މާލެ

މާލޭގައި ދިރިއުޅޭ މީހުންގެ އަދަދުވަނީ ފަސްލައްކައަށް އަރާފައި، 2028ގައި ހަލައްކައަށްވުރެ މައްޗަށް އަރާނެ: ސަރުކާރު

މިއަހަރުގެ ހިސާބުތަކަށް ބަލާއިރު ބިދޭސީންނާއެކު މާލޭގެ ޖުމުލަ އާބާދީ ގާތްގަނޑަކަށް 530،000 އަށް އަރާ ކަމަށާއި މި ރޭޓުން ބަލާ ނަމަ 2028 ވަނަ އަހަރުގެ ނިޔަލަށް މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ 650،000 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމަނާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ވައުދެއްކަން ފާހަގަކޮށް އެސްއޭޕީގައި ބުނެފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމަކީ އިޖުތިމާއީ އަދި އިގްތިސާދީ ގިނަ މައްސަލަތަކެއްގެ އަސްލެއް ކަމަށް ވާތީ މިއީ މިހާރުން މިހާރަށްވެސް ހައްލުކުރަން ޖެހޭ މުހިންމު މައްސަލައެއް ކަމަށެވެ. އެހެންކަމުން ގޭބީސީއެއްގައި ހަތަރު މީހުން އުޅޭނެ ކަމަށް ބެލި ނަމަވެސް އިތުރު 30،000 ގެ ބޭނުންވާ ކަމަށާއި މުޅި ގައުމަށް ބަލާ ނަމަ އިތުރު 20،000 ގެ ބޭނުންވާނެ ކަމަށް އެސްއޭޕީގައި ބުނެފައިވެއެވެ.

ބޯހިޔާވަހިކަމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހިފައި ވުމާއި، މާލެ ތޮއްޖެހިފައި ވުމުގެ އިތުރުން ބޯހިޔާވަހިކަން ހޯދުމުގައި ހަރަދު ބޮޑުވުން އެސްއޭޕީގައި ފާހަގަކޮށްފައިވެއެވެ. ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ކުޑަ ރޭޓެއްގައި ލިބޭނެ ގޮތް ހަމަޖައްސާނެކަމަށް އެސްއޭޕީގައި ވަނީ ބުނެފަ އެވެ.

އެސްއޭޕީގައި އިތުރަށް ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގެދޮރު އިމާރާތްކުރުން އިތުރުކޮށް ގެދޮރު ހޯދުމުގެ މަސައްކަތް ފަހިކޮށްދިނުމުގެ މަސައްކަތަށް އިސްކަން ދީގެން ސަރުކާރުގެ ސިޔާސަތުތައް ރާވައި ކުރިޔަށް ގެންދާ ކަމަށެވެ. އަދި ގާނޫނަށާއި މިކަމުގައި ހަރަކާތްތެރިވާ އިދާރާތަކަށްވެސް އިސްލާހު ގެނެސް ސޯޝަލް ހައުސިންގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

ސަރުކާރުން ރޭ ތަައާރަފުކުރި ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭން އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ބަޔަކަށް ބަހާލައިގެންނެވެ. އެ ފަސް ބަޔަކީ، ނޫ އިގުތިސާދު، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮވެރިކަމެވެ.