ވިޔަފާރި

ހަތަރު އަހަރުން ދަށުގެ ކުދިންނަށް ކްރޮސްރޯޑްސް އަށް ދިޔުން ހިލޭ

މަރިޔަމް ޝަހުދާ

ކްރޮސްރޯޑް މޯލްޑިވްސްގެ ދަ މެރީނާ އެޓް ކްރޮސްރޯޑްސް އަށް ދާން ބޭނުން އާންމުންނަށް އެ ފުރުސަތު ހުޅުވާލައި، ކްރޮސްރޯޑްސް އަށް ދިއުމުގެ ޓިކެޓުގެ އަގު އާންމުކޮށްފިއެވެ.

އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދިވެހިންގެ އިތުރުން ފަތުރުވެރިން، ބިދޭސީން އަދި ކުޑަކުދިންނަށް ދަ މެރީނާ އެޓް ކްރޮސްރޯޑްސް އަށް ފެރީން ދިއުމުގެ އަގު އާންމުކޮށްފައެވެ. އެގޮތުން ދިވެހިންނާއި ބިދޭސީންނަށް ދެކޮޅު ޓިކެޓުގެ އަގަކީ 160 ރުފިޔާއެވެ. ފަތުރުވެރިންނަށް ކްރޮސްރޯޑްގެ ފެރީގެ ހިދުމަތް ދެނީ ދެކޮޅު ޓިކެޓަށް 660 ރުފިޔާއަށެވެ.

ފެރީގައި ކްރޮސްރޯޑް ދެކޮޅު ޓިކެޓަށް ހަތަރު އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިން ދައްކަން ޖެހެނީ ބޮޑުމީހެއްގެ ޓިކެޓުގެ އަގުގެ 50 އިންސައްތައެވެ. މީގެ އިތުރުން ހަތަރު އަހަރުން ދަށުގެ ކުދިންނަށް މި ފެރީގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް ކްރޮސްސްރޯޑް މޯލްޑިވްސް އިން ބުނެއެވެ.

މާލެ އަތޮޅު އެނބޫދޫ ފަޅުގައި ފިޔަވަހި ތަކަކަށް ބަހާލައިގެން ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ ކްރޮސްރޯޑްސްގެ މެރިނާ އޮންނަނީ 15 މިނެޓުން ފެރީން ދަތުރުކޮށްގެން ދެވޭ ހިސާބުގަ އެވެ. އެއްފަހަރާ 30 ޔޮޓު ބަނދަރުކުރެވޭ މި މެރީނާއަށް ފެރީ ދަތުރު ކުރުމަށް ހަމަޖައްސާފައިވަނީ ހެނދުނު 10 އަކާއި ރޭގަނޑު 10 އަކާއި ދެމެދުއެވެ. މި ފެރީގައި ދަތުރު ކުރުމަށް ޑޮލަރުން އަދި ދިވެހި ރުފިޔާއިން ޓިކެޓަށް ފައިސާ ދެއްކޭނެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެތަނާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް ކްރޮސްރޯޑުން ވަނީ ފޯނު އެޕްލިކޭޝަނެއް ތައްޔާރުކޮށް އާންމުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ރިޒަވޭޝަން ހެދުމުގެ އިތުރުން، މުޅި ދުވަހުގެ ހަރަކާތްތައް ރާވަލުމަށް ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތު ލިބެއެވެ.