ސަރުކާރު

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ "އިމަޖެންސީ ރެސްޕޯންސް" ޓީމެއް!

އާނިފާ ހުސެއިން ސިރާޖް

1

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ، ހިލޭ ސާބަހަށް މަސައްކަތް ކުރާ "އިމަޖެންސީ ރެސްޕޯންސް" ޓީމެއް ތަމްރީނުކޮށް ހިދުމަތް ދޭގޮތަށް ހަމަޖައްސައިފިއެވެ.

ސަރުކާރުން މިކަން އިއުލާނުކޮށް ހާމަކޮށްފައި ވަނީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމަނާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެސްއޭޕީގެ ވިލުންވެރި މުޖްތަމައުގެ ބައިން ޖުމުލަ ހަތް ކަމެއް ހާސިލް ކުރުމަށް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ "އިމަޖެންސީ ރެސްޕޯންސް" ޓީމުތައް ތަމްރީނުކުރެވި ހިދުމަތް ދޭން ފަށާނެކަމަށް ބުނެފައިވެއެވެ.

ދިމާވާ ކާރިސާތަކާމެދު ރަށު ފެންވަރުގައި ފިޔަވަޅު އެޅުމުގެ ގާބިލުކަން ވަރަށް ކުޑަކަން ފާހަގަކޮށް އެސްއޭޕީގައި ބުނެފައިވަނީ މީގެ މައިގަނޑު ސަބަބަކީ މިކަމަށް ބޭނުންވާ އިންސާނީ އަދި ޓެކްނޮލޮޖިކަލް ވަސީލަތްތައް ލިބުމުގައި ދަތިތައް ހުރުން ކަމުގައެވެ.

ކުއްލި ހާލަތްތަކުގައި ރަށު ފެންވަރުގައި ބޭނުންކުރާނެ މުދާ ރަށްރަށަށް ފޮނުވުމުގައިވެސް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށް އެސްއޭޕީގައި ބުނެފައިވެއެވެ.

އެގޮތުން ވިލުންވެރި މުޖްތަމައެއް ބިނާކުރުމަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ "އިމަޖެންސީ ރެސްޕޯންސް" ޓީމުތައް ތަމްރީނުކުރެވި ހިދުމަތް ދޭން ފަށުމުގެ އިތުރުން "އާރލީ ވޯނިންގް އެންޑް އިމަޖެންސީ ކޮމިއުނިކޭޝަން ސިސްޓަމް"އެއް ގާއިމުކުރުމާއި، ހުރިހާ ރަށު އަދި އަތޮޅު ތަރައްގީ ކުރުމުގެ ޕްލޭންތައް ރިސްކު ބޭސް ޕޮލޭން ތަކަކަށް ހަދާނެކަމަށް އެސްއޭޕީގައި ބުނެފައިވެއެވެ.

ސަރުކާރުން ރޭ ތަައާރަފުކުރި ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭން އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ބަޔަކަށް ބަހާލައިގެންނެވެ. އެ ފަސް ބަޔަކީ، ނޫ އިގުތިސާދު، އޯގާތެރި ސަރުކާރު، ފަޚުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮވެރިކަމެވެ.