އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ކުޅިވަރުގެ ބޮޑު އަމާޒު: ހަތަރު އަހަރުގެ ތެރޭ އައިއޯއައިޖީގައި ރާއްޖެއިން 70 މެޑަލް ހޯދުން

އަލީ ރިފްޝާން

ހަތަރު އަހަރުގެ ތެރޭ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން 70 މެޑަލް ހޯދުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމަނާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އަންނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި އައިއޯއައިޖީ ބާއްވާނެއެވެ. އެ ގޭމްސް ބާއްވާނެ ވަކި ރަށެއް ނުވަތަ ސިޓީއެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް، ގިނަ އަތޮޅުތަކެއްގައި އެ ގޭމްސްގެ އެކި އިވެންޓުތައް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ރާއްޖެއިން މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ އައިއޯއައިޖީ އިންނެވެ. އެގޮތުން މިއަހަރުގެ އައިއޯއައިޖީއަކީ ރާއްޖެއަށް އެންމެ ކާމިޔާބު ގޭމްސްއެވެ. މިއަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ވަނީ ޖުމުލަ 15 މެޑަލް ހޯދައިފައެވެ. އޭގެ ތެރޭގައި ހަތަރު ރަން މެޑަލް ވެސް ހިމެނެއެވެ.

ރާއްޖެއިން އަންނަ އަހަރުގެ އައިއޯއައިޖީއަށް ތައްޔާރުވުމަށް އެތުލީޓުންގެ ޓްރެއިނިންގެ މަސައްކަތްތައް މިހާރު ވަނީ ފަށައިފައެވެ. އަންނަ އަހަރުގެ ގޭމްސްގައި ރާއްޖޭގެ ފަރާތުން ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވާނެ ކަމަށް ބެލެއެވެ.