ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީގައި މަދުވެގެން 33 އިންސައްތަ އަންހެން މެންބަރުން ހިމެނުން ލާޒިމުކުރަނީ

އަލީ ރިފްޝާން

ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީތަކުގައި މަދުވެގެން 33 އިންސައްތަ އަންހެން މެމްބަރުން ހިމެނުން ލާޒިމުކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމަނާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީއާއި ބޯޑުތަކުގައި މަދުވެގެން 33 އިންސައްތަ އަންހެން މެމްބަރުން ހިމެނުން ލާޒިމުކުރާ ގޮތަށް ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭ ބަދަލު ގެންނާނެ ކަމަށް ސަރުކާރުގެ އެސްއޭޕީގައި ބުނެފައިވެއެވެ. އެކަން ލާޒިމުކުރުމަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީއަށް ބަދަލު ގެންނަން ޖެހޭނެއެވެ.

ރާއްޖޭގެ އެއްވަނަ ކުޅިވަރު ފުޓުބޯޅަ ރެގިއުލޭޓުކުރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ތާރީހުގައި ވެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ފުރަތަމަ ފަހަރަށް އަންހެން މެންބަރަކު އިންތިހާބުވެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފްއޭއެމްގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވަނީ ކުރީގެ މަޝްހޫރު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާއެވެ.

ކުޅިވަރުގެ ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.