" ޙަމީދު ބުނެލިއެވެ.

އެ ދެމަފިރިން ދައްކަމުން ދިޔަ ވާހަކަތަކާ ފެންނަމުންދިޔަ މަންޒަރުތަކުން އެތަނުގައި ތިބި ކޮންމެ މީހެއްގެ ދެލޮލުން ވަނީ ކަރުނަ ނީރާލާފައެވެ. ހިތުގައިޖެހި ހިތަށް ފުން އަސަރުތަކެއް ކުރުވާފައެވެ. ފަރީޝާ ހީކުރިގޮތާ ޚިލާފަށް އަމީޒާ ދާން ބޭނުންވެފައި ހުރިކަން އިނގުމުން ދެރަވިއެވެ. ނަމަވެސް އޭނާ އެކުވެރިޔާއަށްޓަކައި އުފާކުރިއެވެ. ފަރީޝާ ކައިރިއަށް އައިސް ނާހިދް ވާހަކަތަކެއް ދެއްކިއެވެ. އޭނާ ކޮޓަރިއަށް ވަދެފައި ދެން އައީ އަމީޒާގެ ބޭސްތައް އަޅާފައިހުންނަ ތަށި ހިފައިގެންނެވެ.

"އަމީގެ ޑޮކްޓާރ އެދިލެއްވި އަދިވެސް މިބޭސްތައް ކުރިއަށްގެންދަން. މަހެއްވުމުން ދައްކަން އަންނަން ލަފާދެއްވާ" ފަރީޝާގެ ހިތުގައި ޙަމީދާ މެދު ހިތްހަމަނުޖެހުން އޮތަތީ އޭނާ އަމީޒާގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކީ ޙައްވައާއެވެ. އެކަން ޙަމީދަށް އިނގުނެވެ.

ގެއިން ނިކުންނަން ދަމުން ނާހިދް ޖީބުގައި އޮތް ފޯނު ނަގާފައި ނަތާޝާއަށް ގުޅާލިއެވެ. ނަތާޝާ ފޯނު ނެގުމުން ކުޑަވަގުތުކޮޅަކު ބައްދަލުކޮށްލުމަށް އެދުނެވެ. ނަތާޝާ ބޭރަށް ނިކުތްއިރު ދޮރާށި ކައިރީގައި ނާހިދް ހުއްޓެވެ. ނަތާޝާ ކައިރީގައި ހުއްޓުމުން ނާހިދް ދުރު ބަލަން ފެށިއެވެ.

"ނަތާގެ ނަންބަރ ހޯދީ ރާދު އަތުން. ވަރަށްބޮޑު ވާހަކައެއް ބުނެލަންވެގެން" ދެޖީބަށް އަތް ޖަހައިލަމުން ނާހިދް ބުނެލިއެވެ.

"ކޮން ވާހަކައެއް؟" ނަތާޝާ އަހައިލިއެވެ.

"ނަތާއަށް އިނގޭނެ ނަތާ ކައިރީގައި މިވަގުތު އަހަރެން އަޒްކާގެ ވާހަކަ ނޫން އެހެން ވާހަކައެއް ނުދައްކާނެކަން. އަހަރެން ބޭނުންވަނީ ހަޔާތުން އެންމެފަހު ފަހަރަށް އަޒްކާއާ ބައްދަލުކޮށްލަން. އަހަރެން ބޭނުންވާ ސުވާލުތަކެއް އެބަހުރި. އަހަރެން ވަރަށް އުފާވާނެ މިކަން ނަތާ އަހަރެންނަށް ކޮށްދިނިއްޔާ" ނާހިދް ވާހަކަދެއްކިއެވެ.

"މަޢާފްކުރޭ ނާހިދް. ނަތާއަށް ތިކަން ނުވާނެ އަޒްކީ ކައިރީގައި ނުބުނެއެއް. ނަތާ އަޒްކީ ކައިރީގައި ބުނެލާފައި ޖަވާބެއްދޭނަން. އެކަމަކު މިއަދަކު ނުވާނެ. އެއީ މިއަދަކީ އަޒްކީއަށް ވަރަށް ބޮޑު ދުވަހެއް" ނަތާޝާ ވާހަކަދެއްކިއެވެ.

ޚައިރާންވެފައި ނާހިދް ނަތާޝާއަށް ބަލައިލީ އަޒްކާއަށް ބޮޑު ދުވަހެކޭ ބުނީމައެވެ. އަޒްކާ އަށް ބޮޑު ދުވަހަކަށްވީ ކީއްވެކަން އިނގެން އޭނާ ބޭނުންވިއެވެ.

"ދެންމެ މިގޭތެރޭގައި އާއިލާއެއް އެކުވެގެން ދިޔަތަން ނާހިދަށް ފެނުނެއްނު. އެއީ އަޒްކީގެ އާއިލާ. އަޒްކީގެ މަންމައާ ބައްޕައާ މާމަ. އަޒްކީއަށް އަދި ނޭނގޭނެ މަންމަ ގޮވައިގެންކަމެއް އެދަނީކީ" ނަތާޝާ އޮޅުންފިލުވައިދިނެވެ.

"ހަމަ ރަނގަޅަށްތަ؟ އަހަރެންނަށް މިހުރިހާ ދުވަހު ފަރުވާ މިކުރެވުނީ އަޒްކާގެ މަންމައަށްތަ؟" އަދިވެސް ނާހިދް ހުރީ ޤަބޫލުނުކުރެވިފައެވެ. އޭނާއަށް އުފާވެރިކަމެއް އިހުސާސް ކުރެވިގެން ދިޔައެވެ.

"ނާހިދަށް ނޭނގުނަސް ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެ. އަޒްކީގެ އަސްލު ނަމަކީ އަޒްކާއެއް ނޫން. އަސްލު ނަމަކީ އަރުޝީ" ނަތާޝާ އިތުރަށް އޮޅުންފިލުވައިދިނެވެ. ނާހިދްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އަޒްކާއަށްޓަކައި އުފާކުރިއެވެ.

ބެލް އަޅާލުމާއެކު ސޯފާގައި އޮތް އަޒްކާ ތެދުވެގެން ހިނގައިގަތްއިރު ކުރިއަށް އޮތް ދެތިން މިނިޓުގައި އޭނާއަށް ލިބެންއުޅޭ ބޮޑު އުފާވެރިކަމުގެ ހިލަމެއްވެސް ނުވެއެވެ. އޭނާ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި މީހާ ފެނި ޚައިރާންކަމެއް ލިބުނެވެ. އޭނާއާ ބައްދަލުކުރާހިތުން އުޅުނު އަމީދައްތަ އެހެރީ ކުރިމަތީގައި ވިއްޔާއެވެ. އަމީޒާގެ ދެލޯ ފެންކަޅިވެގެން ދިޔައީވެސް އޭނާ ބަލަހައްޓައިގެން ހުއްޓައެވެ.

"އަމީދައްތާ...! ނަތާއާ ދޯ އެކީގަ" އަމީޒާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން ނަތާޝާ ބޭރަށް ބޯދިއްކޮށްލިއެވެ. ނަމަވެސް އޭނާއަށް ބޭރުން ފެނުނީ ނަތާޝާއެއް ނޫނެވެ. ޙައްވައާއި ޙަމީދެވެ.

"މާމައާ ބައްޕަތަ އަމީދައްތަ ގެނައީ" އަޒްކާ ހީލަމުން ބުނެލިއެވެ. އެކަކުވެސް އަނގައިން ނުބުނެ އަޒްކާއަށް ބަލަހައްޓައިގެން ހުރިއިރު ކޮންމެ މީހެއްގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ކޮންމެ މީހެއްގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ.

"ދަރިފުޅާ...! އެންމެފަހަރަކުވެސް ބުނެބަލަ މަންމާއޭ... މިއީ ދަރިފުޅުގެ މަންމަ. ތިއީ މަންމަގެ އަރޫ. އަރުޝީ" އަމީޒާ ދައްކަމުންދިޔަ ވާހަތަކުން ވަގުތުން އަޒްކާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ގޮސް ޚައިރާންކަން ވަށައިލިއެވެ. އޭނާ އަމީޒާގެ މޫނަށް ބަލަހައްޓައިގެން ހުރީ ނުދަންނަ މީހެއް ފަދައިންނެވެ.

"އާނ ދަރިފުޅާ. އެއީ ދަރިފުޅުގެ އުފަން މަންމަ" އަޒްކާ ޙަމީދަށް ބަލައިލީ އޭނާގެ ބޮލުގައި ފިރުމާލަމުން ޙަމީދު ވާހަކަދެއްކުމުންނެވެ.

(ނުނިމޭ)