Close Election
Close
ރާއްޖޭގެ މީޑިއާތައް

ނޫސްވެރިންނަށް ބިރު ދެއްކުމާއި ނުފޫޒުގެ މައްސަލަތައް މަދުވެގެން 50 އިންސައްތަ ކުޑަކުރަން އަމާޒު ހިފައިފި

ފަތޯނާ ފާއިޒު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނޫސްވެރިންނަށާއި މީޑިއާތަކަށް ނުފޫޒު ފޯރުވުމާ ބިރު ދެއްކުމާ ގުޅޭ މައްސަލަތައް 50 އިންސައްތަ މަދު ކުރުމަށް ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ހިމަނައިފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ސްޓްރެޓީޖިކް އެކްޝަން ޕްލޭން މައިގަނޑު ފަސް ދާއިރާއަކަށް ބަހާލާފައި ވާއިރު، އޭގެ ތެރެއިން ހެޔޮ ވެރިކަމުގެ ބައިގައި ހިމަނާފައިވާ އެއް ކަމަކީ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ގާއިމު ކުރުމެވެ. ސަރުކާރުން ރައްޔިތުންނަށް އަބަދުވެސް ޖަވާބުދާރީ ވާނެ ކަމަށާއި، ރައްޔިތުންނަށް އެއްވެސް ކަމެއް ނުފޮރުވާނެ ވާހަކަ އަކީ އެންމެ ކުރީއްސުރެވެސް ރައީސް ސޯލިހު ދައްކަވަމުން ގެންދަވާ ވާހަކަފުޅެކެވެ.

އެސްއޭޕީ ލޯންޗު ކުރުމަށް ރޭ ބޭއްވި ހާއްސަ ހަފުލާގައިވެސް ރައީސް އެކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހާސިލު ކުރަން ބޭނުންވާ ކަންކަން، އެކަން ކުރަން ބޭނުންވާ ތާރީހާއި، ފައިސާ ހޯދާނެ ގޮތާއެކު ހާމަ ކުރުމަކީ ރައްޔިތުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެހީތެރިވާނެ ކަމެއް ކަމަށެވެ. އަދި ކޮންމެ މީޑިއާއަކަށްވެސް ސަރުކާރާ ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

"ކޮންމެ ރައްޔިތަކަށް، ކޮންމެ މީޑިއާއަކަށް އަދި ކޮންމެ ފަރުދަކަށް ކޮންމެ ދާއިރާއަކުން އަޅުގަނޑުމެންނާ ސުވާލު ކުރެވޭނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ނޫސްވެރިންނަށް ބިރު ދެއްކުން ހުއްޓާލަން ޖެހޭ ކަމަށާއި، ނޫސްވެރިންނަށް ބޭނުން އެއްޗެއް ލިޔެވުމުގެ މިނިވަންކަން އޮންނަން ވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުވެސް ރައީސް ސޯލިހު ވިދާޅުވަމުން ގެންދެވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި މި ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ވަޒަންކޮށް ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ގައި ދިވެހިރާއްޖެ 22 ދަރަޖަ ވަނީ ކުރިއަށް ޖެހިފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ 22 ދަރަޖަ ކުރިއަށް ޖެހިފައިވާއިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕްރެސް ފްރީޑަމް އިންޑެކްސްގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ ދަރަޖަ ދިޔައީ ފަހަތަށެވެ.