މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ

ގުޅީފަޅު ޕޯޓު މަޝްރޫއު ނިންމައި 2022 ވަނަ އަހަރު ޚިދުމަތް ދޭން ފަށަނީ

ގުޅީފަޅުގައި ސަރުކާރުން ގާއިމުކުރަން ހަމަޖައްސާފައިވާ ޕޯޓުގެ މަސައްކަތް ނިންމައި، 2023 ވަނަ އަހަރު ނިމުމުގެ ކުރީން އެ ބަނދަރުގެ ހިދުމަތް ދޭން ފަށަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން މިކަން އިއުލާނުކޮށް ހާމަކޮށްފައި ވަނީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމަނާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ގުޅިފަޅު ޕޯޓުގެ ހިދުމަތް ފެށުމުގެ އިތުރުން، ވިޔަފާރިކުރާ ފަރާތްތަކުން މުދާ އެތެރެކޮށް އެކްސްޕޯޓު ކުރުމުގެ މުއާމަލާތުތައް ޕްރޮސެސް ކުރުމަށް ހޭދަވާ ވަގުތު މިހާރާއި އަޅައި ބަލާ އިރު، 25 ޕަސެންޓު 2023 ވަނަ އަހަރުގެ ނިޔަލަށް މަދު ކުރުމަށް ވެސް އެކްޝަން ޕްލޭންގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން، މި ބައިން އިތުރަށް ހިމަަނާފައިވާ ކަންތައްތަކުގެ ތެރޭގައި، ލައިޓް އިންޑަސްޓްރިއަލް އަދި އުފެއްދުންތެރިިކަމުގެ ޒޯންތަކެއް ރާއްޖޭގެ ދެ ސަރަހަދެއްގައި ގާއިމުކޮށް 2023 ވަނަ އަހަރުގެ ނިޔަލަށް އެ ދެ ޒޯނުގެ ހިދުމަތްވެސް ފެށުމަށް އެކްޝަން ޕްލޭންގައި ވަނީ ހިމަނައިފަ އެވެ.

މިދިޔަ އޮގަސްޓްމަހު ހުޅުމާލޭ ހުރަވީ ސްކޫލްގައި އެމްޑީޕީން ބޭއްވި ކައުންސިލަރުންގެ ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ގައުމީ ތަރައްގީގެ ޕްލޭންގައި، ރާއްޖެ ތަރައްގީ ކުރަން ރާވާފައިވަނީ މައިގަނޑު ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ. އަދި އެ ސަރަހައްދުތައް ކަނޑައަޅާފައިވަނީ އިގްތިސާދީ ހާލަތާއި އާބާދީއަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އަދި އެ ސަރަހައްދުތައް ފައިނަލް ކޮށްފައެއް ނުވެއެވެ.

ސަރުކާރުން ރޭ ތަައާރަފުކުރި ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭން އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ބަޔަކަށް ބަހާލައިގެންނެވެ. އެ ފަސް ބަޔަކީ، ނޫ އިގުތިސާދު، އޯގާތެރި ސަރުކާރު، ފަޚުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮވެރިކަމެވެ.